ރައްޔިތުން ބޭސްފަރުވާއަށް ސަލާން ޖެހުން ހުއްޓުމަކަށް ގެނެސްދެއްވީ ރައީސް ޔާމީން!

25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލާ އެކު ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައެވެ. ގައުމުން ބޭރަށް އަވައްޓެރި ގައުމުތަކަށް ޚައްސަކޮށް އިންޑިޔާއަށް ދާން ދިވެހި ރައްޔިތުންނަށް ޖެހޭ ތަކުލީފަށް ލުޔެއް އައިސް ރައްޔިތުން ބޭސްފަރުވާ ނުކުރެވިގެން ޖަހަމުން އައި ސަލާމަށްވެސް ނިމުމެއް ގެނައި ކަމެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.ރާއްޖޭގައި މިހާ ތަނަށް ބޭސްފަރުވާ ނުކުރެވޭ ކިތަންމެ ކިތަންމެ ބަލިތަކަށް އަމިއްލަ ފަސްގަނޑުގައި ތިބެގެން ބޭސްފަރުވާ ކުރެވޭ އިންތިޒާމު ދިވެހި އަޚުންނާ އުޚުތުންނަށް ތަނަވަސް ވެގެން ދިޔައެވެ.ރައީސް ޔާމީންގެ ހިކުމަތު އަމަލީ ބޭނުން ކުރައްވައިގެން އިމާރާތްކުރި ދަރުމަވަންތަ ހޮސްޕިޓަލަކީ އެއް ފުރާޅެއްގެ ދަށުން އެތައް ޚިދުމަތެއް ދިވެހި ރައްޔިތުން ލިބޭނެހެން ފަރުމާކުރެވި އިމާރާތް ކުރެވުނު ހޮސްޕިޓަލެކެވެ.އިންޑިޔާއިން ނުރުހިދާނެތީ ވަކިން ހޮސްޕިޓަލެއްގެ ގޮތުގައި އެ އިމާރާތް ހުޅުވަން މި ސަރުކާރަށް ނުކެރުނު ނަމަވެސް މި ސަރުކާރުން ވަނީ އެ ހޮސްޕިޓަލުގައި ބަލި މީހުންނަށް ކިދުމަތްދޭން ފަށާފައެވެ.ތަފާތު އެކި ޚިދުމަތްތައް އެ އިމާރާތް މެދުވެރިކޮށް ފޯރުކޮށްދެމުން ގެންދާއިރު މުޅިން އާ ޚިދުމަތެއް ދޭން ދަރުމަވަންތަ ހޮސްޕިޓަލުންވަނީ ފަށާފައެވެ.އެކުއަޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލުން ދޭން ފަށާފައިވާއިރު، މިއީ ރައީސް ޔާމީން މިޤައުމުގެ ސިއްހީ ނިޒާމަށް ގެނެސްދެއްވި ތަރައްގީއިން ފާހަގަކޮށްލެވޭ ކަމެކެވެ.އެކަން ފާހަގަކުރައްވާ ޕީޕީއެމުގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވީ، އަނެއްކާވެސް ޝުކުރު އަދާކުރަން ޖެހެނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށާ ފެނިގެން ދަނީ އިންތިޚާބުގައި ރައްޔިތުންގެ ހުރި މައްސަލަތަކާ ވާދަކުރެއްވި ކެންޑިޑޭޓަކާ ދެން އިންތިޚާބުގައި ވާދަކުރެއްވި އަނެއް ކެންޑިޑޭޓާ ހުރި ފަރަގު ކަމަށާ ރައީސް ޔާމީން ހައްލުކޮށްދެއްވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ކަމަށެވެ.ދަރުމަވަންތަ ހޮސްޕިޓަލުގައި މުޅިން އަލަށްފެށި އެކުއަޓިކް ފިޒިއޮތެރަޕީގެ ހިދުމަތް ފާހަގަކުރައްވާ، ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު އަހުމަދު ޖަމީލުވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފައެވެ.އެގޮތުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ހާމަވެގެން މިދަނީ މި ތަރައްޤީއަކީ ހަޤީގަތެއްކަންކަމަށެވެ. އަދި ވެރިކަން ނިމުމުން، ސިޔާސީ ހަސަދަވެރިކަމުގައި، ލީޑަރުން ޖަލަށްލުމުގެ ސަޤާފަތް ނިމޭނީ ކޮން އިރަކުން ކަމާމެދު ސުވާލު އުފައްދަވާ ޖަމީލު ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވީ އެހެން ނޫންކަމުގައިވަނީ ނަމަ ދެން އެ އުޅެނީ އެކަކު ގެނައި ތަރައްޤީ އަނެކަކަށް ހަޖަމް ނުވުމުގެ މައްސަލަކަމަށް ކަމަށެވެ.ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހެސެއިން މުހައްމަދު ލަތިފު ވިދާޅުވީ، ރާއްޖޭގައި ތިބެ އެފަދަ ޚިދުމަތެއް ލިބުމަކީ ލިބޭ ބޮޑު ނިއުމަތެއް ކަމަށާ ރައްޔިތުން އެދި ގޮވަމުން ދަނީ މިފަދަ ތަރައްގީއަށް ކަމަށެވެ.އަދި މި ފަދަ އެތައް ތަރައްގީއެއް ރައިސް ޔާމިން ދިވެހި ރައްޔިތުންނަށް ހޯއްދަވާދެއްވިކަން އޭނާގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ. 25 ފަންގިލާފިލާގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ނޭވާ ހޮޅިއަށް އެޅިފައި އޮތް ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އައިސީޔޫން ނެރެދިން ވެކްސިނެވެ.ނަމަވެސް މިއަދުގެ ސަރުކާރުން ދަނީ އެ އިމާރާތް ބޭނުން ނުކުރުމުގެ ގޮތުން ތަފާތު އުޒުރު ދައްކަމުންނެވެ. އެގޮތުން އެ ހޮސްޕިޓަލަކީ އައިޖީއެމްއެޗުގެ ގޮތްޕެއް ކަމުގައި ނިންމާ އެ ހޮސްޕިޓަލު ރަސްމީކޮށް ނުހުޅުވަން ނިންމިއެވެ.އަދި އެތަނަށް ބޭނުންވާ މެޝިނަރީޒްތައް ހޯދުމުގައިވެސް އިހުމާލުތަކެއް ވަމުން ގެންދާކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އޮތީ އެންމެ ސަބަބެކެވެ. އިންޑިޔާގެ ބަސް ގަބޫލުކުރުމެވެ.ވާނީ ވެސް އެހެންތާއެވެ. އެމީހުންގެ އިގްތިސާދުގައި ދިވެހިންގެ ހިއްސާ ވަރަށް ބޮޑު ވިއްޔާއެވެ. ޤައުމު ކިތަންމެ ކުޑައަޔަސް މި ޤައުމާ ރައްޔިތުންގެ ބޭނުން އިންޑިޔާއަށް ނުހަނު ބޮޑެވެ.ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ރައީސް ޔާމީން ގެނެސްދެއްވި އިންގިލާބީ ބަދަލަކީ އެއީ ސިއްރުނުކުރެވޭނެ ކަމެކެވެ. ރައީސް ޔާމީން މިޤައުމަށް ގެނެސްދެއްވި ތަރައްގީއަކީ ފަސްލާ ފޮރުވޭނެ އެއްޗެއްވެސް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ