ދިވެހި ފިލްމީ ދާއިރާގައި މި އަހަރަކީ އެންމެ ކާމިޔާބު އަދި އެންމެ ވިޔަފާރި ރަނގަޅު އަހަރު ކަމަށް ވާނެ އެވެ. މިއަހަރުގެ ތެރޭގައި ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ތައާރަފު ކުރި އެވެ. ދިވެހި ފިލްމު ބަލަން ފޫހިވާ ކަމަށް ބުނި އެތައް ޒުވާނަކު މިއަހަރު އެޅުވި ފިލްމުތައް ބަލަން ސިނަމާތަކަށް ދިޔަ އެވެ. މިއީ ވެސް ކާމިޔާބީގެ ގޮތުގައި ގުނަންޖެހޭ ކަންކަމެވެ.
ބައިނަލްއަގްވާމީ ގޮތުން ދިވެހި ފިލުމީ ދާއިރާއިން މިއަހަރު ވަނީ ރީތި ނަމެއްވެސް ހޯދައިދީފަ އެވެ. އެހެންކަމުން މިއަހަރު ނިކުތް ފިލުތަކަށް ބަލާލުމުގެ ކުރިން ބަލާލާނީ ބައިނަލްއަގްވާމީ ގޮތުން ދިވެހި ފިލްމީ ދާއިރާއަށް ލިބުނު ކާމިޔާބަށެވެ.
ސާކް ފިލްމު ފެސްޓިވަލް: އެންމެ މޮޅު ބަތަލާގެ އެވޯޑު ރިޝްމީ އަށް
ސާކް ފިލްމު ފެސްޓިވަލުގައި ހޮވާ މިސަރަހައްދުގެ އެންމެ މޮޅު ބަތަލާގެ އެވޯޑު މިއަހަރު ހޯދީ ދިވެހި ފިލްމީ ތަރި އައިޝަތު ރިޝްމީ އެވެ. ރިޝްމީ އާއި ވާދަކުރި އެތައް ފިލުމީ ތަރިންނެންގެ ތެރެއިން ފުރޭނިގެން މި އެވޯޑު ހާސިލް ކުރީ ދިވެހި ފިލުމު 'ވިޝްކާ' ގައި އޭނާ ދައްކުވައިދިން މޮޅު ހުނަރަށެވެ.
ޔާރާ ޕްރޮޑަކްޝަން އިން އުފެއްދި ވިޝްކާއަކީ ސާކް ފިލްމު ފެސްޓިވަލަށް އަމާޒުކޮށްގެން ހެދި ފިލުމެކެވެ. ރަވީ ފާރޫގު ޑައިރެކްޓް ކުރި މިފިލްމުން ރިޝްމީ ހޯދި ކާމިޔާބީ ޔޫތު މިނިސްޓްރީންވެސް ވަނީ ބަލައިގެންފަ އެވެ. އެގޮތުން މިއަހަރުގެ ފިލްމު އެވޯޑްސްގައި ރިޝްމީގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ ހަނދާނީ ފިލައެއް އޭނާއަށް ދީފައިވެ އެވެ.
ދިވެހި ފިލްމު އެވޯޑްސް
'ދިވެހި ފިލްމު އެވޯޑްސް 8' ބޭއްވީ މިއަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގަ އެވެ. މި އަހަރުގެ ގިނަ އެވޯޑުތަކެއް ގެންދިޔައީ ޑާކްރެއިން އެންޓަޓެއިން މެންޓުންގެ ތަރިންނެވެ. އެންމެ މޮޅު ފިލްމުގެ އެވޯޑާ އެކު ޑާކްރެއިންގެ 'ވާށޭ މަށާއެކީ' ވަނީ ނުވަ އެވޯޑެއް ހާސިލް ކޮށްފަ އެވެ. އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހޯދީ 'ވާށޭ މަށާއެކީ'ގެ ބަތަލާ މަރިޔަމް މަޖުދާ (މަޖޫ) އެވެ. މަޖޫ އަށް ލިބުނު އިތުރު އެވޯޑު ތަކަކީ އެންމެ މޮޅު ނިއުކަމާގެ އެވޯޑާއި، އެންމެ މޮޅު މޭކަޕް އަދި އެންމެ މޮޅު ކޮސްޓިއުމްގެ އެވޯޑާއި، އެންމެ މޮޅު ކޮރިއޮގްރަފީގެ އެވޯޑެވެ.
އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދީ މުހައްމަދު ޖުމައްޔިލް ނިމާލް އެވެ. އެންމެ މޮޅު ނިއުކަމާގެ އެވޯޑުވެސް ހޯދީ ޖުމައްޔިލް އެވެ. އެންމެ މޮޅު ޅެމުގެ އެވޯޑް ހޯދީ އަހްމަދު ނަސީރު / މުހައްމަދު ރަޝީދު ހަދާފައިވާ ޅެމެވެ. އެންމެ މޮޅު އޮރިޖިނަލް ސޯންގްގެ އެވޯޑް ހޯދީ މުހައްމަދު އިކްރާމް އެވެ. އެންމެ މޮޅު އާޓް ޑައިރެކްޝަންގެ އެވޯޑު ހޯދީ މުހައްމަދު އަލީ އަދި އަލީ ޝިފާއު އެވެ. އެންމެ މޮޅު ވިޝުއަލް އިފެކްޓްސްގެ އެވޯޑު ހޯދީ އަހްމަދު ޝިނާން އެވެ.
އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާގެ އެވޯޑް ހޯދީ މަރިޔަމް އުނޫޝާ އެވެ. އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ އަކީ ޒީރޯ ޑިގްރީގެ ބާނީ، އަލްމަރްހޫމް އަހްމަދު ނާޝިދެވެ. އެންމެ މޮޅު ސައުންޑް މިކްސިން އަދި ސައުންޑް އެޑިޓިން އާއި އެންމެ މޮޅު ބެކްގްރައުންޑް މިއުޒިކްގެ އެވޯޑްވެސް ހޯދީ މުހައްމަދު އިކްރާމް އެވެ. އެންމެ މޮޅު އެޑިޓިންގެ އެވޯޑު ހޯދީ އަލީ ޝިފާއު އެވެ. އެންމެ މޮޅު ސިނެމޮޓޮގްރަފާ އަކީ ޝިވާޒް އަބްދުﷲ އެވެ. އެންމެ މޮޅު އޮރިޖިނަލް ސްކްރީން ޕްލޭގެ އެވޯޑް ހޯދީ އައިޝަތު ފުއާދު ތައުފީގެވެ. އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓްރެސް އަކީ ޒީނަތު އައްބާސް އެވެ. އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރަކީ އަހްމަދު ސައީދެވެ. އެންމެ މޮޅު ކުރު ފިލްމަކީ ވޫޑޫ އެވެ.
ކުރުފިލްމުތަކުގެ ކެޓެގަރީން އެންމެ މޮޅު އެކްޓްރެސް އަކަށް، އަދި އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އަކަށް ހޮވުނީ ފާތިމަތު އާޒިފާ (އަޒޫ) އެވެ. އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ އިބްރާހީމް ޖިހާދު (ޖިމީ) އެވެ. އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް ހޮވުނީ އަހްމަދު ނާޝިތު އެވެ. އެންމެ މޮޅު ސިނެމޮޓޮގްރަފީ އާއި އެންމެ މޮޅު އެޑިޓިންއާއި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ހާސިލްކުރީ އަލީ ޝިފާއު އެވެ.
މިއަހަރު ނިކުތް ފިލުމުތައް: އެންމެ ފުރަތަމަ ނިކުތީ 'މަލިކާ'
މިއަހަރު އެންމެ ފުރަތަމަ އެޅުވީ ދިވެހި ފިލްމު 'މަލިކާ' އެވެ. ފިލުމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި ނުޒުހަތު ޝުއައިބު (ނުޒޫ) ލީޑް ރޯލު އަދާކޮށްފައިވާ މި ފިލުމުގައި ނުޒޫގެ ބައިވެރިއަކީ ޖުމައްޔިލް އެވެ. އިބްރަތުން ފުރިގެންވާ މި ފިލްމަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ފިލުމަކަށް ވިއެވެ. މަލިކާ އަކީ އަލީ މުސްތަފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ ފިލުމެކެވެ.
ވިޝްކާ
މިއަހަރުގެ ތެރޭގައި ދެވަނަ އަށް ޕްރިމިއާ ކުރީ ޔާރާ ޕްރޮޑަކްޝަން އިން އުފައްދާ ރަވީ ފާރޫގް ޑައިރެކްޓް ކުރި 'ވިޝްކާ' އެވެ. ޔާރާ ޕްރޮޑަކްޝަނުން ތައްޔާރުކުރި މި ފިލްމަކީ ކްރައިމް ތްރިލާ އެކެވެ. މި ފިލުމު ޕްރިމިއާ ކުރީ ޝްވެކް ސިނަމާގަ އެވެ. އައިޝަތު ރިޝްމީގެ މޮޅު އެކްޓިން ދައްކުވައިދިން މި ފިލުމަކީ އޭނާ އަމިއްލައަށް ޕްރޮޑިއުސްކޮށް ރަވީ ފާރޫގާއި އަހްމަދު ސައީދު މުހިއްމު ރޯލުތަކުން ފެނިގެން ދިޔަ ފިލުމެކެވެ. މި ފިލުމަކީ ރިޝްމީއަށް ދިމާވި އުޅުމެއްނެތް ބައިވެރިޔާގެ ސަބަބުން އުފެދުނު ރުޅިވެރިކަމާ ނަފްރަތާ ހިތާމައިން އަރައިގަތުމަށް އޭނާ ކުރަމުން ގޮސްފައިވާ ހަނގުރާމަ ދައްކުވައިދޭ ފިލުމެކެވެ.
މީ ލޯތްބަކީ
ވިޝްކާއަށް ފަހު ސިނަމާތަކަށް އައި ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ 'މީ ލޯތްބަކީ' އެވެ. ރޮމޭންޓީކް ކޮމެޑީއެއްގެ ގޮތުގައި އައްޒަ އާއި ޖުމައްޔިލުގެ މޮޅު އެކްޓިން ދައްކުވައިދިން މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ތައުފީގު ޕްރޮޑިއުސްކޮށް އަލީ ޝިފާއު ޑައިރެކްޓް ކުރި ފިލްމެކެވެ. މޯލްޑިވިއަން އައިޑްލްއިން ބެލުންތެރިންގެ މަގްބޫލުކަން ހޯދި އަމާން ފިލްމީ ދާއިރާއަށް ތައާރަފްކޮށްދިން މި ފިލްމަކީ އަހަރުގެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ހައުސްފުލު ގިނަ ޝޯތަކެއް އޮލިމްޕަހުގައި ދެއްކި ފިލްމެކެވެ.
އިލް ނޮއިސް
ދެން އެޅުވީ ތިއޭޓަރ މިރާޖާއި، އޯކޭޒް އިންކް ގުޅިގެން އުފެއްދި 'އިލް ނޮއިސް' އެވެ. މީގެ ކުރިން ރާއްޖޭގެ ސިނަމާއެއްގައި މިފަދަ ކޮންސެޕްޓެއްގެ ފިލުމެއް އަޅުވާފައެއް ނުވެ އެވެ. ތަފާތު ރަހައެއް ފިލުމު އިންޑަސްޓްރީއަށް ތައާރަފް ކޮށްދިން އިލް ނޮއިސް އަކީ ސައިކޮލޮޖިކަލް ތްރިލާ އެކެވެ. ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން މުޖުތައުން ބާކީކޮށްލާފައިވާ މޮޅު މައިކްރޮބައިލޮޖިސްޓެއްގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރި އިލް ނޮއިސް އަކީ މަޝްހޫރު ތިއޭޓާ އެކްޓަރު މުހައްމަދު މުންތަސިރު (މުންކޮ)ގެ ތިއޭޓާ މިރާޖުން 2012 ގައި ތަމްސީލެއްގެ ސިފައިގައި ގެނެސްދިން ސްޓޭޖް ޑްރާމާ އެކެވެ. މުންކޮގެ ވާހަކައަކަށް އަހްމަދު މައުރޫފް ޖަމީލް ސްކްރީންޕްލޭ ހަދާފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިސްމާއީލް ނިހާދު އެވެ.
ނޯޓީ 40
އޮލިމްޕަހުގައި ޕްރިމިއާ ކުރި އަނެއް ފިލްމަކީ މިދާއިރާގައި އެންމެ ނުފޫޒު ގަދަކޮށް މިވަގުތު ފެންނަމުންދާ ގިނަ މޫނުތަކެއް ހިމަނައިގެން އުފައްދާފައިވާ 'ނޯޓީ 40' އެވެ. ހެއްވާ މަޖާ މަންޒަރުތަކެއް އެކުލެވޭ މި ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އަމިއްލަ މަސައްކަތެއް ނުފެންނަތާ ގިނަ ދުވަސްތަކަކަށްފަހު އޭނާ އަމިއްލައަށް ސްކްރިޕްޓް ލިޔެގެން އަމިއްލައަށް ޑައިރެކްޓް ވެސް ކުރި ފިލްމެކެވެ. ޔޫއްޕެ، ސައީދު، މަނިކު އަދި ނިއުމާ އާއި ޖިމީ ފަދަ މަޝްހޫރު މޫނުތަކަކާއެކު އައްޒަ، އަޒޫ އަދި ނުޒޫވެސް ހިމަނައިގެން އުފެއްދި މި ފިލްމަށްވެސް ބެލުންތެރިންގެ ސަޕޯޓު ލިބުނެވެ. މިއީ ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ އިސްމާއީލް ޝަފީގާއި މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ.
ނޭދެން ވަކިވާކަށް
ފިލްމަކުން މުޅިން އަލަށް މަޝްހޫރު ނެށުންތެރިޔާ ޖާދުﷲ އިސްމާއިލް ތައާރަފްކޮށްދިން ފިލުމު 'ނޭދެން ވަކިވާކަށް' ޕްރިމިއާ ކުރީ ނޯޓީ ފޯޓީއަށް ފަހު އެވެ. މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށްފައިވާ މި ފިލްމުން ޖާދުގެ އިތުރަށް ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއުވެސް ފެނިގެން ގޮސްފައިވެ އެވެ. އަދި ކުޅަދާނަ އެކްޓްރެސް ފާތިމަތު އަޒީފާ (އަޒޫ)އާއި، އާރިފާއި އިބްރާހިމް، ނެށުންތެރިޔާ އަލީ ޝާހިދު (ސްޓެޕް އައްޔަ) އަދި އަޒޭއާއި ނާއްކޮވެސް މި ފިލްމުން ފެނިގެން ގޮސްފައިވެ އެވެ. ފިލްމުގެ ލީޑް ތަރިންނަކީ ޖާދުއާއި އަޒޫ އެވެ. މަހުދީ އަހްމަދުގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ލޯބީގެ ހާދިސާތަކެއް ދައްކުވައިދީފައިވާ އަސަރުގަދަ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
ހައްދު
ރެކޯޑް ބްރޭކިން މޫވީ ނުވަތަ އަހަރުގެ އެންމެ ގިނަ އެވޯޑްތައް ހޯދާނެ ފިލްމުގެ ގޮތުގައި އިޝްތިހާރު ކުރަމުން ދިޔަ 'ހައްދު' ވެސް ޕްރިމިއާ ކުރީ މިއަހަރު އެވެ. ކުޅަދާނަ ޑައިރެކްޓަރު އަބްދުލް ފައްތާހު ޑައިރެކްޓްކޮށްފައިވާ މިފިލްމު އޮފިމްޕަހުގައި ހައުސްފުލު ގިނަ ޝޯތަކެއް ދެއްކުމަށްފަހު ރަށްރަށުގައިވެސް ގިނަ ޝޯ ތަކެއް އަޅުވާފައިވެ އެވެ. ފިލްމީ ދާއިރާއަށް މުޅިން އާމޫނެއް ކަމަށްވާ އަހްމަދު ޝިބާން އާއި ކަރަންޓް އެފެއާޒް ޓީވީ ޝޯތައް ޕްރެޒެންޓް ކުރާ އަހްމަދު ފައިރޫޒް ފިލްމީ ދާއިރާއަށް ތައާރަފްކޮށްދިން މި ފިލްމަކީ 2014 ވަނަ އަހަރަށް ފަހު ފައްތާހު ކުރި އެންމެ ބުރަ މަސައްކަތެވެ. ކައިވެނީގެ ބޭރުން ހިނގާ ގުޅުންތަކަކަށްފަހު އާއިލާތަކެއްގެ މެދުގައި އުފެދޭ ހަލަބޮލިކަމާއި، ހަމަނުޖެހުންތަކުގެ ތެރެއިން އުފެދޭ ނަފްރަތާއި ލޯތްބާއި ހިތާމަ އެކުލެވޭ މި ފިލްމުގައި ބުނެދެނީހައްދުން ނެއްޓިއްޖެ ނަމަ ދެން ކަންތައް ވެގެން ހިންގަދާނެ ގޮތްތަކެވެ.
ބޮސް
އަހަރު ނިންމާލުމުގެ ގޮތުން އެންމެ ފަހުން އޮލިމްޕަހުގައި ޕްރިމިއާ ކުރީ ކްރިސްޓަލް އެންޓަޓެއިންމެންޓުގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތުމަތު ނަހުލާ ގެ 'ބޮސް' އެވެ. މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުން ބެލި ފިލުމެވެ. އޮކްޓޫބަރު މަހު ޕްރިމިއާ ކުރި ބޮސްގެ ޝޯތައް އޮލިމްޕަހުގައި އާއި ރަށްރަށުގައި އަދި އަވައްޓެރި ސްރީލަންކާގައިވެސް ދެއްކި އެވެ. ބޮސް އަކީ އަންހެން ކުއްޖެއް އޭނާގެ މައިންބަފައިން ވަކިވުމުން ކުރިމަތިލާ ހިތްދަތިކަމާ ޑިޕްރެޝަންގެ ސަބަބުން ދިރިއުޅުމަށް ކުރަމުންދާ އަސަރުތައް ދައްކުވައިދޭ ފިލުމެކެވެ. ލީޑު ރޯލުން އައްޒަ އާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރްފުވި މުހައްމަދު ޔުނާންގެ މޮޅު އެކްޓިން ދައްކުވައިދިން މި ފިލުމަކީ އައިޝަތު ރިޝްމީގެ ޑައިރެކްޝަނެކެވެ.
ނިއުމާ ފިލުމު ކުޅުން ހުއްޓާލަން ނިންމުން
ފިލްމީ ދާއިރާގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާ ގައުމީ އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ވެސް ހާސިލްކޮށްފައިވާ ނިއުމާ މުހައްމަދު ސްކްރީނުތަކުން އާ ފިލްމަކު ދެން ނުފެންނާނެ ކަމަށް އޭނާ އިއުލާން ކުރީ ނިމިގެން ދިޔަ އަހަރެވެ. ސެލެބްރޭޓީން 20ގެ ނަމުގައި ނިއުމާގެ ފިލުމީ ހަޔާތުގެ 20 އަހަރު ފާހަގަކުރުމަށް ބޭއްވި ހަލްފާއެއްގައި އޭނާ ފިލުމު ކުޅުން ހުއްޓާލާކަން އިއުލާން ކުރީ ވަދާއީ ފިލުމުގެ ނަންވެސް އިއުލާން ކުރުމަށްފަހު އެވެ. އާ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިއުމާގެ ވަދާއީ ފިލުމު 'ނިވައިރޯޅި'ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ އިރު މި ފިލުމުގެ ކާސްޓުންގެ ތެރޭގައި އާ މޫނެއް ހިމަނާނެ ކަމަށް ނިއުމާ ބުނެފައިވެ އެވެ.
ނިވައިރޯޅި ފިލުމަށްފަހު ނިއުމާގެ ފިލުމީ ހަޔާތުގައި އެކްޓް ކުރުން ހުއްޓާލާނެ އެވެ. އެހެންނަމަވެސް އޭނާ ސްކްރީންގެ ފުރަގަހުގައި މަސައްކަތް ކުރާނެ ކަމުގެ އުއްމީދު ވަރަށް ބޮޑެވެ.
ފައްތާހު ފިލްމީ ދާއިރާއާ ވަކިވުން
ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު ފިލްމީ ދާއިރާ މުޅިން ދޫކޮށްލިކަން އިއުލާން ކުރީ ވެސް ނިމިގެން މިދާ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.
ފައްތާހު ކުއްލި ގޮތަކަށް މިހަަބަރު އިއުލާންކުރީ އޭނާގެ ފޭސްބުކް ޕޭޖްގަ އެވެ. ނަމަވެސް ފިލްމީ ދާއިރާ ދޫކޮށްލަން ނިންމި ވަކި ސަބަބެއް ފައްތާހު މިއަދާ ހަމައަށްވެސް ހާމަކޮށްފައެއް ނުވެ އެވެ.
ފައްތާހު ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ފިލްމީ ދާއިރާ އިން އޭނާ ދެން ނުފެންނާނެ ކަމަށާއި އެކުގައި މަސައްކަތް ކުރި ހުރިހާ އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ފައްތާހުގެ ފިލްމީ މަސައްކަތްތަކުގެ ތެރެއިން އެންމެފަހުން އާންމުންނަށް ފެނިގެން ދިޔައީ އޭނާ ޑައިރެކްޓްކުރި "ހައްދު" ފިލްމެވެ. މިއީ މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ.
ފައްތާހު މީގެ ކުރިން ބުނެފައިވަނީ އޭނާގެ އުމުރުން 50 އަހަރުވުމުން ފިލްމުތައް ޑައިރެކްޓް ކުރުމުގެ ބަދަލުގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަަމަށާއި ފިލްމީ ދާއިރާއާ ދުރަށް ނުދާނެ ކަަމަށެވެ.
ސިފައިންގޭގައި މަސައްކަތް ކުރި ދުވަސްވަރު ފިލްމީ ދާއިރާއަށް ނިކުމެފައިވާ ފައްތާހުގެ ފިލްމީ ކެރިއާގައި އޭނާ ވަނީ 12 ފީޗާ ފިލްމު ޑައިރެކްޓްކޮށް ބައެއް ޑްރާމާ ތައް ވެސް ޑައިރެކްޓްކޮށްފަ އެވެ. އަދި އޭނާ ވަނީ ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފަ އެވެ.
ސުނީތާ ބައިނަލްއަގްވާމީ މީޑިއާގެ ސަމާލުކަމަށް
މަޝްހޫރު ނެށުންތެރިޔާ ސުނިތާ އަލީ (ސުނީ) އަކީ ބޮލީވުޑްގެ ބަތަލާ އަދި ކުރީގެ ރީތީގެ ރާނީ ޕްރިޔަންކާއަށްޓަކައި މަރުދޭ ފަންނާނެކެވެ. ޕްރިޔަންކާގެ 'ރޮކްސްޓާ' ސުނީ މިއަހަރު ނިންމާލަނީ އަނެއްކާވެސް ޕްރިޔަންކާއާއި ބައްދަލުކުރުމަށް ފަހު އެވެ.
ދިއްލީގައި ޕްރިޔަންކާ އޭނާގެ ފޭނުންނާ ބައްދަލުކުރަން ބޭއްވި ކުޑަ ހަފްލާއެއްގައި ސުނީ ބައިވެރިވީ ޕްރިޔަންކާގެ 'ސުޕަފޭން'ގެ ގޮތުގަ އެވެ. އެހެން ފޭނުންނަށް ވުރެ އެއް ދުވަސް ކުރިން ޕްރިޔަންކާ އާއި ބައްދަލުކޮށް އޭނާގެ ފޭނުން ފޮނުވާފައިވާ ހަދިޔާތައް ޕްރިޔަންކާ އާއި ހަވާލުކޮށްދިނީ ވެސް ސުނީ އެވެ. މި އިވެންޓަށް ފަހު އިންޑިއާގެ ޓީވީ ޗެނަލަކުން ސުނީތާގެ އިންޓަވިއުއެއްވެސް ދެއްކި އެވެ.
ފިލްމީ ދާއިރާ އިން ކާމިޔާބު މަސައްކަތްތަކެއް ކޮށް އަހަރު ނިންމާލިއިރު ފިލްމު އެސޯސިއޭޝަންގެ އަޑު ވަރަށް ފަނޑެވެ. އުއްމީދަކީ އަންނަ އަހަރަކީ ފިލުމު އެސޯސިއޭޝަން މިހާރަށް ވުރެ ހަރަކާތްތެރި އަހަރަކަށް ވާނެ ކަމަށެވެ. އާ އަހަރާ އެކު ފިލްމީ ދާއިރާއަށް އިތުރު ކުރިއެރުުން އެދެމެވެ.
ބޮލީވުޑް: ޝަޝީ ކަޕޫރުގެ މަރު
ނިމިގެން މިދާ އަހަރު ބޮލީވުޑްގެ ހަބަރުތަކަށް ބަލާއިރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުުނު އެންމެ ވަރުގަދަ އެއް ހަބަރަކީ ކުރީގެ މަޝްހޫރު އެކްޓަރު ޝަޝީ ކަޕޫރުގެ މަރުގެ ހަބަރެވެ.
އިންޑިއާ ސިނަމާތަކުގައި އާއި ބައިނަލްއަގްވާމީ ދުނިޔޭގައިވެސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ އެކްޓަރު ޝަޝީ މަރުވީ މިއަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ހިންދީ ފިލްމުތަކާއި އިނގިރޭސި ބަހުން އުފައްދާފައިވާ ފިލްމުތަކުގައި އެކްޓް ކޮށްދީފައިވާ 78 އަހަރުގެ ޝަޝީ މަރުވީ ކިޑްނީ ބައްޔަށް ފަރުވާ ކުރަމުންދާތާ ދުވަސްތަކެއް ފަހުން މުމްބާއީގައެވެ.
ރާޖް ކަޕޫރުގެ ބޭބެ ޝަޝީ އަކީ 1940ގެ އަހަރު ތަކުގައި ކުޑަކުއްޖެގެ ރޯލުތަކުން ފިލްމީ ހަޔާތް ފެއްޓި އިންޑިއާގައި އެވޯޑްތައް ހޯދާފައިވާ މަގްބޫލު ފިލްމީ ތަރިއެކެވެ. އަދި 1950ގެ އަހަރު ތަކުގައި ޝަޝީ ވަނީ 'އާގް' އަދި 'އާވާރާ' ފަދަ ބޮލީވުޑްގެ މަޝްހޫރު ފިލުމުތަކުގައި މޮޅު އެކްޓެއް ދައްކާފަ އެވެ.
ސަޝީ ކަޕޫރުގެ އެންމެ ކާމިޔާބު ފިލުމުތަކުގެ ތެރޭގައި ހިމެނެނީ 'ޖާންވާރް އޯރް އިންސާން'، 'ކަބި ކަބީ'، 'ޓްރިޝްނާ' ފަދަ ފިލްމު ތަކެވެ. މީގެތެރެއިން ބައެއް ފިލުމުތަކުގައި ޝަޝީ މަސައްކަތް ކުރީ އަމީތާބު ބައްޗަން އާއި އެކުގަ އެވެ. މީގެ އިތުރުންވެސް އިންޑިއާގައި އިނގިރޭސިބަހުން އުފެއްދި ގިނަ ފިލުމުތަކެއްގައި 1970 އާއި 1980 ގެ އަހަރުތަކުގައި ޝަޝީ ވަނީ އެކްޓް ކޮށް ދީފަ އެވެ.
އަނުޝްކާ އާއި ވިރާތު ކޯލީގެ ކައިވެނި
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާއާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތު ކޯލީ ކައިވެނީގެ ވާހަކަތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު ހަބަރެކެވެ.
ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން އިޓަލީގައި ބޭއްވި ސިއްރު ހަފްލާއެއްގައި މި ދެމީހުން ކައިވެނި ކުރީ މިހިނގާ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. މިހަފްލާގައި ބައިވެރިވީ ވެސް ދެފަރާތުގެ އާއިލާގެ ވަރަށް މަދު ބަޔަކާއި މި ދެމަފިރިންގެ ވަރަށް ގާތް ރައްޓެހިންތަކެކެވެ.
ކައިވެނިކުރުމަށްފަހު ހަަމަ އެދުވަހު އަނުޝްކާއާއި ވިރާތު ވަނީ ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. އަދި އޭގެ ފަހުން އެނބުރި އިންޑިއާ އަށް އައިސް ދިއްލީއާއި މުމްބާއީގައި ވަނީ އެމީހުންގެ ރައްޓެހިންނާއި، އާއިލާގެ މެންބަރުންނާއި، ފިލްމީ ތަރިންނާއި، ކުރިކެޓް ކުޅުންތެރިންނަށް ހާއްސަކޮށްގެން ހަފްލާތަކެއް ބާއްވާފަ އެވެ. ދިއްލީގައި ބޭއްވުނު ހަފްލާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
2017: ދިވެހި ފިލްމީ ދާއިރާގެ މަސައްކަތްތައް ޖުމްލަ ގޮތެއްގައި ރަނގަޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ