ހުމާމުގެ މަރުގެ މައްސަލާގައި ސުޕްރީމް ކޯޓުން މިރޭ ގޮތެއް ނިންމަނީ

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ކުށް ސާބިތުވެފައިވާ ހ. ލޮބީ، ހުސައިން ހުމާމްގެ މައްޗަށް ހުކުމް އިއްވުން ސުޕްރީމް ކޯޓުގައި މިރެއަށް ތާވަލްކޮށްފި އެވެ.
ވީނިއުސް އަށް އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ހުމާމަށް ހުކުމްކުރުމުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައިވަނީ މިރޭ 10:00 ޖަހާއިރު އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގެ ސައްހަކަން ކަށަވަރުކުރަން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް އިއްޔެ ވަނީ ނިންމާލާފަ އެވެ. ނަމަވެސް މިމައްސަލާގައި ހުކުމްކުރުމަށް އަޑުއެހުމެއް ބާއްވާނެ ދުވަހެއް އިއްޔެގެ އަޑުއެހުމުގައި އިއުލާންކޮށްފައެއް ނުވެ އެވެ. މިމައްސަލަ ސުޕްރީމް ކޯޓުގައި ބަލަނީ އެކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ.
ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓައިދިނުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ. ނަމަވެސް ހުމާމްގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށްދިނުމަށް އެދިފަ އެވެ.
އަފްރާޝިމް މަރާލި ކަމަށް ހުމާމް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއްގައި މީގެކުރިން އިއުތިރާފްވި ނަމަވެސް އަފްރާޝީމް މަރާލި ކަމަށް މިހާރު އޭނާ ދެކޮޅު ހަދަ އެވެ. ނަމަވެސް ދައުލަތުން ބުނީ ހުމާމް މީގެ ކުރިން ވެފައިވާ އިއުތިރާފާއި ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު ހުމާމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ހުމާމް މެރުމަށް ސުޕްރީމް ކޯޓުުން ތާއީދުކޮށްފިނަމަ އޭނާއަށް މަރުގެ އަދަބުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ޑރ. އަފްރާޝީމްގެ ވާރިސުން އޭނާއަށް މައާފްކުރުމެވެ. ވާރިސުން ހުމާމަށް މައާފްނުކޮށްފިނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާނެ އެވެ. ސަރުކާރުން މީގެ ކުރިން ބުނީ މަރުގެ މައްސަލައެއްގައި މީހަކު މެރުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިނަމަ އެ ހުކުމް އިއްވާތާ 30 ދުވަހުގެ ތެރޭގައި އެމީހެއްގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ.
ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އަދި އެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު އޭރު ދިރިއުޅުއްވި ހ. ފުންވިލު ގޭގެ ސިޑިމަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ