ހއ. އަތޮޅުގެ ދެ ރަށެއްގެ ސްކޫލް ބެލެނިވެރިންނަށް ކުށުގެ ވެށިން ކުދިން ދުރުހެލި ކުރުމަށް މަޢުލޫމާތު ދީފި

ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށުގެ ވެށިން ދުރުކުރެވޭނެ ގޮތްތަކާ އަދި އެކަންކަމުގައި ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ބެހޭގޮތުން ހއ. ހޯރަފުއްޓާއި ތުރާކުނު ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މިހިނގާ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު އެ ދެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށްތަކަށް އަރައިގަންނަ މައިގަނޑު ސަބަބުތަކާއި އެކުދިން ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އެކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިން ދަރުބިއްޔަތު ކުރާނެ ރަނގަޅު ގޮތްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިނަށް ހެދޭ ގޯސްތަކާއި ގުޅޭ ގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި އެކުދިންނަށް ކުރާ ޖިންސީ ގޯނާތަކާއި، އެކުދިންގެ އަމަލުތަކުން މިފަދަ ކަންކަން ދެނެގަނެވޭނެ ގޮތްތަކާއި މިފަދަ އަމަލެއް ފާހަގަ ކުރެވޭނަމަ އަމަލު ކުރަންޖެހޭ ގޮތްތަކާ ބެހޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ސްކޫލުތެރޭގައާއި ސްކޫލުން ބޭރުގައި ކުދިންނަށް ހަނގާކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކާއި ހަނގާކުރުމުން ކުދިން ސަލާމަތް ކުރުމަށް ކުރެވިދާނެކަންކަމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އަދި ސައިބަރ ކްރައިމްއަކީ ކޮބައިކަމާއި ކުދިން އިންޓަރނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާއި ސައިބަރ ކްރައިމްގެ މައްސަލައެއް ފާހަގަ ކުރެއްވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ބެހޭގޮތުންވެސް ބެލެނިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ކުޑަކުދިންގެ ފަރާތުން އެފަދަ ކަމެއް ފެނިއްޖެނަމަ އެކުދިންނަށް ވިސްނޭގޮތަށް ކަންތައްތައް ބުނެދިނުމާ އެކުދިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ ދައުރާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.
ހއ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން ޢަބްދުލް ޤައްޔޫމް މަޢުލޫމާތު ދެއްވި މި ޕްރޮގްރާމްތަކުގައި ތުރާކުނު ސްކޫލުގެ 52 ބެލެނިވެރިންނާއި ހޯރަފުށި ސްކޫލުގެ 101 ބެލެނިވެރިން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ