ހުޅުމީދޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 800 ކިލޯވޮޓުގެ ޖަނެރޭޓަރެއް އިންސްޓޯލް ކުރަނީ

އައްޑޫ ސިޓީގެ ހުޅުމީދޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ކުރުމަށްޓަކައި 800 ކިލޯވޮޓުގެ ޖަނެރޭޓަރެއް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިންސްޓޯލް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމީދޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް 800 ކިލޮވޮޓުގެ ޖެނަރޭޓަރެއް އިންސްޓޯލް ކުރަމުން އަންނަ ކަަމަށާއި މިވަގުތު ރާއްޖެއަށް ކުރިމަތިވެފައިވާ ދަނޑިވަޅުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
އައްޑޫ ސިޓީއަކީ މާލެ ސިޓީ ނެގުމަށްފަހު މުޅި ރާއްޖޭގައިވެސް އެންމެ އާބާދީ ބޮޑު ސިޓީއެވެ. ނަމަވެސް ރާއްޖޭގެ ނިސްބަތުން ކަރަންޓުގެ މައްސަލަ އެންމެ ބޮޑު އެ ސަރަހައްދަކަށް އައްޑޫ ސިޓީ ވެގެންދާނެއެވެ. އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަކީ މިހާތަނަށް ހައްލު ކުރެވިފައި ނުވާ މައްސަލައެކެވެ. ނަމަވެސް މި ސަރުކާރު އައިފަހުން އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި 37 މިލިަން ޑޮލަރު (570 މިލިއަން ރުފިޔާގެ) ބޮޑު މަޝްރޫއެއް ޗައިނާގެ ކުންފުންޏަކާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކްއާ އެވެ. އެއީ މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގާ ގުޅުވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކުންފުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ