އިންޓަ ސްކޫލް ވޮލީ ޗެމްޕިއަންކަން ލާލޭ އާއި ގަލޮޅު މަދަރުސާ ހޯދައިފި

މައިލޯ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ލާލޭ ސްކޫލް އަދި އަންހެން ބައިގެ ޗެމްޕިއަންކަން ގަލޮޅު މަދަރުސާ ހޮނިހިރު ދުވަހު ހޯދައިފަ އެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދިޔަ މުބާރާތުގެ 16 އަހަރުން ދަށުގެ ފައިނަލްގައި ދަރުމަވަންތަ ސްކޫލް އަތުން ލާލޭ މޮޅުވީ 3- 1 ސެޓުންނެވެ. މި ބައިގައި ހަތަރު ސްކޫލް ވާދަކުރި އެވެ. އެއީ ދަރުމަވަންތަ ސްކޫލާއި ގަލޮޅު މަދަރުސާ އާއި މަޖީދިއްޔާ އާއި ލާލޭ އަދި މާފަންނު މަދަރުސާ އެވެ. ފިރިހެން 16 އަހަރުން ދަށުގެ ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ލާލޭގެ އަފްޒަލް އިބްރާހިމް އާއި އެ ޓީމުގެ އާދަމް މިސްބާހާއި މުހައްމަދު އިޒުވާނާއި ދަރުމަވަންތައިގެ އިބްރާހިމް ފަޒީލް އިސްމާއިލް އަދި ހަސަން ތަސްލީމެވެ. އަންހެން 16 އަހަރުން ދަށުގެ ބައިގެ ފައިނަލްގައި ހިރިޔާ ސްކޫލް އަތުން ގަލޮޅު މަދަރުސާ މޮޅުވީ 3- 2 ސެޓުންނެވެ. މި ބައިގައި ހަ ޓީމު ބައިވެރިވި އެވެ. އެއީ އަމީނިއްޔާ ސްކޫލާއި ހިރިޔާ އާއި މުހްޔިއްދީން ސްކޫލާއި ގަލޮޅު މަދަރުސާ އާއި ފ. އަތޮޅު ތައުލީމީ މަރުކަޒު އަދި ލާލޭ ސްކޫލެވެ. އެކަމަކު ފ. އަތޮޅު ތައުލީމީ މަރުކަޒަށް މުބާރާތަށް ނާދެވުމުން މި ބައިގައި ވާދަކުރީ ފަސް ޓީމެވެ. މި ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ގަލޮޅު މަދަރުސާގެ އައިމިނަތު އަރީޝާ އާއި އައިޝަތު އަރީކާ އާއި މަރިޔަމް ތޫމާ އާއި ހިރިޔާގެ ނަޝްފާ ސައީދާއި އައިމިނަތު ޝިއާރާ އަދި އައިޝަތު ޝައްނަ އިސްމާއިލެވެ. ހޮނިހިރު ދުވަހު ކުޅުނު މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލްގައި ގަލޮޅު މަދަރުސާ އަތުން ކަލާފާން ސްކޫލް މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި ބައިގައި ވާދަކުރި ފަސް ޓީމަކީ މަޖީދިއްޔާ އާއި ގިޔާސުއްދީނާއި މުހްޔިއްދީނާއި ކަލާފާން އަދި ގަލޮޅު މަދަރުސާ އެވެ. މި ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ކަލާފާންގެ ނަޝްހަތު ނަސީމާއި އަހުމަދު ނާއިސް އަދްލީ އާއި ހަސަން ޖައިލަމް ރިޔާޒާއި ގަލޮޅު މަދަރުސާގެ މުހައްމަދު މައުޒޫފާއި އަހުމަދު ނާމީ އަދި މުހްޔިއްދީން ސްކޫލްގެ އަލީ ނާފިޒެވެ. ދެ ޓީމު ވާދަކުރި 14 އަހަރުން ދަށުގެ އަންހެން ބައިގައި މުހްޔިއްދީން އަތުން ކަލާފާން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ދެ ޓީމު ބައިވެރިވުމުން 14 އަހަރުން ދަށުގެ އަންހެން ބައި ކުރިއަށް ގެންދިޔައީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. މި ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ކަލާފާންގެ ފާތިމަތު ހުޝާމާ އިސްމާއިލާއި މަރިޔަމް ދީނާ އާއި އައިޝަތު އިނާޝާ އާއި މަރިޔަމް ޝައުޝަނާއި ތުގާ އަލީ ޝަރީފް އަދި މުހްޔިއްދީންގެ ފާތިމަތު ސުހާ އެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކޮމަންޑޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ