ރިޔާސީ މެނިފެސްޓޯގައި ކުރިއަށް އޮތީ ރައްޔިތުން ހީވެސް ނުކުރާހާ ބޮޑެތި ކަންކަން: ހޯމް މިނިސްޓަރު
މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި ކުރިއަށް އޮތް ދައުރަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުންވާނެ ރިޔާސީ މެނިފެސްޓޯގައި ހުރީ ރައްޔިތުން ހީވެސް ނުކުރާފަދަ ބޮޑެތި ކަންކަން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ. ރައީސް އަބްދުﷲ ޔާމީންގެ މި ދައުރުގެ ކާމިޔާބީ ތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށާއި ރައްޔިތުން ތިބީ އުންމީދު ގެއްލިފައި ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުންނަށް އުންމީދު ގެނެސްދެއްވީ ރައީސް ޔާމީން ކަމަށެވެ. " ނުލާހިކު ނިކަމެތި ހާލުގައި ރައްޔިތުން ތިއްބާ. ނުލާހިކު ބިރުވެރިކަމެއްގެ ތެރޭގައި ތިއްބާ. ނުލާހިކު އުންމީދު ގެއްލިފައި ތިބި ދަނޑިވަޅެއްގައި. ދިރުމެއް ވަންޏާ އުންމީދެއްވާނޭ ވިދާޅުވެ އެމަނިކުފާނު ވަޑައިގެން ހަތަރު އަހުރުތެރޭގައި ފުރާނަފުޅު ނުރައްކަލަށް ހުށަހަޅުއްވައިގެން، އެމަނިކުފާނުގެ އެޖެންޑާއަކަށް ބަދަލެއް ނުގެންނަވާ،" ޕީއެސްއެމްގެ "އެންމެ ފުރަތަމަ ގައުމު" ޕްރޮގްރާމްގައި އަޒްލީން ވިދާޅުވިއެވެ. އަޒްލީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ފާއިތުވި ހަތަރު އަހަރެކޭ އެއްގޮތަށް އަދި އެއަށް ވުރެވެސް ބޮޑެތި ކަންކަން ކޮށްދެއްވުމަށް ރައީސް ޔާމީންގެ ވިސްނުންފުޅު އެބަހުރި ކަމަށާއި ރައްޔިތުން ތިބީ އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ބޭނުންވެފައި ކަމަށެވެ. "އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ރައްޔިތުން އުންމީދުވެސް ނުކުރާވަރުގެ ބޮޑެތި ކަންކަން ވައުދުވެ ވަޑައިގަންނަވާނެ. ރިޔާސީ މެނިފެސްޓޯގައި ދެން ވައުދުވެވަޑައިގަންނަވާނެ ބައިވަރު ކަންތައްތަކެއް އެބައާދޭ. ﷲ ގެ ރަހުމަތުން ތަފާތު ބޮޑު ކުރިއެރުންތަކެއް ރައްޔިތުންނަށް ގެނެސްދެއްވާނެ،" އަޒްލީން ވިދާޅުވިއެވެ. މިނިސްޓަރު އަޒްލީން ވިދާޅުވީ، އިންތިހާބެއް ބާއްވަން ބޭނުންވަނީ ސަރުކާރުން ކަމަށާއި އިދިކޮޅު ފަރާތްތަކުން އިންތިހާބެއް ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅުން އިންތިހާބެއް ބޭނުން ނުވަނީ ރައީސް ޔާމީން ބަލި ކުރެވޭނެ ފެންވަރު އެ ފަރާތުގައި ނެތީމާ ކަމަށެވެ. ރައީސް ޔާމީން ހޮވަން ބޭނުން ވެގެން މިހާރުވެސް ރައްޔިތުން ތިބީ ކެތް މަދުވެފައި ކަމަށާއި އިންތިހާބުގައި ތަފާތު ބޮޑު ނަތީޖާއެއް އެމަނިކުފާނު ދައްކަވާނެ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ