45 އަހަރުފަހުން އަނެއްކާވެސް ރައީސް މައުމޫން ޖަލުގައި 50 ދުވަސް

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ހައްޔަރުކޮށްފައިވަނީ 2018 ފެބުރުއަރީ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު ގައުމުގައި އިއުލާނުކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އެމަނިކުފާނު ގެކޮޅުގައި ހުންނަވަނިކޮށް ފުލުހުން އެގެއަށް ވަދެގެންނެވެ. އެރޭ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ސީދާ ރައީސް މައުމޫން ހައްޔަރުކުރުމުގެ ބޭނުމުގައިކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ. އެމަނިކުފާނު ހައްޔަރުކުރުމަށް ފުލުހުން އެގެއަށް އައުމުން ރައީސް މައުމޫން ވަނީ ހައްޔަރުކުރަންޖެހޭނެ ފަދަ ކުށެއް ކުރައްވާފައި ނުވާނެކަމަށާ މީގެ ކުރިންވެސް އެތަށް ފަހަރެއްގެ މަތިން ކޯޓަށް މައްސަލަ ހުށައަޅައިގެން އެމަނިކުފާނު ހައްޔަރުކުރުމަށް އަމުރު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ އަމުުރެއް ކޯޓުން ދީފައިނުވަނީ އެމަނިކުފާނަކީ ކުށްވެރިއަކަށް ނުވާތީކަމަށް ރައީސް މައުމޫން ފުލުހުންގެ އަރިހުގައި ދެންނެވިއެވެ. ނަމަވެސް ސަރުކާރުން އެންމެ ޖެހިލުންވާ ލީޑަރަކީ ރައީސް މައުމޫންކަމަށްވުމުން ސަރުކާރުން އަންގައިގެން އެރޭ ރައީސް މައުމޫން ވަނީ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސް ޖަލުގައި ބަންދުކުރައްވާފައެވެ.
މިއީ ރައީސް މައުމޫން ޖަލުގައި ބަންދުކޮށްފައިވާތާ 50 ދުވަސް ފުރުނު ދުވަހެވެ. ވޭތިވެދިޔަ 50 ދުވަހުގެ ތެރޭގައި ފުލުހުން ވަނީ ރައީސް މައުމޫންގެ މައްޗަށް ވަރަށް ގިނަ ތުހުމަތުތައްކޮށް، ރައީސް މައުމޫންގެ އިއްޒަތާއި އަބުރުފުޅަށް ހުތުރުވާގޮތަށް އެތަށް ވާހަކަތަކެއް މީޑިއާގައި ދައްކަވާފައެވެ. ރައީސް މައުމޫން ހައްޔަރުކުރެވުނުތާ އެތަށް ދުވަހެއް ފާއިތުވެގެންދިޔައިރުވެސް ރައީސް މައުމޫނާއި އެއްވެސް ސުވާލެއް ކުރުމެއްނެތި ޖަލުގެ ކުޑަގޮޅީގައި އެމަނިކުފާނު ބައިންދަވާފައި، ފުލުހުން ގެންދެވީ ހިތަށް އެރިހާ ވާހަކައެއް ދައްކަމުންނެވެ. އެންމެ ފަހުން ރައީސް މައުމޫނަކީ ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ ބޭފުޅެއްކަމަށް ތުހުމަތުކޮށް ޓެރަރިޒަމްގެ ދައުވާވެސް ވަނީ އުފުލާފައެވެ. އެއާއިއެކު ޝަރީއަތް ނިމެންދެން ރައީސް މައުމޫން ވަނީ ޖަލުގައި ބަންދުކުރައްވާފައެވެ. އެހެންކަމުން ޖަލުގައި ބަންދުކުރައްވާފައިވާތާ 50 ދުވަސްވެފައިވާއިރު، އެމަނިކުފާނު ޖަލުގައި އިތުރަށް ހުންނަވަންޖެހިވަޑައިގަންނަވާނީ ކިހާ މުއްދަތަކަށްކަމެއް ވަނީ ނޭންގުމުގެ ތެރޭގައެވެ.
ރައީސް މައުމޫން ހައްޔަރުކުރުމަކީވެސް ގިނަ ބަޔަކަށް ސިހުން ގެނުވިކަމެކެވެ. އެމަނިކުފާނުގެ ބުރަ މަސައްކަތުން ވެރިކަމަށް ގެންނެވި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ވެރިކަމުގައި ހުންނަވާ ރައީސް މައުމޫން ޖަލަށް ލައްވަފާނެކަމަށް ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވީއެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ތެރޭގައި މިސަރުކާރަށް ކުރައްވަމުން އައި ތާއީދު ރައީސް މައުމޫން އަނބުރާ ގެންދެވި ހިސާބުން ސަރުކާރުން ވަނީ އެކިގޮތްގޮތުން ރައީސް މައުމޫނަށް ފުރައްސާރަކުރުމާއި، ދަތިކުރުމުގެ އަމަލުތައް ހިންގަންވަން ފައްޓަވާފައެެވެ. ރައީސް މައުމޫންގެ ސެކިއުރިޓީ ކުޑަކުރެއްވިއެވެ. މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށް، ރައީސް މައުމޫނަށް އަމާޒުކޮށް ކުރީގެ ރައީސުންނަށް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ބަދަލު ގެންނެވިއެވެ. ގައުމީ ފެންވަރުގެ ޖަލްސާތަކާއި ހަފްލާތަކަށް ރައީސް މައުމޫނަށް ދައުވަތު ދިނުން ހުއްޓަވާލެއްވިއެވެ.
އެއްވެސް ހުކުމެއް ނެތި ރައީސް މައުމޫން ޖަލުގައި އޮންނަވާތާ 50 ދުވަސް ފާއިތުވެގެންދިއުމާއި ގުޅިގެން ޝޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ރައީސް މަައުމޫން ވަގުތުން މިނިވަންކުރުމަށް ގޮވާލަމުންނެވެ. އަދި ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ކުށެއްކޮށްގެން ނޫންކަމަށާ އެއީ މިސަރުކާރުން ސިޔާސީ ބޭނުމެއްގައި ކޮށްފައިވާކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ރައީސް މައުމޫނަކީ "ފާދާ އޮފް ނޭޝަން" ނުވަތަ "ގައުމުގެ ބައްޕަ"ކަމަށާ އެމަނިކުފާނު ކުޑަގޮޅިއެއްގައި އޮތުމަކީ މުޅި ގައުމު ލަދުވެތިވާން ޖެހޭކަމެއްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. އަދި ރާއްޖެ މިއަދު މިދެކެމުންދާ ތަރައްގީއާއި ތަހުޒީބުގެ ހަގީގީ ބާނީއަކީ ރައީސް މައުމޫންކަމަށާ އެފަދަ ޝަރަފުވެރި ބޭފުޅަކު ޖަލުގައި އޮންނެވުމަކީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނެެއެވެ. މީގެ އިތުރަށް އުމުރުފުޅުން 82 އަހަރުފުޅުގެ ދޮށީ އުމުރުފުޅެއްގައި ރައީސް މައުމޫން ހުންނެވިއިރު، އެފަދައިން ރައީސް މައުމޫނާއިމެދު އަމަލުކުރުން ގިނަ ބަޔަކު ކުށްވެރިކުރެއެވެ.
ރައީސް މައުމޫނާއިމެދު އަމަލުކުރާގޮތުން ހުރިހާ އެންމެންގެވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު ރައީސް އަބުދުﷲ ޔާމީނަށެވެ. އަދި މިއަދު އެމަނިކުފާނުގެ އަރިހުގައި ތިއްބެވި، ރައީސް މައުމޫން ސިޔާސީ މައިދާނަށް ނެރެދެއްވި ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، މަޖިލީހުގެ މެންބަރުންނަށެވެ. އެ ބޭފުޅުންނަކީ "ހިތެއް" އޮތް ބައެއްތޯވެސް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސުވާލު ކުރަމުންނެވެ.
ރައީސް މައުމޫން ޖަލުގައި 50 ދުވަސް ހޭދަކުރައްވާފައިވާއިރު، މީގެ ކުރިންވެސް އެމަނިކުފާނު ޖަލުގެ ތަޖުރިބާ ކުރައްވާފައިވެއެވެ. އެފަހަރުވެސް 50 ދުވަހާއި 50 ރޭ އެމަނިކުފާނު ވަނީ 5 ފޫޓް 6 ފޫޓްގެ ކުޑަ ގޮޅިއެއްގައި ހޭދަކުރައްވާފައެވެ. އެއްވެސް މީހަކާއި ވާހަކަދައްކާލުމުގެ ފުރުސަތެއް، ދުނިޔޭގެ އަލިކަމެއް ފެނިވަޑައިގަތުމެއް ނެތިއެވެ. އެފަހަރުވެސް ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދުކުރެވުނީ ސިޔާސީ ސަބަބުތަކަކަށްޓަކައެވެ.
ރައީސް މައުމޫންގެ ބަސްފުޅުންނަމަ "ސަރުކާރަށް ރައީސް މައުމޫންގެ ސަބަބުން ބިރުވެރިކަމެއް" އުފެދުނީއެވެ. އެެހެންވީމަ އަވަހަށް ތުހުމަތުތަކެއްކުރައްވާ ރައީސް މައުމޫން ހައްޔަރުކޮށް ޖަލުގައި ބަންދުކުރެއްވީއެވެ. އޭގެ ކުރިން ރައީސް މައުމޫން ހދ. މަކުނުދޫއަށް އަރުވާވެސް ލެއްވިއެވެ. މަކުނުދޫއަށް އަރުވާލެއްވީވެސް ވީހާވެސް އެކަހެރިކޮށް އޮތް ރަށެއްގައި އެމަނިކުފާނު ބެހެއްޓެވުމުގެ ބޭނުންފުޅުގައެވެ. އެފަހަރު 4 އަހަރު ދުވަހަށް ރައީސް މައުމޫން މަކުނުދޫއަށް އަރުވާލެއްވުމަށް ހުކުމް ކުރެއްވިއެވެ، ސުވާލެއް ކުރެއްވުމެއްނެތި، ތަހުގީގެއް ހިންގުމެއްނެތި، ޝަރީއަތުގައި ތުހުމަތުން ބަރީޢަވުމުގެ ފުރުސަތެއް ދެއްވުމެއްވެސް ނެތިއެވެ.
އެފަހަރު ރައީސް މައުމޫނާއި، އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ އާއިލާގެ ބައެއް ބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތަކީ އެންދެރިމާގޭގައި ސިޔާސީ ވާހަކަތަކެއް ދެއްކެވުމެވެ. އެ ތުހުމަތާއި ގުޅިގެން ރައީސް މައުމޫނާއި، އައްބާސް އިބްރާހިިމް އަދި ސަމަރުބުލޫ އިބްރާހިމް މަނިކު ހައްޔަރު ކުރެވުނެވެ. ފަހުން ޝަރީއަތް ހިންގާ 4 އަހަރަށް އަރުވާލުމަށް ހުކުމް ކުރެއްވީއެވެ. އައްބާހާއި، އިބްރާހިމް މަނިކަށްވުރެ ބޮޑު ހުކުމެއް ފަނޑިޔާރުގެއިން ރައީސް މައުމޫންގެ މައްޗަށް އިއްވިއެވެ.
ރައީސް މައުމޫން މަކުނުދޫއަށް އަރުއްވާލެއްވި ދުވަސްވަރަކީ ރާއްޖޭގައި ކާބޯތަކެތި ލިބުން ދަތިވެ، ކާނެ އެއްޗެއްނެތި މީހުން މަރުވަމުން އައި ދުވަސްވަރެކެވެ. ރައީސް މައުމޫން މަކުނުދޫގައި ހުންނަވަނިކޮށް އެރަށުންވެސް ކާނެ އެއްޗެއްނެތި ހައިހޫނުކަމުގައި ތިބެން ޖެހުމުން މީހުން މަރުވިއެވެ. އެހެންކަމުން އެއީ ކުރައްވަންޖެހިވަޑައިގެން ވަރަށް ހިތި ތަޖުރިބާއެއްގެ ގޮތުގައި ރަައީސް މައުމޫން ސިފަކުރެއްވިއެވެ.
ރައީސް މައުމޫން މާލޭގައި އޭރު ހުންނެވީ "ޗައިނާ ބަގީޗާ"ގެ ނަމުން މަޝްހޫރުވެފައިވާ މިހާރު އިސްލާމީ މަރުކަޒު ހުރި ސަރަހައްދުގައި އޭރު ސަރުކާރުން އަޅާފައިވާ ޖަލެއްގައެވެ. އެދުވަސްވަރު އާންމުކޮށް އެ ޖަލުގައި ބަންދުކުރަމުންދަނީ ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވަމުންދިޔަ ޗައިނާ މީހުންނެވެ.
އެފަހަރު ރައީސް މައުމޫން ހައްޔަރުކުރެވުނީ އާއިލާގެ ބޭފުޅަކު އާލާސްކަންފުޅާއި އުޅުއްވާތީ ހޮސްޕިޓަލަށް ވަޑައިގެން ޑޮކްޓަރަށް ދެއްކެވުމަށް އިންނަވަނިކޮށެވެ. ސިފައިންގެ ބޭކަލަކު ވަޑައިގެން ހައްޔަރުކުރައްވާކަން އަންގަވާ ރައީސް މައުމޫން ހައްޔަރުކޮށް ގެންގޮސް، ދެތިން ވާހަކައެއް ވިދާޅުވެ ޖަލަށްލައި ބަންދު ކުރެވުނީއެވެ. އެ ފަހަރު 50 ރެއާއި 50 ދުވަހު ޖަލުގައި ބަންދުކުރެއްވިއެވެ. އެ މުއްދަތުގައި ކިޔަވާލަން މުސްހަފެއް ދެއްވުމަށް އެދިވަޑައިގަތުމުން އެކަންވެސް ކޮށްނުދެއްވިއެވެ. ކީރިތި ގުރުއާން ބޭނުންކޮށްގެންވެސް ވެރިކަމާއި ދެކޮޅަށް ކަމެއްކޮށްފާނެކަމަށް ވިދާޅުވެއެވެ.
ރައީސް މައުމޫން ވިދާޅުވީ ޖަލުގެ ވާހަކައަކީ އެމަނިކުފާނަށް އައު ވާހަކައެއް ނޫންކަމަށެވެ. އެހެންކަމުން މިފަހަރު ޖަލަށްލެވުމުގެ ކުރިންވެސް ޖަލަށްލައްވަފާނެތީ ބިރުފުޅު ނުގަންނަކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ޖަލުގެ އަނިޔާ ލިބިދާނެކަމަށްޓަކައި ހައްގަށް ބުނަންޖެހޭ ބަސްފުޅެއް ވިދާޅުނުވެ ނުހުންނަވާނެކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ޖަލުގައި ބަންދުކޮށް ހައްޔަރުކުރެވުނުތާ 50 ދުވަސް ފާއިތުވެގެންދިޔައިރު އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިގެންދިޔައީ ރައީސް މައުމޫނަށް ހިތްވަރު ދެއްވުމަށް، އާންމުންގެ ތެރެއަށް، މަގުމައްޗަށް، އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ނިކުމެވަޑައިގެންނެވީމައެވެ. ނަސްރީނާ ވަނީ ދެ ފަހަރެއްގެ މަތިން މީޑިއާއަށް ބަސްފުޅެއް ވިދާޅުވެ ރައްޔިތުންނަށް ކާމިޔާބުގެ އުންމީދު ދެއްވާފައެވެ. އަދި ރައީސް މައުމޫންގެ ހިތްވަރުފުޅު ބަލިނުކުރެއްވޭނެކަމަށް ވިދާޅުވެފައެވެ.
ރައީސް މައުމޫން ވަނީ މީގެ ކުރިން ވީމީޑިއާ ދެއްވި އިންޓަވިއުއެއްގައި ނަސްރީނާ އާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ޚާއްސަކޮށް ވެރިކަމުގައި ހުންނެވި ދުވަސްވަރު ކުރިމަތިވެވަޑައިގެން ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލެއްވިއިރު، އެންމެ ބޮޑަށް ހިތްވަރު ދެއްވީ ނަސްރީނާކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.
"އަބަދުވެސް އެންމެ ގާތުގައި ހުންނަނީ ނަސްރީނާ. އެހެންވީމަ އަޅުގަނޑުގެ އެންމެ ޚާއްސަ ޝުކުރެއް އަބަދުވެސް އޮންނާނީ ނަސްރީނާއަށް." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ޖަލުގައި 50 ދުވަސް ހޭދަކުރައްވާފައިވާއިރު، އާންމުންނަށް އެންމެ ފަހުން ރައީސް މައުމޫން ފެނިފައިވަނީ މިދިޔަ ބުދަ ދުވަހު މުއްދަތު މަޖިލީހަށް އެމަނިކުފާނު ހާޒިރުކުރުމުންނެވެ. އެދުވަހު އެމަނިކުފާނު ވަނީ އުންމީދީ ހިނިތުންވުމަކާއިއެކު ރައްޔިތުންނަށް އަތުން ސަލާމްކުރައްވާފައެވެ. އަދި ރައީސް މައުމޫންގެ ފަރާތްޕުޅުން އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ރައީސް މައުމޫން ހުންނެވީ ވަރަށް ހިތްވަރުފުޅާއިއެކުކަމަށް ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ