ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ރައީސް އޮފީހުން އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ މި ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ ދައުރު އަންނަ މަހުގެ ތެރޭގައި ހަމަވާތީ އެވެ.
ޓްރައިބިއުނަލްގައި މިވަގުތު ތިއްބެވި ފަސް މެންބަރުންނަކީ އިބްރާހިމް އަފީފް، އަބްދުއްސަލާމް، އަހްމަދު ސާވީ، ހަސަން ޒުހައިރުގެ ނަސްރުﷲ ޖަމީލް އެެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވުމާއި، އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި މާލީ ދާއިރާ ނުވަތަ ޓެކްސާއި ވިޔަފާރީގެ ދާއިރާ ނުވަތަ ގާނޫނީ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ.
މީގެ އިތުރުން ސިޔާސީ މަގާމެއްގައި ނުވަތަ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވުމާއި ސިވިލް ސާވިސް މުވައްޒަފެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މުވައްޒަފެއް ކަމުގައި ނުވުމާއި ބޭންކް ރަޕްސީ އިއުލާން ކުރެވިފައި ނުވުމާއި އަދި އެއްވެސް ކުންފުންޏެއް ހިންގުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުުނަލްއަކީ ޓެކްސްގެ މައްސަލަތަކުގައި ތަންތަން ބަލައި ފާސްކުރުމަށާއި ތަކެތި ހިފަހައްޓަން އަމުރު ނެރުމުގެ ބާރު ލިބިގެންވާ މުއައްސަސާއެކ އެވެ. އަދި މި ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ޓެކްސާ ގުޅޭގޮތުން މީރާ އިން ނިންމާ ކަންކަން ފުރަތަމަ މަރުހަލާގައި އިސްތިއުނާފް ކުރެވޭ އިދާރާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ