އަބްދުﷲ ގާޒީ ހައްޔަރުކުރުމުގައި ޖަލީލުގެ ދައުރެއް އޮތް ކަމެއް ނޭނގޭ: ދައުލަތުގެ ހެކިން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިވެރިން ޝަރީއަތުގައި ޖަލީލާ އެއްކޮޅަށް ހެކިބަސްދީފި އެވެ. ސިފައިން 2012 ވަނަ އަހަރު އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ މަޝްވަރާތަކުގަ އާއި އޭނާ ހައްޔަރުކުރުމުގައި ބައިވެރިވިކަމަށް ތުހްމަތުކޮށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަތަރު މީހަކު ވަނީ ހެކިބަސް ދީފަ އެެވެ. އެ އެންމެން ވެސް ބުނީ އެކަމުގައި ޖަލީލުގެ އެއްވެސް ދައުރެއް އޮތްކަން އެނގިފައި ނުވާ ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރިއިރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު އިބްރާހީމްގެ އަރިހުގައި އިސްކޮށް މަސައްކަތްކުރެއްވި އެމްއެންޑީއެފްގެ ލެފްޓިނަންޓް އަލީ އިހްސާން ވިދާޅުވީ ގާޒީ ހައްޔަރުކުރުމާ ގުޅޭ ގޮތުން މިނިސްޓަރު ބޭއްވި އެއްވެސް ބައްދަލުވުމެއްގައި ޖަލީލް ބައިވެރިވެވަޑައިގެންނެވި ތަން ފެނިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ގާޒީ ހައްޔަރުކުރި ދުވަހުގެ ރޭ ތޮލްހަތާއި އޭރު ސިފައިންގެ މާލޭ އޭރިއާ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީ ފުލުހުންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުގައި ވެސް ޖަލީލް ބައިވެރިވަޑައިގެންފައެއް ނުވެ އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ ގޮތުން، އެމްއެންޑީއެފްގެ އެޑްވައިޒަރީ ކޮމެޓީގައި ވެސް، މިނިސްޓަރަށް އެއްވެސް ފަހަރެއްގައި ޖަލީލު ލަފައެއް އަރުވާފައި ނުވާއިރު އެކަމާ ގުޅުންހުރި ކަމެއްގައި ލަފާ ހޯއްދަވާފައި ނުވާ ކަމަށް ވެސް އިހްސާން ވިދާޅުވި އެވެ. އަބްދުﷲ ގާޒީގެ އަމަލުތައް ހުންނަ ގޮތުން ފުލުހުންނަށް ދަތިތަކާ ކުރިމަތިވެފައިވާތީ އެކަމަށް ފިޔަވަޅެއް އަޅާދިނުމަށް ޑިފެންސް މިނިސްޓަރަށް އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހް ފޮނުއްވި ސިޓީގެ ކޮޕީއެއް ޖަލީލަށް އޭނާ އެރުވި ކަމަށާއި ނަމަވެސް އެކަމާ މެދު ޖަލީލު އެއްވެސް އެއްޗެއް ވިދާޅުނުވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ ސިޓީ ލިބުނު އިރު ގާޒީ ހައްޔަރުކުރުމުގެ އޮޕަރޭޝަނުގެ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ހިންގި "ލިބަޓީ ޝީލްޑް" އޮޕަރޭޝަނުގެ އިސް ކޮމާންޑަރަކަށް ހުންނެވީ ދީދީ ކަމަށާއި އެ އޮޕަރޭޝަނުގެ ހުރިހާ ކަމެއް ހިނގަމުންދިޔައީ ސީދާ މިނިސްޓަރާއި ދީދީއާ ގުޅިގެން ކަމަށް އިހްސާން ވިދާޅުވި އެވެ. އަދި އެ ދެމެދަށް އޮޕަރޭޝަން ތެރޭ ޗީފް އޮފް ޑިފެންސް ފޯސް މެދުވެރި ނުކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން އޭނާ ދޫކޮށްލުމަށް ހުރިހާ ކޯޓުތަކުންނާއި މިނިވަން މުއައްސަސާތަކުން ނެރުނު އަމުރުތައް އަރުވާފައިވަނީ ތޮލްހަތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ގިރިފުށީގައި ބެހެއްޓުމަށް ފަހު އޭނާގެ ސިއްހީ ކަންކަން ބެލުމަށް ހަވާލުކޮށްފައި ހުރި އެމްއެންޑީއެފްގެ މެޑިކަލް ސާވިސް ކޮމާންޑަރު ޑރ. އަލީ ޝާހިދު ވިދާޅުވީ ގާޒީގެ ސިއްހީ ކަންކަން ބަލަމުންދިޔައިރު އެއްވެސް އިރެއްގައި ޖަލީލްގެ ފަރާތުން އަމުރެއް އައިސްފައި ނުވާ ކަމަށެވެ. އެމްއެންޑީއެފްގެ ސައިކޮލޮޖިސްޓެއް ކަމަށްވާ އައިޝަތު ޒީނާ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ގިރިފުށީގައި ބެހެއްޓި ފަހުން އެ ރަށަށް ގޮސް އޭނާ ވަނީ ގާޒީއާ ބައްދަލުކޮށްފަ އެވެ. ގިރިފުއްޓަށް ދާން އެންގެވީ ތޮލްހަތު ކަމަށާއި އެ ރަށުގައި 21 ދުވަސް ހޭދަކުރިއިރު ވެސް ޖަލީލްގެ އެއްވެސް އަމުރެއް އައިސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށުގައި ހުރިކަން އޭނާގެ އާއިލާ އަށް އެންގުމަށް އެ ގެއަށް ދިޔަ ސަދަން އޭރިޔާ ކޮމާންޑަރު އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ވިދާޅުވީ އެއްވެސް އިރެއްގައި ޖަލީލްގެ ބައިވެރިވުމެއް އެކަމުގައި އޮތްކަން އެނގިފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ