ފުލުހުންގެ އެންމެ އިސްވާޖިބަކީ ޤާނޫނާއި ޤަވާއިދުިތަކާއި އެއްގޮތަށް ރައްޔިތުން ހިމާޔަތްކުރުން ކަމަށް ހެދުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) ޢަބްދުﷲ ރިޔާޟް ގޮވާލައްވައިފިއެވެ.
މިއަދު ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރައްވަން ފެށްޓެވި އަދި އިސްކަންދަރުކޮށީގައި ހުރި ބިނާ ހެއްދެވި ޕޮލިސް ކޮމިޝަނަރުގެ ހައިޞިއްޔަތުން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢަބްދުﷲ ރިޔާޟް ވިދާޅުވީ މިފަދަ ދުވަހަކު އެންމެ މުހިންމީ ރައްޔިތުންގެ ޙިމާޔަތުގައި ފުލުހުންގެ ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުކޮށްފައިވާ ފުލުހުން ޤައުމަށް ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެމީހުންނަށް ހެޔޮ ދުޢާކުރުން ކަމަށެވެ. "އެމީހުންނަށާ ހެޔޮ ދުޢާ ކުރަން. އެމީހުންގެ ޢާއިލާތަކަށް ހިތްވަރުދެން."
ޢަބްދުﷲ ރިޔާޟް ވިދާޅުވީ މިއަދު ޚިދުމަތުގައި ތިބި ފުލުހުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އެމީހުންގެ ޤައުމީ ވާޖިބު އަދާކުރުމަށް ކަމަށެވެ. "ފުލުހުން އަބަދުވެސް އެންމެ ބޮޑަށް ބަލަން ވާނީ ފުލުހުންގެ ޤާނޫނާ ޤަވާއިދަށް. ފުލުހުންގެ މައްޗަށް ކުރެވޭ އަމުރުތަކަށްވުރެ އިސްކަންދޭން ޖެހޭނީ އަމަލުކުރަންޖެހޭ ޤާނޫނާ ޤަވާއިދުތަކަށް."
ފަހަކަށް އައިސް ހިނގާފައިވާ ބައެއް ކަންކަމާއި ގުޅިގެން ފުލުހުންގެ ކިބައިގައި ވަރަށް ބޮޑެތި ބަދުނާމުތައް އެޅިފައިވާ ކަމަށާއި ފުލުހުން މަސައްކަތް ކުރަންވީ އެފަދަ ބަދުނާމުތަކުން ސަލާމަތްވެ ތިބުމަށް ކަމަށްވެސް ޢަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.
ޢަބްދުﷲ ރިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ކޮޓަރިކޮޅަށް، އަހްމަދު އަދީބުގެ އޯޑަރަށް ފިސްތޯލައެއް ވެއްދުމުގެ ތުހުމަތުވެސް މިހާރު ކުރެވިފައިވަނީ ފުލުހަކަށެވެ.
ޤާނޫނާ އެއްގޮތަށް ރައްޔިތުން ހިމާޔަތްކުރުމަކީ ފުލުހުންގެ އެންމެ އިސް ވާޖިބަކަށް ހެދުމަށް ޢަބްދުﷲ ރިޔާޟް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ