ފަރުވާއަށް ނަމަވެސް ރައީސް މައުމޫން މިނިވަން ކޮށްދެއްވާ - ގާސިމް

ފަރުވާ އަށް ނަމަވެސް ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަން ކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފިއެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން އަށް ބޮޑު އާލާސްކަންފުޅެއް ޖެހި ވަރަށް ސީރިއަސް ވެފައި ވުމުން ފަރުވާއަށް ނަމަވެސް އެމަނިކުފާނު މިނިވަން ކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ފުލުހުންނަށާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް އިލްތިމާސްކުރާ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންނަށް ފައިސާ ދީގެން ވެރިކަން ވައްޓާލަން އުޅުމުން ހައްޔަރުކޮށްފައިވާ ރައީސް މައުމޫންގެ ހާލުކޮޅު ސީރިއަސް ކަމަށް ރައީސް މައުމޫންގެ އާއިލާ އިން އަންނަނީ ވިދާޅުވަމުންނެވެ. އަދި އެމަނިކުފާނު އަރިހުގައި އަބަދުވެސް މީހަކު ބަހައްޓަން ޑޮކްޓަރު ލަފާ ދެއްވާފައިވާ ކަމަށް އާއިލާ އިން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނަށް ދިމާވެފައިވާ އާލާސްކަންފުޅުގެ މައުލޫމާތު ހާމަކޮށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، މިދިޔަ މާޗް މަހު، ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ސިޓީއެއްގައި ވިދާޅުވެފައި ވަނީ ޑިސެމްބަރު މަހުން ފެށިގެން ރައީސް މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހިފައިވާ ކަމަށެވެ. އެއީ ބޯ އެނބުރުމުގެ ސަބަބުން ކުއްލިއަކަށް ވެއްޓެން މެދުވެރިވެދާނެ ބައްޔެކެވެ.
ރައީސް މައުމޫންގެ އާއިލާ އިންނާއި ޤާނޫނީ ވަކީލުން ވަނީ އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމަވާފައި ވަނީ ރައީސް މައުމޫން ގޭބަންދަށް ބަދަލު ކުރެވެން ނެތް ކަމަށެވެ.
ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ވަރަށް ގޯސްކަމަށް އާއިލާ އިން ވިދާޅުވި ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތެއް ނުދެއެވެ. ބަންދުގައި ތިބޭ މީހުންގެ ސިއްހީ ހާލަތާއި ގުޅޭ މައުލޫމާތު އާންމުގޮތެއްގައި އެއްވެސް އިދާރާ އަކުން ހާމައެއް ނުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ