ސިޔާސީ މަސައްކަތުގައާއި އާންމު ދިރިއުޅުމުގަވެސް މިހާތަނަށް ބައްދަލުވި އެންމެ ހިކުމަތްތެރި ލީޑަރަކީ ގާސިމް އިބްރާހިމް: އަލީ ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްއަކީ ސިޔާސީ މަސައްކަތުގަވެސް އަދި އާންމު ދިރިއުޅުމުގަވެސް މިހާތަނަށް ބައްދަލުވެވަޑައިގެންނެވި އެންމެ ވިސްނުންތެރި، އެންމެ ހިކުމަތްތެރި ސިޔާސީ ލީޑަރު ކަމަށް، ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސިޔާސީ ދެ ޕާޓީއެއްގައި ކުރިން ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުންވެސް ސިޔާސީ މައިދާނުގައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލް ކުރައްވާފައި ވުމާއެކު، ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް އިންތިޚާބުވެ ވަޑައިގެން ފާއިތުމިވީ މަސްދުވަހުގެ ތެރޭގައި ކުރެއްވުނު ތަޖުރިބާއަކީ ކޮބައިތޯ، ތަފާތަކީ ކޮބައިތޯ، ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ހޯމަދުވަހުގެރޭ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، އެމަނިކުފާނަށް މިހާތަނަށް ބައްދަލުވި އެންމެ އޯގާތެރި ދިވެހި ރައްޔިތަކީ އޮނަރަބްލް ގާސިމް އިބްރާހީމް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ، ގާސިމް އިބްރާހިމްއަކީ ހިތްބޮޑު، އެހިތެއްގެ ޖާގަ އެންމެގިނަ ރައްޔިތުންނަށްއޮތް ނުވަތަ "ލިމިޓްލެސް" ހިތެއްގެވެރިއެއް ކަމަށެވެ.
ގާސިމްއާ އެއް ޕާޓީއެއްގައި މަސައްކަތް ކޮށްލަން މިލިބުނު މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ ކަމަށާއި، އަދި ޖުމްހޫރީ ޕާޓީއަށް ވަނުމުގެ ކުރިންވެސް ޖަރުމަނުވިލާތަށް އަރުވާލެވިފަ ހުންނެވިއިރު ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްއާ ބައްދަލުވެ އެއްޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްލިއިރު، ކުރިން ހީފުޅު ކުރެއްވިގޮތާ އޮނަރަބްލް ގާސިމް އިބްރާހިމް މުޅިން ތަފާތު ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
"އޮރަބްލް ގާސިމް އިބްރާހިމްއަކީ ކޮންމެ މީހަކުދޭ ޚިޔާލެއްވެސް އަޑުއައްސަވާ އަދި ޚިޔާލަކީ ގާސިމް އިބްރާހިމްއާ ތަފާތު ޚިޔާލެއް ކަމުގައިވިޔަސް، އެޔަށް ވިސްނަވާ ވަރަށް ޖާގަ ދެއްވައިގެން ޑިމޮކްރަޓިކްކޮށް ނިންމުންތައް ނިންމަވާ ލީޑަރެއް. މިއީ، އެއްވެސް ހާލެއްގަ އެހެން ސިޔާސީ ލީޑަރަކަށް ދަންނަވާ ދެރަބަހެއްނޫންމީ" އަލީ ވަހީދު ވިދާޅުވިއެވެ.
އެހެންނަމަވެސް، ގާސިމް އިބްރާހިމްއަކީ ހަގީގަތުގަ ރާއްޖޭގެ ރައީސްކަން ކޮށްލުމަށްޓަކައި ނުވަތަ ނުވަތަ ތަނެއް ލީޑްކޮށްލުމަށްޓަކައި އޭގެ ކޮމްޕްލީޓް ޕެކޭޖް ހިމެނިގެންވާ ތަޖުރިބާކާރު މުފައްކިރެއް ކަމަށް ޖޭޕީގެ ރައީސް ވިދާޅުވިއެވެ.
އަލީ ވަހީދުގެ ވާހަކަފުޅުގައި ވިދާޅުވީ، އާންމު ވިސްނުމަކުން ބައެއްފަހަރު ވިސްނާލީމަ އަޖައިބުވާވަރުގެ ކަންތައްތައް ގާސިމް އިބްރާހިމް އެބަކުރައްވާ ކަމަށެވެ.
"ރެއާ ދުވާލު ކޮންމެ މީހަކަށްވެސް މިއޮންނަނީ 24 ގަޑިއިރު. ގާސިމް އިބްރާހިމްއަށްވެސް އޮންނާނީ 24 ގަޑިއިރު. އެހެންނަމަވެސް، އެމަނިކުފާނު ބޭރުގައި އަރުވާލެވިގެން ދިރިއުޅުއްވަމުން، އާއިލީ ކަންތައްތައް ބަލަހައްޓަވަމުން، ވިޔަފާރީގެ ކަންތައްތައް، ފައުންޑޭޝަންގެ ކަންތައްތައް، މިވީ ދުވަސްކޮޅުގެ ތެރޭގައި ދަރިފުޅު ޖަލުގަ، ވިޔަފާރި ޖަލުގަ، އެކަމަކު އެންމެ ސިކުނޑިއަކުން މިހުރިހާކަމެއް ހަމަޖައްސަވަމުން، ކޯލިޝަން ތެރޭގައި ހުރި އުދާސްތައް ހަމަޖައްސަވަމުން، ދޫދެއްވަމުން، ވަރަށް ބައިވަރު ދޫތައްވެސް ދެއްވި ގާސިމް އިބްރާހިމް. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮމްޕްލީޓް ޕެކޭޖެކޭ އަޅުގަނޑުމެންގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމްއަކީ" އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ޔުނިވަރސިޓީއަކަށްގޮސް އެއްޗެއް ދަސްކުރުމަށްވުރެ ގާސިމް އަރިހަށްގޮސް މަސައްކަތް ކޮށްލީމާވެސް ލައްކައެއްޗެއް ދަސްވެގެން ދާނޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އާންމު ދިރިއުޅުމުގަވެސް އަދި ސިޔާސީ މައިދާނުގަ ކަމުގައިވިޔަސް އަދި ތަޖުރިބާގެގޮތުން ބެލިކަމުގައިވިޔަސް ހުރިހާ އެއްޗެއް ދަސްވެގެންދޭ. އަޅުގަނޑު ހަމަ މިފުރުސަތުގައި ޝުކުރުވެސް އަދާކުރަން ބޭނުންވޭ، ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުންނަށް އަދި ކޮންގްރެސްއަށް ވަޑައިގެންނެވި ބޭފުޅުންނަށް. އަޅުގަނޑު ދެކޭގޮތުގައި މިތަޖުރިބާއަކީ، މިފުރުސަތަކީ މަދުންނޫނީ މީހަކަށް ލިބިގެންދާނެ މުހިންމު ތަޖުރިބާއެއް ކަމަށް އަޅުގަނޑު ދެކެނީ. ﷲ އިރާދަކުރެއްވިއްޔާ އިޚްލާސްތެރި ކަމާއެކު މިމަސައްކަތުގައި އަޅުގަނޑު ގާސިމްއާއެކު އަދި ޖުމްހޫރީ ޕާޓީއާއެކު ސާބިތުވެ ހުންނާނަން" ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމްގައި ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ