ބަލި ހާލަތުގެ ސަބަބުން ގާސިމް ގޭ ބަންދަށް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަލި ހާލަތުގެ ސަބަބުން އޭނާ ވަގުތީކޮށް ގޭ ބަންދަށް ދޫކުރުމަށް ކަރެކްޝަނަލް ސާވިސް އިން ނިންމައިފި އެވެ.
ގާސިމްގެ ބަންދުގެ ކަންތަކާ ކަރެކްޝަންސް އިން ހަވާލުވެފައިވަނީ މިހަފްތާގައެވެ. ކަރެކްޝަންސް އިން ބުނެފައިވަނީ ގާސިމް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ ބަލިހާލަތު ތަން ނުދޭތީ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ތިން އަހަރުގެ ޖަލު ހުކުމެއް ގާސިމަށް އިއްވާފައިވާއިރު އެދުވަހު ބޭއްވި ޝަރީއަތެއްގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުން ގާސިމް މިވަގުތު އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައެވެ.
އިތުރު ބޭސްފަރުވާ ދިނުމަށާއި، ޓެސްޓްތަކެއް ހެދުމަށް ވީހާވެސް އަވަހަކަށް ޤާސިމް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވީނަމަވެސް ފުރިހަމަ ކުރަން ޖެހޭ އިޖުރާޢީ ކަންތައްތަކެއް ފުރިހަމަ ނުކުރެވި ގާސިމް ބޭރަށް ގެންދެވޭ ގޮތެއް މިހާތަނަށް ވަނީ ނުވެފައެވެ. ރަސްމީ ގޮތެއްގައި ޤާސިމްގެ ފަރާތުން އޭނާ ބޭރަށް ފޮނުވުމަށް އެދިފައިވަނީވެސް ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.
ބޭސްފަރުވާއަށް ގާސިމް ރާއްޖެއިން ބޭރަށް ދިޔުމުގެ މައްސަލަ ސަރުކާރުން އިއްޔެ ވަނީ އިސްތިއުނާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ