ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ހުށައަޅާފައިވާ ލިސްޓްގައި ޗެނަލް 13ގެ ނިއުސް ހެޑް އަމްޖަދު

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް 5 ނަމެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.  16/2010 ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 6 ވަނަ މައްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންތައް މިއަދު މަޖިލީހުގެ ތަޅުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ ނަންތައް ރައީސް އިސްކަންދޭ ތަރުތީބުން ވަނީ ހުށަހަޅާފައެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ރައީސް އިސްކަންދޭ ތަރުތީބުން ހުށަހަޅާފައިވާ ނަންތަކަކީ، އަމްޖަދް ވަހީދު / ވިލާޑި ސޯސަން، ގއ ވިލިގިނލި. މުހައްމަދު ޝަމީމް / ހ. ޕްރިޓީ ވިލާ.މުހައްމަދު ޝައުޒަމް / ކީސް ވިލާ ރ. އިނގުރައިދޫ.މުހައްމަދު އަސްލަމް / އާލިޔާ ހއ. ދިއްދޫ.މަޖުދް ރަޝީދު / އޮޓާގޯ ނ. މަނަދޫ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ހުށަހަޅާފައިވާ ނަންތައް ދިރާސާ ކުރެއްވުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ރިޔާސަތުން ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީތަކަށް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ދެ ބަދަލެއް ގެނެސްފައި ވާކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވިއެވެ. ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކާސްޓިންގ ކޮމިޝަންގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، މެމްބަރު ޒީނާ ޒާހިރު، ހަސަން ނަބާހު، އައިމިނަތު ސަރާހަތު، ފާތިމަތު ޒައިނާ އަދި އިސްމާއިލް ސޮފްވާނެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނަށް ފޮނުވާފައިވާ ނަންތަކުގެ ތެރޭގައި ޗެނަލް 13 ގެ ނިއުސް ހެޑް އަމްޖަދު ވަހީދުވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ