ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހައްޔަރު ކުރެވުނީ ކޮންޓްރެކްޓް އުސޫލުން މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާއަށް ތައްޔާރު ކުރި ހުލާސާ ބަޔާނުގައެވެ. ނަމަވެސް ނަޝީދުގެ ފަރާތްޕުޅުން އެ ބަޔާން ކޯޓަށް އިއްވާފައިނުވަނީ އެކަށީގެންވާ ވަގުތު ލިބިފައި ނުވާތީ އެވެ. އެ ބަޔާން މިހާރު ވަނީ ރައީސް ނަޝީދުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައި އެވެ.
އެ ހުލާސާ ބަޔާނުގައި ވިދާޅުވެފައި ވަނީ މީހަކު މެރުމުގެ ތުހުމަތުގައި ޖަލުގައި ހުރިމީހެއްގެ މައްސަލައާ ގުޅޭ ލިޔުމެއް ހޮސްޕިޓަލުން ނުލިބޭކަމަށް ބުނެ ގާޒީ އަބްދުﷲ މުޙައްމަދު އެމީހާ ދޫކޮށްލިފަހުން، ހަމަ އެމީހާ އެހެން މީހަކު މަރާލި ހަބަރު ލިބުން ކަމަށެވެ.
ނަޝީދު އެ އިޝާރާތް ކުރައްވަނީ މިދިޔަ އަހަރު ތެރޭ މަރުހުކުމް ތަންފީޒު ކުރަން ޖަލަށް ލާފައި ހުއްޓަ ފިލި ގ. ކޯޒީ އިބްރާހިމް ޝަހުމް އަށެވެ.
ނަޝީދު ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީ އެ ކޮންޓްރެކްޓް ތެރޭގައި ހިމެނޭ ކަމަށް ބުނަން ޖެހުނީ ފަހުން މީހަކު މަރާލި މީހާވެސް އޭރު ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށް ވެފައި އޭނާ އެ ހާދިސާގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށުން ސަލާމަތް ކުރަން ކޯޓު މެދުވެރިކޮށް ދޫކޮށްލުމުގައި އަބްދުﷲ ގާޒީ ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި އެއީ ސީދާ ކޮންޓްރެކްޓް މެރުމެއްގެ ގޮތުގައި ފުލުހުންނަށްވެސް އަދި ހޯމް މިނިސްޓަރަށްވެސް ސިފަކުރެވުނު ކަމަށް ހުލާސާ ބަޔާނުގައި ވެއެވެ.
“އަޅުގަނޑަށް މަޢުލޫމާތު ލިބުނީ ވަޅިޖަހާ މީހާ ދޫކޮށްލިއިރު އޭނާ އޭރުވެސް ހުރީ މީހަކުމެރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގަކަމެވެ. ގާޒީ އަބްދުﷲ މުޙައްމަދު އޭނާ ދޫކޮށްލުމަށް ނިންމުމުން ދެން ފުލުހުންނަކަށް އޭނާ ހިފެހެއްޓޭކަށް ނެތެވެ. އޭނާ ނުކުމެ އެހެން މީހެއް ގަޔަށް ވަޅި ޖަހައި އެހެން މީހަކު މަރާލީއެވެ. މަރުގެ ތުޙުމަތުގައި ހައްޔަރުކުރެވޭ އެހެން މީހުން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާއިރު، އެ މައްސަލައިގެ ތުޙުމަތު ކުރެވޭ މީހާ ދޫކޮށްލާފައިވަނީ ސީދާ އެ މަގްސަދަށްޓަކައި ކަމަށް ފުލުންގެ އިދާރާއިން ދެކި، އެ މައުލޫމާތު އަޅުގަނޑަށް އެގޮތަށް ދީފައިވެއެވެ.” ނަޝީދުގެ ފަރާތްޕުޅުން ތައްޔާރު ކުރައްވާފައިވާ ހުލާސާ ބަޔާނުގައި ވެއެވެ.
ނަޝީދު ވިދާޅުވީ އެ ކުށްވެރިޔާ ކޯޓު މެދުވެރިކޮށް ދޫވެފައވާތީ އަބްދުﷲ ގާޒީގެ މައްސަލަ ތަހުގީގުކޮށްދިނުމަށް ޕޮލިސް ކޮމިޝަނަރުގެ އަރިހުން އޭރު އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ގާނޫނާއި ގައިދާ ހިލާފަށް އެކަން ކުރަން އަންގަވާފައިނުވާނެ ކަަމަށް ވިދާޅުވި އެވެ.
“ކަމިޝަނަރަ އޮފް ޕޮލިސް އަރިހުގައި އަޅުގަނޑު އެއްވެސް ޙާލެއްގައި ދެންނެވީ ގާނޫނާއި ގަވާއިދާއި ޚިލާފަށް އެކަން ކުރުމަކަށްނޫނެވެ. ރާއްޖޭގައި ކަނޑައެޅިފައިވާ ގާނޫނީ ހަމަތަކުގެ ތެރެއިން އެކަން ކުރުމަށެވެ. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ، ކަމާބެހޭ ފަރާތުގައި ވަކި ކަމެއްކުރާން ބުނުމުން ދެން އެކަމެއް ހިންގާ ވުޒާރާތަކާއި އިދާރާތަކުން އެކަން ހިންގަން ޖެހޭނީ ގާނޫނީ ހަމަތަކުގެ މަތިންނެވެ. 2008 ވަނައަހަރުގެ ފަހުކޮޅުގައި އަޅުގަނޑު މާލީ ވަޒީރު އަރިހު ދިވެހި ދައުލަތުގެ އާމްދަނީ 6 ބިލިއަން ރުފިޔާއިން 11 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ދަންނަވާފައިވާނެއެވެ. އޭގެ މާނައަކީ އެމަނިކުފާނު ސިފައިން ބޭނުން ކޮށްގެން ތަން ތަން ލޫޓުވުމެއް ނޫނެވެ.” ނަޝީދު ވިދާޅުވެފަ ވެއެވެ.
އޭނާ ފުލުންގެ އިދާރާއަށް ހާޒިރުކުރެވިފަ ނުވާކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން ކަމުން އަބްދުﷲ ގާޒީ އަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުން އެ ނުރައްކަލުން ސަލާމަތްވުމަށް ހޯމް މިނިސްޓަރަށް އެންގެވިކަމަށް ވިިދާޅުވެފައި ވެ އެވެ.
ބަޔާން ނިންމަވާލައްވަމުން ވެސް ނަޝީދު ވިދާޅުވެފައި ވަނީ ގާޒީ އަބްދުﷲ މުޙައްމަދު ގަދަބާރުން ތަނަކަށް ގެންދަން ނިންމާފައި ނުވާނެ ކަމަށާއި ފަދަ ކަމެއް ކުރުމަށް އަމުރެއްވެސް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ގާޒީގެ މައްސަލަ އެމަނިކުފާނާ ހަމައަށް އައުމުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެންގީ ގާނޫނުގައިވާ ގޮތުގެ މަތިން ގާޒީއާ މެދު ފިޔަވަޅު އަޅަން ކަމަށެވެ.
އެގޮތުން ބައެއްފަހަރު ޖުޑިޝަލް ސަރވިސަސް ކޮމިޝަނަށް އަނެއް ބައިފަހަރު ފުލުހުންގެ އިދާރާ އަށް، މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި، އެކަންކަން މާރަގަޅަށް ފުލުސް އޮފީހުންނާއި ޖުޑިޝަލް ސަރވިސަސް ކޮމިޝަނުންނާއި އަދި ރައީސް އޮފީހުގެ ލިޔެކިޔުން ތަކުން ސާފުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަބްދުﷲ ގާޒީ އަކީ ކޮންޓްރެކްޓަށް މީހަކު މެރުމުގައި ބައިވެރިވާ މީހެއް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ