ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަހަރަކަށްވުރެ އަހަރެއް ނިސްބަތުން އިތުރުވަމުން އަންނާތީ އެކަން ފާހަގަކޮށް ކޮންމެ މީލާދީ އައު އަހަރަކާއި ދިމާކޮށް ސަރުކާރުން މިހާރު ކޮންމެ އަހަރަކުވެސް އަންނަނީ ޚާއްސަ ޝޯވ އެއް ބާއްވަމުންނެވެ. އަދި ކޮންމެ އަހަރެއްގެ ޝޯވެސް ކުރީގެ އަހަރުތަކުގެ ޝޯތަކަށްވުރެ އިތުރަށް ފުރިހަމަކޮށް ބޮޑެތި ބަދަލުތަކާއި އެކު ގެނެސްދެވޭތޯ މަސައްކަތްކުރައްވައެވެ.
އެގޮތުން މިއަހަރުގެ ބޮޑު ޝޯވ "ވެލްކަމް 2018" ގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ފަންނާނުންގެ ހުށައެޅުންތަކެއް ފެނިގެންދާނެއެވެ. މީގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު 2 ލަވަކިއުންތެރިންކަމުގައިވާ ރާހަތް ފަތަޙް ޢަލީ ޚާނާއި މިކާ ސިންގް ހިމެނެއެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ޑާންސް ގޮރޫޕްތަކުގެ ނެށުންތައްވެސް ފެނިގެންދާނެއެވެ. ޝޯވގެ އެންމެހާކަމެއް ވިހާވެސް ކުލަގަދަކޮށް ކުރިއަށްގެންދިއުމަށް ކަމާއި ގުޅޭ އިދާރާތަކުން އަންނަނީ ވަރަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ.
1974 ވަނައަހަރުގެ ޑިސެމްބަރ މަހުގެ 9 ވަނަ ދުވަހު އުފަންވި ޕާކިސްތާންގެ މަޝްހޫރު މިއުޒިކީ ފަންނާނު ރާހަތް ފަތަޙް ޢަލީ ޚާން އަކީ ކްލެސިކަލަ މިއުޒިކަށް ލޯބިކުރާ ފަންނާނެކެވެ. އޭނާގެ ކުޅަދާނަ ކަންފެނިގެން ދަނީ މިއުޒިކްގެ ރީތިހަމަތަކަށް އަތުރާލަމުން އަންނަ ހިތްގައިމު ޣައްވާލީ ތަކާއި ޣަޒަލް ޖޯންރާތަކުންނެވެ.
1985 ވަނަ އަހރު މިއުޒިކީ ދުނިޔެއަށް އަރަންފެށި ރާހަތްގެ ތަރި ބޮލީވުޑްގައި ވިދަންފެށީ 2003 ވަނަ އަހަރު ފިލްމް ޕާޕް އަށް އޭނާ ކިޔައިދިން "މަން ކީ ލަގަން" މި ލަވައިންނެވެ. މިހާރު ރާހަތްގެ ލަވަތަކަކީ ދިވެހި ޒުވާނުންވެސް ލޯބިކުރާ ލަވަތަކަކަށް ވަނި ވެފައެވެ.
ރާޙަތްގެ އިތުރުން މިކުލަގަދަ ޝޯވގައި ދެން ބައިވެރިވުމަށް ހަމަޖެހިފައިވަނީ ވަކި މަޝްހުރުކަން ކުޑަ ފަންނާންއްނޫނެވެ. އާދެ! އިންޑިއާއަށް ނިސްބަތްވާ މިކާ ސިންގްއެވެ. މިކާ ގެ ފާހަގަކޮށްލެވޭ ލަވަތަކަށް ބަލާއިރު ފިލްމް "ސިންގް އިޒް ކިންގް" ގެ "ބަސް އެކް ކިންގް"، ފިލްމް "ޖަބް ވީ މެޓް" ގެ "މައުޖާ ހީ މައުޖާ" އަދި ފިލްމް "އިޝްޤިޔާ"ގެ "އިބްން-ބަޠުޠާ" ހިމެނެއެވެ. މިކާ ބޮޑަށް މަޝްހޫރުވެފައިވަނީ އަވަސް ލަވަތަށް ކިޔާ ފަންނާނެއްގެގޮތުގައެވެ.
މި ޝޯވއާއި ގުޅޭގޮތުން އެމް.އައި.ޓީ.ޑީ.ސީގެ އެޑްމިން އެންޑް އެޗް.އާރު އޮފިސަރ ޝަރްވާޒް އަބްދުﷲ ފާއިޒް ވިދާޅުވީ ޝޯ ކުރިޔަށް ގެންދާނީ އަލިމަސް ކާނިވާގައިކަމަށާއި، މި ޝޯވ ބަލާލުމުގެ ފުރުޞަތު އާއްމުންނަށް ހިލޭ ލިބޭނެކަމަށެވެ. މިޝޯ ރާވާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަނުންނެވެ. ޝޯ އޯގަނައިޒްކުރަނީ ދުބާއީގެ ޕޯޓްފޯލިއޯ މެނޭޖިން އިވެންޓްސް ކުންފުނިންނެވެ.
"ވެލްކަމް 2018" ގެ ޙަރަކާތްތައް 31 ޑިސެމްބަރ 2017 ވާ އާދިއްތަދުވަހުގެ ރޭ 08:30ގައި ފެށިގެން ކުރިއަށްދާއިރު އެކި ހިސާބުތަކުގައި ހަވާއެރުވުމުގެ ޙަރަކާތްތައްވެސް ކުރިއަށްދާނެއެވެ. މި ޝޯވގެ މީޑިއާ ޕާރޓްނަރަކީ ޕަބްލިކް ސާރވިސް މީޑިއާގެ މޯލްޑިވްސް ޓީވީއެވެ.
މީލާދީ އައު އަހަރަށް މަރުހަބާ ކިއުމަށް ބޮޑު ޝޯވ "ވެލްކަމް 2018" !
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ