ފެބްރުއަރީ 1 އާއި ނޮވެމްބަރު 3 އިން ލިބުނު ފިލާވަޅުގައި ތަފާތެއް ނެތް: ރައީސް ޔާމީން

އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ދިވެހިންގެ ބަޔަކު އިސްވެ ސްރީ ލަންކާގެ ތަމަޅައިންގެ ބަޔަކު ރާއްޖެ ގެނެސް ނޮވެމްބަރު 3، 1988 ގައި ދިން އުދުވާނީ ހަމަލައާ މާ ބޮޑު ތަފާތެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހި ސިފައިންގެ ޚިދުމަތަށް 126 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފެބްރުއަރީ 1 ގައި ލިބުނު ފިލާވަޅަކީ ނޮވެމްބަރު 3 ގައި ބޭރުގެ ކުލީ ބަޔަކު ރާއްޖެ އަރައި ދިން އުދުވާނީ ހަމަލާއާ މާބޮޑު ތަފާތުތަކެއް ހުރި ފިލާވަޅުތަކެއް ނޫން ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އަމުރު ނެރުނު ދުވަސް ނުވަތަ ފެބްރުއަރީ 1 އެމަނިކުފާނު ސިފަ ކުރެއްވީ ވެސް "ހަމަލަ" އެއްގެ ގޮތުގަ އެވެ.
އިދިިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު، އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަހުން ވަނީ ބާތިލް ކޮށްފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ، ފެބްރުއަރީ 1 ގެ "ހަމަލާ" ކާމިޔާބުވި ނަމަ، އެންމެ ބޮޑު ފައިދާއެއް ލިބޭނީ ކާކަށްތޯ ނުވަތަ ކޮން ބަޔަކަށްތޯ އެއީ އުފެދޭ ސުވާލެއް ކަމަށެވެ. ރޭވިފައި އޮތް ގޮތަށް އެ ކަން ނުވުމުން، ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން ބޮޑުވީ ކޮން ބައެއްގެ ތޯ ސުވާލު އުފެދޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު 3 އާއި ފެބްރުއަރީ 1 އިން އިން ލިބުނު އަނެއް ފިލާވަޅަކީ ރައީސް ޔާމީން ވިދާޅުވި ގޮތުގައި، މަތީ މަގާމުތަކާއި ޝަރަފުތަކަކީ ކޮންމެހެން ގައުމަށް ވަފާތެރިކަން ދައްކައިދޭ ނިޝާންތަކެއް ނޫން ކަން ހާމަވުމެވެ.
"ފެބްރުއަރީ 1 ގައި ދެތިން މިލިއަން ޑޮލަރަށް ގައުމުގެ މިނިވަންކަމާއި ޝަރަފު ވިއްކާލީ އެންމެ އިތުބާރު ހިފެންޖެހޭ މަގާމުތަކުގައި ތިއްބެވި ބޭފުޅުން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތް ހިމާޔަތް ކުރަން ޖަހަން ޖެހޭ މުގުރު ޖެހީ ދައުލަތުގެ ތަނބުތައް މުގުރާލަން ކަމަށާއި މިއީ މުޅި ގައުމު ލަދުން އިސް ޖަހާލަން ޖެހޭ ކަމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ވަކި ގޮތަކަށް ހުކުމްތައް ނެރުއްވަން މަސައްކަތް ކުރި މައްސަލައާ ގުޅިގެން ރައީސް ޔާމީން ވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ހަމަ އެ ރޭ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ.
ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ސިފައިންގެ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ފެބްރުއަރީ 1 ވަނަ ދުވަހުގެ ރޭ ސިފައިންގެ މަރުކަޒަށް އެމަނިކުފާނު ވަޑައިގަތީ، ގައުމުގެ ހާލަތު އޮތީ ކިހިނެއްކަން ރަނގަޅަށް ވަޒަން ނުކުރެއްވޭ ހާލަތުގައި ކަމަށެވެ. އެކަމަކު، ސިފައިން އެ މަނިކުފާނަށް މަރުހަބާ ކީ ނުގުޑާ ފަދަ އަޒުމެއްގައި ތިބެ ކަމަށާއި އޭގެ ފަހުން ސިފައިންގެ މަރުކަޒުތަކުން އިވެމުން ދިޔައީ ސިފައިންގެ ހުވާ ކަމަށް ވެސް ސިފައިންގެ އެންމެ މަތީވެރިޔާ ވިދާޅުވި އެވެ.
ޖޯން އޮފް ކެނެޑީގެ ބައެއް ބަސްތަކުން މިސާލު ނަންގަވައި ރައީސް ޔާމީން ވިދާޅުވީ ބޭރުގެ ފަރާތްތަކުގެ ހަމްދަރުދީ އަންނަނީ ޑިމޮކްރަސީގެ ނަމުގައި ކަމަށެވެ. ރައީސް ވިދާޅުވީ އިސްލާމް ދީން ދޫކޮށްލުމަކީ ޖިނާއީ ކުށެއް ކަމަށް ހަދާފައި އޮތީ ރާއްޖެ ހިމަނައިގެން 13 ގައުމެއްގައި ކަމަށެވެ.
އެހެންވެ، ޒިންމާދާރުކަމާ އެކު ވަކާލާތު ކުރާ ފަރާތްތަކުން މިއިން އެއްވެސް ސަމާލު ކަމެއް ބަހައްޓާ ކަމަކަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ، ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެ އާ ބެހޭ ގޮތުން ދާދި ފަހުން ނެރުނު ރިޕޯޓުގައި ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިޚާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން ހުށަހެޅުމުންނެވެ.
ރާއްޖެ އިން މަސައްކަތް ކުރަނީ އެއްވެސް ގައުމަކަށް ބަރޯސާނުވެ، ދިވެހިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ކޮންމެވެސް ވަރެއްގެ "ހަމަ އިސްކޮޅާ" ހަމައަށް ދިއުމަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތަކީ އިސްލާމީ ދީނުގެ ސާފު ސީދާ މަގުގައި އެތައް ގަރުނެއްގެ ހަޟޯރަތެއްގެ މައްޗަށް ބިނާވެފައި އޮތް ގައުމެކެވެ. އަދި އޭރު ދިވެހިންގެ ކަންކަން ނިންމި ފަދައިން، މިހާރު ދިވެހިންގެ ކަންކަން އަމިއްލައަށް ނުނިންމެންވީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ. މިކަމުގައި ދިވެހި ސިފައިންނާއި އިސް ރަށްވެހިން އިސް ނަގަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ސިފައިންގެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަން ކޮށްފަ އެވެ. އަދި ސިފައިންނަށް އެކި ގޮތް ގޮތުން އެހީތެރިވެދޭ ފަރާތްތަކުގެ އަގު ވެސް ވަނީ ވަޒަންކޮށްފަ އެވެ. ސިފައިންގެ ތެރޭގައި ބޭއްވި އެކިއެކި މުބާރާތްތަކުން އެންމެ މަތީ ޝަރަފް ހޯދި ސިފައިންނާއި ސިފައިންގެ ޔުނިޓްތަކަށް ޝަރަފްގެ އައްޑަނަ ހަވާލުކޮށްފަ އެވެ.
ޝަރަފްގެ އައްޑަނަ ހަވާލުކޮށްދެއްވީ ރައީސް ޔާމީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ