ދަރިފުޅު މަރާލުމުގެ ދައުވާއަށް ޖަވާބުދޭން ޖެހޭނެ: ގާޒީ

ނަހަލާލަށް ވިހެއުމަށްފަހު ތުއްތު ދަރިފުޅަށް އިހާނެތިކޮށް ހިތުމުގެ ސަބަބުން ދަރިފުޅު މަރުވި ކަމަށް ބުނެ އެ ކުއްޖާގެ މަންމަގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ކުރި ހަތަރު ދައުވާގެ އަޑުއެހުންތަކުގެ ތެރެއިން ތިން ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ނަހަލާލަށް ވިހެއުމަށްފަހު ދަރިފުޅަށް އިހާނަތިކޮށް ހިތުމުން އެ ދަރިފުޅު މަރުވެފައިވާތީ ދައުލަތުން ދައުވާކުރަނީ ކ. ގުރައިދޫ ދޫރެސް، އައިމިނަތު އަޒްފާގެ މައްޗަށެވެ. އަޒްފާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުކޮޅު ގެއެއްގެ ފާހާނާ ތެރޭގައި ވިހެއި ދަރިފުޅު މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޭނާގެ އިހުމާލުން މަރުވިކަމަށްބުނެ އެވެ.
އަޒްފާގެ މައްޗަށް ދައުލަތުން ކުރި ހަތަރު ދައުވާއެއް ކުރެ އެވެ. އެއީ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ އާއި، ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ އާއި، ދޮގު ހެކި ދިނުމުގެ ދައުވާގެ އިތުރުން އަޒްފާގެ އިހުމާލުން ތުއްތު ދަރިފުޅު މަރުވެފައިވާތީ ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އެވެ.
ޒިނޭގެ ދައުވާ ކުރަނީ އަޒުފާ ވިހެއި ކުއްޖަކީ 2011 ވަނަ އަހަރުގެ ތެރޭގައި އޭނާ ލޯބީގެ ގޮތުން އުޅުނު މީހަކާއެކު ޒިނޭ ކޮށްގެން ލިބުނު ކުއްޖެއް ކަމަށް އޭނާ އިއުތިރާފްވެފައިވާތީ ކަމަށް ބުނެ އެވެ. ދޮގު ހެކިދިނުމުގެ ދައުވާ ކުރަނީ ކުއްޖާ ވިހެއުމަށް ފަހު އެ ކުއްޖާގެ ބައްޕައަކީ މިވެނި މީހެއް ކަމަށް ބުނެ ހޮސްޕިޓަލަށް މައުލޫމާތު ދިނުމުން ފޫޅުމާ ފޯމުގައި އެގޮތަށް ނަން ޖެހުމުން އެ ނަން އަޒުފާ އަމިއްލައަށް ކަނޑާލި ކަމަށް ބުނެ ތުއްތު ކުއްޖާގެ ބައްޕަގެ ނަން އޮޅުވާލާފައިވާތީ އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރީ ބަނޑު ބޮޑުވީއްސުރެން ވިހެއުމާ ހަމައަށް ވެސް ޑޮކްޓަރަށް ދައްކާފައި ނުވާތީ އާއި ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިނުވާތީ އެވެ. އެ ދައުވާކުރަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ.
ކުއްޖަކު މަރާލުމުގެ ދައުވާގައި ބުނަނީ އެ ކުއްޖާ ވިހެއުމަށްފަހު އެ ކުއްޖާއަށް އަޒުފާ އަޅާނުލައި އަދި ވެކްސިން ނުދޭތީ އާއި އެ ކުއްޖާއަށް ދޮޅު މަހުގައި ފެން ބޯން ދީފައިވާތީ އާއި އެކަންކަމުގެ ސަބަބުން ކުއްޖާ ހިކި އަނަރޫފަވެ ކުއްޖާ މަރުވެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދޮގުހެކި ދިނުމުގެ ދައުވާ އިއްވުމުން އަޒްފާ ބުނީ އެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ. އަދި ތުއްތު ކުއްޖާގެ ފޫޅުމާ ފޯމުގައި އެ ކުއްޖާގެ ބައްޕަގެ ނަން އޮޅުވާލައިގެން ޖަހާފައި ނުވާނެ ކަމަށާއި އެ ފޯމު ފުރާފައިވަނީ އެހެން ބައެއް ކަމަށެވެ. ނަމަވެސް ފަހުން އަޒްފާވަނީ އޮޅުވާލި ކަމަށް އިއުތިރާފުވެފަ އެވެ.
ފޫޅުމާ ފޯމުގައި ސޮއި ކޮށްފައިވަނީ އަޒްފާ އަމިއްލައަށްތޯ ގާޒީ ސުވާލު ކުރެއްވުމުން އަޒްފާ ބުނީ ފޯމުގައި ސޮއިކުރީ އޭނަ އަމިއްލައަށް ކަމަށެވެ. އަދި އެ ފޯމުގައި ހުރި އެއްވެސް އެއްޗެއް އޭނަ ކިޔާފައިނުވާ ކަމަށް ވެސް ބުންޏެވެ. ޝަރީއަތުގައި ތަކުރާރުކޮށް ގާޒީ ސުވާލުކުރެއްވުމުން ވެސް ސުވާލަށް އެދެވޭ ޖަވާބު ނުދިނުމުން ގާޒީ ވިދާޅުވީ ޝަރީއަތުގެ މަޖުލީހުގައި އަޒްފާ ދައްކާ ވާހަކަތައް ބަލައި ނުގަނެވޭނެ ކަމަށެވެ.
"އަޒްފާ ތި ދައްކަވާ ވާހަތައް ދެކޮޅު ނުޖެހޭ. ފޫޅުމާ ފޯމުގައި ސޮއި ކުރީ ބަލިވެގެންނޭ. އެވަގުތު ހުރީ ހާލު ދެރަވެފައޭ، އަދި އަމިއްލައަށޭ. މިވާހަކަތައް ގަބޫލެއް ނުކުރެވޭ. ކޯޓުން ކޮންގޮތަކަށްތޯ ނިންމަންވީ؟" ގާޒީ ސުވާލު ކުރެއްވި އެވެ. އެހިސާބުން އަޒްފާވަނީ ދޮގުހެކި ދިން ކަމަށް ވެސް އިއުތިރާފްވެ ފައެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އަޒްފާގެ މައްޗަށް އުފުލާފައިވާ މީހަކު މަރާލިކަމުގެ ދައުވާއަށް ޖަވާބުދާރީވުން އޮންނާނެ ކަމަށެވެ. އަދި ތުއްތު ކުއްޖާ މަރުވެފައިވަނީ އަޒްފާގެ އިހުމާލުންތޯ ނުވަތަ ނޫންތޯ މި ސުވާލަށް އެދުވަހުގެ އަޑުއެހުމުގައި ޖަވާބު ދޭންޖެހޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ އަޒްފާއަށް ދައުލަތުން ވަކީލަކު ހަމަޖައްސައި ދެއްވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުންވަނީ އަޒްފާގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ