އެމެރިކާއަށް ޖާސޫސުކޮށްދިން އެމެރިކާގެ މިރުޒާ މެރުމަށް އިރާނުގެ ކޯޓުން ހުކުމްކޮށްފި
އެމެރިކާއަށް ޖާސޫސު ކޮށްދިންކަމުގެ ކުށް ސާބިތުވެފައިވާ އީރާނު ދަރިކޮޅުގެ އެމެރިކާ ރައްޔިތަކު މެރުމަށް އީރާނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.އީރާނުގެ ގައުމީ ރޭޑިއޯއާ ހަވާލާދީ އަލްޖަޒީރާ ބުނީ އިއްޔެ މަރުގެ ހުކުމް އިއްވި އާމިރު މިރުޒާ ހިކުމަތީއަކީ އިރާގާއި އަފްޣާނިސްތާންގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގައި ތަމްރީނުތައް ހަދާފައިވާ މީހެއް ކަމަށެވެ. އަދި ޖާސޫސް ކުރުމަށް އޭނާ އީރާނަށް އައީ އާއިލީ ދަތުރެއްގެ ނަމުގައި އޮޅުވާލައިގެން ކަމަށް ވެސް އީރާނުގެ ރޭޑިއޯ އިން ވަނީ ބުނެފައިވެއެވެ.ޖާސޫސު ކުރިކަމުގެ ކުށުގައި އާމިރު މެރުމަށް ހުކުމްކުރީ ކޮން އިރަކު ކަމެއް އީރާނުން ހާމައެއް ނުކުރެ އެވެ. އާމިރަކީ އެމެރިކާގެ ސީއައިއޭގެ ޖާސޫސެއް ކަމަށް އީރާނުން ބުނި ނަމަވެސް އެމެރިކާ އިން ވަނީ އެކަން ދޮގުކޮށްފައެވެ. އެމެރިކާ އިން ބުނީ ސީޔާސީ ބޭނުމަށް ކުށެއްނެތް އާއްމުން އީރާނުން ހައްޔަރުކުރަމުންދާ ކަމަށެވެ.އުމުރުން 28 އަހަރުގެ އާމިރުއަކީ އެމެރިކާގެ އަރިޒޯނާއަށް އުފަން މީހެއް ކަމަށް ވިޔަސް އޭނާގެ އާއިލާއަކީ އަސްލު އީރާނުގެ ބައެކެވެ. އާމިރު އީރާނަށް ދިޔައީ އޭނާގެ މާމައަށް ޒިޔާރަތްކުރަން ކަމަށް އޭނާގެ ބައްޕަބުނެއެވެ. އާމިރުގެ ކުށެއް ކަމަށް އީރާނު ރޭޑިއޯ އިން ބުނެފައިވަނީ އީރާނާއި ދެކޮޅުވެރި ގައުމަކަށް މަސައްކަތްކޮށްދިނުމާއި ސީއައިއޭއަށް ނިސްބަތްވެ، އީރާނަކީ ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވާ ގައުމެއް ކަމަށް ތުހުމަތު ކުރަން މަސައްކަތްކުރުމެވެ.އާމިރު މެރުމަށް އީރާނުން ހުކުމްކޮށްފައި މިވަނީ ހޮރުމުޒް ކަނޑުއޮޅި ބަންދުކުރަން އީރާނުން އުޅުމުން އެމެރިކާ އާއި އީރާނާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ވަގުތެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ