ޝަފީގުގެ އަރިހުން ރައީސް މައުމޫން މައާފަށް އެދިވަޑައިގަތުމަށް ރައީސް ނަޝީދު އިލްތިމާސްކުރައްވައިފި
ތާރީހީ ލިއުންތެރިޔާ އަހުމަދު ޝަފީގު ގޮވައިގެން ކޯޓަށް ވަޑައިގަތުމަށްވުރެ، އޭނާގެ އަރިހުން މާފަށް އެދިވަޑައިގަތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް މާ ބޮޑަށް ވެސް ބުއްދިވެރިވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ރައީސް މިހެން ވިދާޅުވީ ހެންވޭރު ޝަފީގުގެ އަޙްމަދު ޝަފީޤް ލިޔުއްވާފައިވާ "އަޙްމަދު ޝަފީޤުގެ ޙަޔާތުން ދުވަހެއް" އަދި "އަޙްމަދު ޝަފީޤުގެ ކުރުވާހަކަ (1)" ނެރެދެއްވުމުގެ ޙަފްލާގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ކުރީގެ ރައީސް މައުމޫނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަވަން ބޭނުންފުޅު ނޫން ކަމަށާއި ނަމަވެސް ރޭ ނޫސް ބެއްލެވި އިރު އަހުމަދު ޝަފީޤު ގޮވައިގެން ކޯޓަށް ވަޑައިގެންނަވަން އުޅުއްވާ ވާހަކަ އޮތުން އެއީ ހައްދުން ނެއްޓުނީ ކަމަށެވެ. އަދި ޝަފީޤްގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ވަރަށް އިހްލާސްތެރިކަމާއި އަދަބުވެރިކަމާ އެކު ރައީސް މައުމޫންގެ އަރިހުން އެދިވަޑައިގެންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.ރައީސް ނަޝީދު ވިދާޅުވީ މިއީ ޝަފީޤްގެ މައްޗަށް ދައުވާ ކުރެއްވަންވީ ވަގުތެއް ނޫން ކަމަށާއި ޝަފީޤުގެ މައްޗަށް ދައުވާކުރައްވާ ކަމަށްވާ ނަމަ ދެން ދައުވާ ކުރައްވަން ޖެހިވަޑައިގެންނަވާނީ އެމަނިކުފާނާ ކަމަށާއި އެމަނިކުފާނާއި ދައުވާކުރައްވާ ނަމަ ޝަފީޤަށްވުރެ ހަތަރު ގުނަ އިތުރަށް އެމަނިކުފާނު ދައްކަވާނެކަން އެނގިވަޑައިގެންނަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.ޝަފީޤުގަކީ ރައީސް ނަޝީދު ވަރަށް ރަނގަޅަށް ދެނެވަޑައިގެންނަވާ ބޭފުޅެއް ކަމަށާއި އެކަން ހިނގި ގޮތް ޝަފީޤް ވެސް ހޯއްދަވަން ބޭނުންވާ ކަމަށާއި އަދި އެކަމުގެ އުގޫބާތެއް އަދި ޝަރީއަތް ވެސް ހިންގަވަން ބޭނުންވާ ކަމަށެވެ. އެހެންނަމަވެސް ރައީސް މައުމޫނަށް މިވަގުތު ކުރެއްވެވެން އޮތް އެންމެ ރަނގަޅު ކަމަކީ ޝަފީޤްގެ އަރިހަށް ވަޑައިގެން މައާފަށް އެދިވަޑައިގެންނެވުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ