އިގުތިސާދު ނަގާ ކޮޅަށް ޖަހަން އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ޔާމީން: މައުމޫން

ގދ. ތިނަދޫން: މުރުޝިދު އަބްދުލްހަކީމް
މި ވަގުތު ގައުމަށް ބޭނުން ވަނީ އިގުތިސާދު ނަގައި ކޮޅަށް ޖަހައިދެވޭ ވަރުގެ ބޭފުޅަކު ގައުމުގެ ވެރިކަމަށް އިސްކުރުން ކަމަށާއި މިހާރު ވެރިކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެކަމަށް އެންމެ އެކަށޭނެ ކެންޑިޑޭޓަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި މިއަދު ޕީޕީއެމް ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުދިނުމުގައި މިވަގުތު ގައުމު އޮތް ހާލަތަށް ވިސްނަން ޖެހޭ ކަމަށާއި އެގޮތުން ބަލާ އިރު މިއަދު ގައުމަށް ބޭނުން ވަނީ އިގުދިސާދު ނަގާ ކޮޅަށް ޖަހައިދެވޭނެ ލީޑަރެއް ކަމަށެވެ. އަދި އެކަމަށް އެންމެ ގާބިލު ބޭފުޅެއް ކަމަށް ފެންނަން ހުރީ އިގުދިސާދީ ވަޒީރުކަމާއި ސަރުކާރުގެ އިސް މަގާމުތަކެއް މީގެ ކުރިން ފުރުއްވާފައިވާ އަބްދުﷲ ޔާމިނު ކަމަށް ތަކުރާރުކޮށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގައުމުގެ ހާލަތަށް މިހާރު ބަލާ އިރު ކުރިއަށް އޮތްތާގައި މި ގައުމަށް ބޭނުން ވާނީ ކޮންކަހަލަ ހުނަރުތަކެއް، ކޮން ކަހަލަ ތައުލީމެއް، ކޮންކަހަލަ ތަޖުރިބާތަކެއް ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެއްތޯ. އެހެން ބަލާއިރު އެއްވެސް ޝައްކެއް ނެތް ގޮތެއްގައި ރާއްޖެ މިވަނީ އިގުތިސާދީ ގޮތުން ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި. އިގުތިސާދު މިވަނީ އެއްކޮށް ހަލާކުވެފައޭ ދެންނެވިއަސް ކުށަކަށް ނުވާނެ. ރާއްޖޭގައި ވިޔަފާރި މިވަނީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފައި. ދިވެހި ރައްޔިތުންގެ އަތްމަތި މިވަނީ ވަރަށް ބޮޑަށް ދަތިވެފައި. މަސައްކަތްކުރާނެ ފުރުސަތެއް ވެސް ނުލިބޭ. މީހުންގެ އާމްދަނީ މިވަނީ ކުޑަވެފައި. މުސާރައްތައް ވެސް ވަނީ ކުޑަވެފައި. މި ކަހަލަ ވަގުތެއްގައި، މި ކަހަލަ ހާލަތެއްގައި އަޅުގަނޑުމެން ބޭނުންވާނީ މިކަންތައްތައް ކޮށްދޭނެ މީހަކު. ދިވެހި ރާއްޖޭގެ އިގުތިސާދު ނަގާ ކޮޅަށް ޖަހާނެ މީހަކު. ދިވެހި ރައްޔިތުންނަށް އިތުރުން ތަނަވަސް ކަމެއް ގެނެސްދޭނެ މީހަކު. ދިވެހި ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށްދީ ދިވެހި ރައްޔިތުންގެ އިގުތިސާދު އިތުރަށް ކުރިއަށް ގެންދާނެ މީހަކު. މިކަމަށް ވިސްނާ އިރު އަޅުގަނޑަށް ދަންނަވަން ޖެހެނީ ރައްޔިތުންގެ ކުރިމައްޗަށް މިހާރު ނިކުމެވަޑައިގެންފައި މިހާރު މިވާ، ހަތަރު ކެންޑިޑޭޓުގެ ތެރެއިން މި ދެންނެވި މަސައްކަތަށް އެންމެ އެކަށީގެންވާ ކެންޑިޑެޓަކީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް،" މައުމޫނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ދެވަނަ ބޮޑުހަނގުރާމަ އިނގިރޭސި ވިލާތުން ކާމިޔާބުކުރީ އެކަމުގެ ގާބިލުކަން ހުރި ބޭފުޅަކު ވެރިކަމަށް އިންތިހާބު ކޮށްގެން ކަމަށާއި ނަމަވެސް ހަނގުރާމަ އިނގިރޭސިން ކާމިޔާބުވުމަށް ފަހު ދެ ވަނަ ދައުރަކަށް އެ ގައުމުގައި އިނގިރޭސިން އިންތިހާބުކުރީ އެ ވަގުތު އެގައުމަށް ބޭނުންވާނެ އިގުތިސާދު ރަނގަޅު ކުރެވޭނެ ބޭފުޅެއް ކަމަށާއި އިނގިރޭސިން އެ ފަހަރު އަމަލުކުރި ގޮތް ނަމޫނާއަކަށް ނަގައިގެން މި އަހަރުގެ އިންތިހާބުގައި ޔާމީނަށް ވޯޓުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އެހެންވީމާ ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައި އިނގިރޭސިން އެދެއްކި ނަމޫނާއާ އެއްގޮތައް މި ވަގުތު އަޅުގަނޑުމެން އަމަލުކުރުމަކީ ކުރިއަށް އޮތް ފަސް އަހަރު ދިވެހި ރާއްޖެ ހެޔޮގޮތުގައި ތަރައްގީވެގެން ކުރިއަށް ދިއުމުގައި އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް. މިކަން ކާމިޔާބުކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް،" މައުމޫން ވިދާޅުވި އެވެ.
އިގުތިސާދީ ތަރައްގީގެ އިތުރުން އިޖުތިމާއި އެކި ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ޔާމިނަކީ ގާބިލު ކެންޑިޑޭޓެއްކަން އޭނާގެ ތަޖުރިބާ އިން ފެންނަން އެބައޮތް ކަމަށާއި އެކަމަށް އިތުރު ހެއްކެތް ބޭނުން ނުވާނެކަން ފާހަގަ ކުރައްމުން މައުމޫން ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އެންމެ އެކަށީގެންވާ މީހަކީ ޔާމިން ކަމަށެވެ.
މައުމޫނު ވިދާޅުވީ ޕިޕީއެމްއާ އެކު އެމްޑީއޭ އިން ކޯލިޝަން ހެދުން ވެގެން ގޮސްފައި ވަނީ ޕީޕީއެމް ކުރަމުންދިޔަ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ވިދާޅުވި އެވެ.
"ޕީޕީއެމްއާ އެމްޑީއޭ އިން މި ހެދި ކޯލިޝަނަކީ މި ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު މި އޮންނަ އިންތިހާބު ކާމިޔާބުކުރާނެ ކޯލިޝަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ