މި ސަރުކާރުން ފޯރުކޮށްދިން ވަރަށް އަސާސީ ޚިދުމަތް ފޯރުކޮށްދިން ބައެއް ނެތް: އާމިރު

މި ސަރުކާރުން ފޯރުކޮށްދިންވަރަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިން ބައެއް ނެތްކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ. "މަމެން ރައީސް ޔާމީން އާއެކު" ގެ ނަމުގައި ޕީޕީއެމް އިން މިރޭ ތ. ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާމިރު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް، ޚާއްސަކޮށް ނުކުޅެދޭ މީހުންނާއި ދުވަސްވީ މީހުންގެ ހައްގުތައް ފޯރުކޮށްދިނުމަށް މިއަދުގެ ސަރުކާރުން މަސައްކަތްކުރި މިންވަރަށް އެއްވެސް ސަރުކާރަކަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. "އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށް މިއަދުގެ ސަރުކާރުން މިކޮށްދިން ވަރުގެ މަސައްކަތެއް ކުރި އެއްވެސް ބަޔަކު ގައިމުވެސް ނެތް،" އާމިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށްގެންދިޔުމަށް މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ތ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކުރުމުން އެނގިގެންދިޔައީ އެރަށްރަށަށް ބޭނުންވާ ތަރައްގީ މި ސަރުކާރުން ގެނެސްދީފައިވާކަން ކަމަށެވެ. ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޔާމީން ކުރައްވަމުން ގެންދަވަނީ ޖިހާދެއް ކަމަށެވެ. އީޔޫ އިން ނެރުނު ގަރާރާ ގުޅިގެން ރައީސް ޔާމީނާއެކު ދީނާއި ގައުމިއްޔަތުގެ ދިފާއުގައި މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެކަމަށް ޝުޖާއު ވިދާޅުވިއެވެ. ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހިމް ކުރިއަށްގެންދަވާ "އެންމެ ގާތުން ކެމްޕެއިން" ކޮޕީކޮށްގެން އިދިކޮޅު ކޯލިޝަނުން މެނިފެސްޓޯ އެއް ތައްޔާރުކުރަން އުޅޭކަމުގެ ސިއްރު މައުލޫމާތު ލިބިފައިވާކަމަށާއި ނަމަވެސް މެޑަމް ފާތުން ކުރައްވާ ވަރަށް މަސައްކަތްކުރެއްވޭނެ ކަނބަލެއް އިދިކޮޅުގައި ނެތް ކަމަށް ސުޖާއު ވިދާޅުވިއެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވީ ގައުމާއިގެން ކުރިއަށް ދާން ބޭނުންނަމަ ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންް ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ