މާދަމާ މަޖިލީހަށް ވަޑައިގަންނަވާނީ "ލަގަން ވިއްކާލާ" މެމްބަރުން: ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިހާބުކުރާ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަން ގެއްލޭގޮތް ހެދުމަށް ފަރުމާކޮށްފައިވާ ބިލްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފެށުމަށް ހަމަޖެހިފައި ވާއިރު، ގާނޫނުއަސާސީއަށް އިސްލާހް ގެނެސްގެން މެނުވީ މިފަދަ ބިލެއް މަޖިލީހަށްވެސް ބަލައިނުގަނެވޭނޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިވަގުތު ޖަރުމަނުވިލާތުގައި ހުންނެވި ގާސިމް އިބްރާހިމް ވީޓިވީ ލައިވް ކަވަރޭޖަށް ފޯނުން ދެއްވި އިންޓަރަވިއުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. ގޮނޑި ގެއްލޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
އެގޮތަށް އޮއްވައި، ގާނޫނުއަސާސީއަށް ބަދަލު ނުގެނެސް މެމްބަރުންގެ ގޮނޑި ގެއްލޭ ވަކި ގާނޫނެއް ހެދުމަކީ އެއްގޮތަކަށްވެސް ކުރެވޭނޭ ކަމެއްނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެންޓި ޑިފެކްޝަން ގާނޫނެއް ހެދުމަށް ފުރަތަމަ ޖެހޭނީ ގާނޫނުއަސާސީއަށް އިސްލާހް ގެންނަން. އެނޫންގޮތަކަށް ގާނޫނެއް ނުހެދޭނެ. ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނަށް އެނގެން ޖެހޭނެ އެކަން. މިއީ އެޖެންޑާވެސް ކުރެވޭނެ ބިލެއްނޫން" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، މެމްބަރުންގެ ގޮނޑި ގެއްލޭގޮތް ގާނޫނުއަސާސީގައި ކަނޑައަޅައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮއްވައި، ވަކި ގާނޫނެއް ހަދައިގެން އެކަން ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްވެސް ނޫން ކަމަށެވެ. ގާނޫނުއަސާސީއާ ތައާރުޒްވާގޮތަށް މިފަދަ ގާނޫނެއް ނުހެދޭނޭ ކަމަށް ވިދާޅުވިއެވެ.
ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތް ގާނޫނަކުން ހެދުމަކީ މެމްބަރުން އަޅުވެތިކުރުންކަމަށް ގާސިމް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް މިފަދަ ގާނޫނެއް ހެދުމުގައި ބައިވެރިވެގެންވެސް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު އާދޭހާއެކު މިދަންނަވަނީ އެފަދަ ކަމެއް ނުކުރުމަށް. އަޅުގަނޑު ދަންނަވާނީ މާދަމާ މަޖިލީހަށް ވަޑައިގަންނަވާ މެމްބަރުން ތި ވަޑައިގަންނަވަނީ ލަގަން ވިއްކާލާށޭ. އަސް ވިއްކިޔަސް ލަގަން ނުވިއްކާށޭ މުސްކުޅި ހަރުބަހެއްގައި އޮވޭ. ވީމާ، އެގޮތަށް އެކަން ނުކުރެއްވުން އެދެން. ހެޔޮނުވާނެ އެގޮތަށް އެކަން ކުރައްވާކަށް. ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެންނޫނީ ތިކަމެއް ނުކުރެވޭނެ" ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލެއް މަޖިލީހަށް ހުށަހަޅައިގެން އޭގެ ބަހުސް މާދަމާ މިފަށަނީ، އެފަދަ ބަހުސް ކުރުމަށް އަދި ގާނޫނެއް ފާސްކުރުމަށްވެސް ބޭނުންވާ ގާނޫނީ އަދަދު ނެތީސްކަން ގާސިމް ފާހަގަ ކުރެއްވިއެވެ.
ރައްޔިތުންނާ ގުޅުންހުރި އެއްވެސްކަމެއް މަޖިލީހުން ނިންމޭނީ 43 މެމްބަރުން ތިއްބަވައިގެން ކަމަށާއި، އެ އަދަދަށް މެމްބަރުން ނެތީސް އެފަދަ ބިލެއް މަޖިލީހަށް ބަލައިގަނެގެންވެސް ނުވާނޭ ކަމަށާއި، މަޖިލީހުގެ ރައީސްވެސް މިކުރައްވަނީ ތާކުންތާކު ނުޖެހޭ ކަންތައްތައް ކަމަށް ގާސިމް ވިދާޅުވިއެވެ.
"43 މެމްބަރުން ނެތި ބިލް ބަލައިގަންނަންވެސް، ބަހުސްކުރަންވެސް ކަނޑައެއް ނޭޅޭނެ. އެ އަދަދަށް މެމްބަރުން ހަމަކޮށްގެން އެކަން ކުރިއަށްވެސް ގެންދެވޭނީ. ބަންދުގައި ތިއްބަވާ މެމްބަރުން މަޖިލީހަށް ގެނަންޖެހޭނޭ ކަމަށް ގަވާއިދުގައިވެސް ބުނެފަވޭ. ގަވާއިދާ ޚިލާފަށް ޖަލްސާތައް މިހާރުވެސް ކުރިއަށް ގެންދަނީ. ޖަލުގަ ތިއްބެވި މަހްލޫފާއި، ފަރިސްއާއި، އިލްހާމްފަދަ ބޭފުޅުން ވެސް ޖަލްސާތަކަށް ގެންނަންޖެހޭނެ. 12 މެމްބަރުން ވަކިކޮށްފިޔޭ ކިޔާފަ ނުވައްދާ. އަނެއްބަޔަކު ތިއްބެވީ ޖަލުގައި، އެބޭފުޅުން ނުލައި ކިހިނެއްތޯ މިކަން ކުރާނީ" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، މިފެންނަނީ ސަރުކާރުން މަޖިލީސް ހައިޖެކް ކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ކަމަށެވެ.
މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރުމަށް ކަނޑައަޅާފައިވާ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާ ގުޅޭގޮތުން ގާސިމް އިބްރާހިމް ވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބާރު ކަނޑުވާލާގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހް ގެންނާނީ ކޮން ގޮތަކަށްތޯ ސުވާލު ކުރައްވާފައެވެ.
އެކަން އެގޮތަށް ކުރާނެގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށާއި، ފަނޑިޔާރުންނާ ގުޅޭ މައްސަލަތައް ބަލަންޖެހޭނީ ޖޭއެސްސީން ކަމަށް ގާސިމް ވިދާޅުވިއެވެ.
"ކިހިނެއްތޯ ޖޭއެސްސީގެ ބާރު ކަނޑުވާލާނީ، އަޅުގަނޑަކަށް ނުވިސްނޭ އެކަން ކުރެވޭނެ ގޮތެއް. ފަނޑިޔާރުންގެ މައްސަލައެއް ބަލަން ޖެހޭނީ ޖޭއެސްސީން. ޖޭއެސްސީން މައްސަލަ ބެލުމަށްފަހު މަޖިލީހަށް ފޮނުވަން ޖެހޭނީ. ޚާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ސަސްޕެންޑްކޮށް ވަކިވެސް ކުރެވެންޖެހޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިން. އެނޫންގޮތަކަށް އެކަން ނުކުރެވޭނެ" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު އިޢްލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ޝަރުއީ ދާއިރާއާއި، މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅުމުގެ އެއްވެސް އަމަލެއް ނުހިންގޭނެ ކަމަށެވެ. އެފަދަ ހާލަތެއްގައި ހިފެހެއްޓޭނީ ވަކި ކަހަލަ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ