ޑީއާރްޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓިން ވަކި ކުރި މައްސަލަ ކޯޓުގެ ރިސެސް [ޗުއްޓީ] ދުވަސްވަރުގެ ތެރޭގައި ނުބެލުމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ރިސެސްގެ މުއްދަތުގެ ތެރޭގައި އެއްވެސް ޝަރީއަތެއް ނުހިންގި ނަމަވެސް އިދާރީ މަސައްކަތް ކުރިއަށްދާނެ ކަމަށް ކޯޓުން ބުންޏެވެ. އަދި މައްސަލަތައް ދިރާސާ ކުރުމުގެ މަސައްކަތްތައް ވެސް އެ މުއްދަތުގެ ތެރޭގައި ކުރިޔަށް ގެންދާނެ ކަމަށާއި އެކަމަކު ބަލާނީ ކޮންމެހެން ބަލަން ޖެހޭ މުހިންމު މައްސަލަތައް ކަމަށެވެ.
ކުރިން ނިންމާފައިވާ ގޮތުން އުމަރު ނަސީރުގެ މައްސަލަ ވެސް ރިސެސްގެ ތެރޭގައި ބެލުމަށް އޮތީ ހަމަޖެހިފަ އެވެ. އަދި އެ މައްސަލަ މިއަދަށް ޝެޑިއުލް ވެސް ކުރި އެވެ. އެކަމަކު އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ފަހުން ނިންމަވާފައި ވަނީ އެ މައްސަލައަކީ ރިސެސްގެ ތެރޭގައި ބަލަން ޖެހޭ ފަދަ މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ދެން ޝެޑިއުލް ކުރާނީ ރިސެސްގެ ފަހުން ކަމަށް ވެސް ކޯޓުން ބުންޏެވެ.
ޑީއާރްޕީގެ ޒެޑް ފެކްޝަނުގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު ކުރައްވާ ދައުވާގައި ބުނެފައި ވަނީ ޑިސެމްބަރު 2، 2010ގައި އޭނާ ޑީއާރްޕީން ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އޭނާ ވަކި ކުރުމަށް ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުން ބާތިލް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެ ދައުވާގައި އެދެ އެވެ.
އުމަރު ޑީއާރްޕީން ވަކިކުރި މައްސަލަ ރިސެސް ތެރޭގައި ނުބެލުމަށް ސިވިލް ކޯޓުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ