ޑރ. އަފްރާޝީމް ގެ މަރުގެ މައްސަލައިގައި ހުމާމް މެރުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެފައިވާ ހ.ލޮބީ ހުސެއިން ހުމާމް މެރުމަށް ކުރިމަނަލް ކޯޓާއި ހައިކޯޓުން ކޮށްފައިވާ ހުކުމަށް ސްޕްރީމްކޯޓުންވެސް ތާއީދު ކޮށްފިއެވެ.
ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސިޑީގެ ކައިރިންނެވެ.
ހުމާމް މެރުމަށް ކުރިމަންލް ކޯޓާއި ހައިކޯޓުން ކުރި ހުކުމަށް ތާއީދު ކޮށް ސްޕްރީމްކޯޓުން މިރޭކުރި ހުކުމުގައި ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ ކުރިމަންލް ކޯޓާއި ހައިކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކުރަންޖެހޭ އެއްވެސް ގާނޫނީ ހަމައެއް ނެތްކަމަށެވެ.
އަދި ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ކަމުގެ ކުށް ހުމާމުގެ މަށްޗަށް ސާބިތުވާކަމަށް ކުރިމަންލް ކޯޓައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ ރަގަޅަށް ކަމަށްވެސް ސްޕްރީމް ކޯޓުން މިރޭކުރި ހުކުމުގައި ބުނެފައިވެއެވެ.
ޑރ. އަފްރާޝީމް އަލީ ގެ މަރުގެ މައްސަލައިގައި ކުރިމަންލް ކޯޓާއި ހައިކޯޓުން ކުރި ހުކުމަށް ސްޕްރީމް ކޯޓުން ތާއީދު ކޮށްފައި ވަނީ ޑރ.އަފްރާޝީމް އަލީ ގެ މަރުގެ މައްސަލައިގެ ތަހުގީގް ފުރިހަމަ ވެފައި ނުވާކަމަށް ފުލުހުން ބުނެފައިވާތީ ހުމާމުގެ މައްޗަށް މިވަގުތު މަރުގެ އަދަބުދޭން ބޭނުންނުވާކަމަށް ޑރ. އަފްރާޝީމް އަލީ ވާރިސުން ބުނެފައިވަނިކޮށެވެ.
ޑރ. އަފްރާޝީމް އަލީ ގެ ވާރިސުން މިރޭ ސްޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޑރ. އަފްރާޝީމް އަލީ އަވަހަރާކޮށްލަން ބަޔަކު ފައިސާ ދިން ކަމަށް ފުލުހުން ބުނެފައި ވާއިރު އެއީ ކޮން ބައެއްކަން އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. އެހެން ކަމުން ޑރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ އެތައް ކަމެއް ސާފްވެފައި ނުވާތީ ހުމާމުގެ މައްޗަށް ގިސާސް ހިފަން އަދި ބޭނުން ނުވާ ކަމަށެވެ.
އިސްލާމީ ޝަރީއަތުގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭނީ މަރުވި މީހާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ޝަރީއަތުގައި ބުނުމުންނެވެ. އަދި ޝަރީއަތުގެ ހުކުމަށް ފަހު އަދަބު ތަންފީޒް ކުރުމުގެ ކުރިން ވެސް މަރަށް މަރު ހިފަން ބޭނުންތޯ ވާރިސުންނާ ސުވާލުކުރަން ޖެހޭނެ އެވެ.
މީހެއްގެ މަށްޗަށް ކުރިމަންލް ކޯޓާއި ހައިކޯޓުން މެރުމަށް ކޮށްފައިވާ ހުކުމަކަށް ސުޕްރީމް ކޯޓުން ތާއީދު ކުރި މީ ފުރަތަމަފަހަރެވެ.
މަރުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން މީހަކު މަރަން ޙުކުމް ކުރާތާ އެންމެ ގިނަ ވެގެން 30 ދުވަސް ތެރެގައި އެމީހަކު ދަން ޖައްސައިގެން މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ