ގާސިމް އަށް ދަތިކުރާ މީހުންގެ ބޭނުމަކީ ގާސިމްގެ ހިތްވަރުފުޅު ބަލިކޮށްލުން - މައުމޫން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް ފިއްތުންތައް ކުރިމަތި ކުރުވަން ފަށާފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީސް، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ހުސްކުރި ފަހުން، ފުރަތަމަ ފަހަރަށް އެތަން ބައްލަވާލެއްވުމަށް ފަހު، ނޫސްވެރިންނަށް މައުމޫން ވިދާޅުވީ ކުއްލިއަކަށް ގާސިމަށް ދަތިކުރަނީ ކީއްވެގެން ކަން އެންމެންނަށް އެނގޭ ކަމަށެވެ.
މައުމޫން އެ އިޝާރާތް ކުރެއްވީ، ރައީސް ޔާމީނަށް އެމަނިކުފާނު ކުރައްވާ ތާއީދު އަނބުރާ ގެންދެވުމަށް ފަހު، އިސްލާހީ މަސައްކަތް ކުރިއަށް ގެންދިއުމަށް ގާސިމާ އެކު މި ހަފުތާގައި ބޭއްވި ބައްދަލުވުމަށެވެ.
"އެކަން ކުރާ މީހުންގެ ބޭނުމަކީ ގާސިމްގެ ހިތްވަރުފުޅު ބަލިކޮށްލުން. އެ ހުންނެވި އަޒުމް ބަލިކޮށްލުން. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަކީ އެ ކަހަލަ ބޭފުޅެއް ނޫން، އެއަށް ވުރެ މާ ހިތްވަރުގަދަ އަޒުމެއްގައި ހުންނެވި ބޭފުޅެއް،" މައުމޫން ވިދާޅުވި އެވެ.
ގާސިމަށް ދަތިކުރަނީ ކޮން ކަމަކުން ކަމެއް މައުމޫން ސާފުކޮށް ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު އެ މަނިކުފާނު މިގޮތަށް ވިދާޅުވިއިރު ގާސިމްގެ ވިޔަފާރިއާ ގުޅޭ ގޮތުން ކޯޓުގައި ކުރިއަށް ގެންދާ މައްސަލަތަކެއްގެ ޝަރީއަތް އަވަސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ކިތަންމެ ފިއްތުމަކާއި ދަތިތަކެއް ކުރިމަތިކުރިޔަސް، ގާސިމަށް އަސަރެއް ނުކުރާނެ ކަމަށް މައުމޫނު ވިދާޅުވި އެވެ. ޕީޕީއެމްގެ ހުރިހާ މެމްބަރުން ތިބީ ގާސިމްއާ އެކު ކަމަށާއި އޭނާ އަށް ކުރިމަތިކުރާ ހުރިހާ ކަމެއް ހައްލުކޮށްދޭން ޕީޕީއެމުން މަސައްކަތް ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ހަމައެއާއެކު އެމަނިކުފާނާ އެކުގައި މަސައްކަތް އެ ކުރާ 5،000 މީހުންގެ އާއިލާ އަށް ވެސް އަޅުގަނޑުމެން ޔަގީންކޮށް މި ދެނީ އަޅުގަނޑުމެން ތިބޭނީ ގާސިމް އިބްރާހިމް އާއި ޖުމްހޫރީ ޕާޓީއާ އެކުގައޭ. އެމަނިކުފާނު އެ ކުރައްވާ އިގްތިސާދީ މަސައްކަތްތަކަށް ބުރުލެއް އަރާގޮތަށް އަޅުގަނޑުމެން އެއްވެސް ދުލެއް ނުދޭނަން" މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ކުރާ ތާއީދު މައުމޫން އަނބުރާ ގެންދެވީ ޕީޕީއެމް ދެބައިވެ، ޕާޓީ ހިންގުން ސިވިލް ކޯޓުން ރައީސް ޔާމީނާ ހަވާލުކުރުމާ އެކު މައްސަލަ ހައްލު ނުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ