ދިވެހިރާއްޖެއިން ޗައިނާއާ އެކު ސޮއިކުރުމަށް ތައްޔާރުވަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ ފްރީ ޓްރޭޑް އެގްރިމަންޓްގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ އެ އެއްބަސްވުމަކީ ބާތިލް އަދި އެމައްޗަށް އަމަލުކުރުން ހުއްދަ އެއްބަސްވުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނިމިގެން ދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާ، ދިވެހިރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ވެސް ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އެގޮތުން މިބަޔާނުގައި ބުނެފައިވަނީ އެދުވަހުގެ ޖަލްސާ ބާއްވާފައިވަނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައެޅުމަށްފަހު، މަޖިލީހުގެ އިތުރު ދެ މެންބަރެއްގެ މައްޗަށް އަދުލު އިންސާފުގެ ހަމަތަކުގެ ބޭރުން ހިންގާފައިވާ އިޖުރާއަތުތަކެއްގެ ދަށުން ޖަލުގައި ބަންދުކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އެ ހުރިހާ މެންބަރުން ހާޒިރުވުމުގެ ހައްގު ނިގުޅައިގަތުމަށްފަހު ކަމަށެވެ. އެހެންކަމުން އެ ދުވަހުގެ ޖަލްސާ ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހަގީގީ އަގުލަބިއްޔަތުގެ ނިންމުމަށް ވާސިލް ނުވެވޭނެފަދަ ހާލަތެއް ކުރިމަތިކުރުވުމަށްފަހު، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަ ކުރުމެއްނެތި ކަމަށް ޖުމްހޫރީ ޕާޓީން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މީގެއިތުރުން އެ ދުވަހުގެ ޖަލްސާ ބާއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކަށީގެންވާ ނޯޓިސް އެއް ނުދެއްވައި، ރައްޔިތުންގެ މުޅި މަޖިލީހުގެ އަގުލަބިއްޔަތަށް ވުރެވެސް ބޮޑު އަދަދެއް ކަމަށްވާ 45 މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަަމަށް ހުށަހަޅުމުން އެބޭފުޅާގެ މަގާމުގެ ހައިިސިއްޔަތާއި މެދު ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާ ހާލަތެއްގައި ގާނޫނީ ހައިސިއްޔަތެއް ނެތް ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެން ކަމަށްވެސް ޖޭޕީގެ ބަޔާނުގައިވެ އެވެ.
ިމިބަޔާނުގައި ބުނެފައިވަނީ ޗައިނާ - މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓަކީ ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްވާ ފަދަ ކަންކަން ހިމެނޭ އެގްރިމެންޓެއް ކަމަށްވާއިރު މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައި މިއެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއި ކުރަން ރުހުން ދީފައިވަނީ ގާނޫނޫ އަސާސީގެ 87 ވަނަ މާއްދާގެ (ށ)އާ ހިލާފަށް ކަމަށެވެ.
މިމާއްދާގައި ބުނެފައިވަނީ ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށެވެ. އެހެންނަމަވެސް ފްރީ ޓްރޭޑް އެގްރިމެންޓަށް ވޯޓަށް އަހާފައިވަނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާއާއި ހިލާފަށް 31 މެންބަރުން ހާޒިރުވެ ތބި ޖަލްސާއެއްގައި ކަމަށާއި ވޯޓުގައި ބައިވެރވީ 30 މެންބަރުން ކަމުގައިވާތީ މި އެގްރިމެންޓަށް ވޯޓަށް އެހި ޖަލްސާއާއި އެޖަލްސާގައި މި އެގްރިމެންޓަށް ރުހުން ދިނުމަށް ހުށަހަޅައި ފާސްކުރި ކުރުމަކީ ބާތިލް، އެމައްޗަށް އަމަލުކުރުން ހުއްދަވެގެން ނުވާ ނިންމުމެއް ކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެ އެވެ. އަދި މިމައްސަލާގައި މަޖިލީހުން އަމަލުކޮށްފައިވަނީ އިހްލާސްތެރިކަމެއް ނެތް ގޮތަކަށް ކަމަށްވާތީ އެކަން ޖުމްހޫރީ ޕާޓީން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމެންޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު އެފަދަ ކަންކަމުގައި އަމަލުކުރަމުންދާ ޢާންމު އުޞޫލުތަކާއި މުޅީން ޚިލާފަށް އެ ބިލް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުވަން ދެތިން މިނެޓް ތެރޭގައި ފާސްކޮށްފައިވަނީ މެންބަރުންނަށް އެބިލާމެދު ބަހުސް ކުރުމަށް އެކަށީގެންވާ ފުރުސަތެއް ނުދީ ކަމަށްވެފައި، އަދި އެ ހިނދުން އެ ހިނދަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ، ހަގީގީ މާނައިގައި އެ އެގްރީމެންޓް ދިރާސާކުރުމެއްނެތި، ގާތްގަޑަކަށް 1000 ޞަފްހާ ގެ އެގްރިމެންޓަށް ރުހުން ދޭން ފެންނަ ކަމަށް ދިހަ ވަރަކަށް މިނެޓް ތެރޭގައި ނިންމާ، ހަމަ އެ ރޭ އަނެއްކާވެސް މަޖިލީހުގެ ޖަލްސާ އެއް ބާއްވާ، އެގްރިމެންޓަށް ރުހުން ދިން ކަމީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހަކުން ކުރާ ޒާތުގެ ކަމެއް ނޫންކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ ޣައިރު ގާނޫނީ ޖަލްސާ އަކުން ކުރި މި އިޚުލާސްތެރި ކަމެއް ނެތް އަމަލު ޖުމްހޫރީ ޕާޓީން ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ.،" ޖޭޕީގެ ބަޔާނުގައިވެ އެވެ.
ގާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ މިބަޔާނުގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސް ކުރުމަށްފަހު މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް ފްރީ ޓްރޭޑް އެގްރިމެންޓް މަޖިލީހުގެ ބައެއް މެންބަރުންނަށް ފެނިފައިވެސް ނުވާ ކަމަށާއި އެހެންކަމުން އެ އެއްބަސްވުމަށް މަޖިލީހުން ރުހުން ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ މަސައްކަތުގައި ރިއާޔަތްކުރަންވީ ކަންކަން ބަޔާންކޮށްފައިވާ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފަށް ކަމަށްވެސް މިބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނީ އިޖުރާތުތަކާ ހިލާފަށް އަވަސް ކޮށްލައިގެން ފްރީ ޓްރޭޑް އެގްރިމެންޓަށް މަޖިލީހުން ރުހުންދިނީ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިފަރާތަކަށް ފައިދާވާ ގޮތަކަށް ކަމަށެވެ. އެ އަމަލަކީ ޗައިނާ ސަރުކާރަށްވެސް މިކަން ހިނގާދިޔަ ގޮތުގެ ހަގީގަތް އޮޅުވާލައިގެން ކޮށްފައިވާ ކަމެއްކަމަށް ބެލުމުގެ ފުރުސަތު އޮތް ކަން ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ ފްރީ ޓްރޭޑް އެގްރީމެންޓްގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުމާއި ފައިދާގެ މައުލޫމާތު ދިވެހި ސަރުކާރުން ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ހިއްސާކޮށްފައިނުވާތީ މިކަމުގައި ފޮރުވިފައިވާ ކިތަންމެ ސިއްރެއް ހުންނާނެކަމަށް ޖުމްހޫރީ ޕާޓީން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ މިބާވަތުގެ ގައުމީ މައްސަލަ ތަކަކީ ވަރަށް ފުޅާ ދާއިރާ އެއްގައި މަޝްވަރާކޮށްގެން ކުރާ ބާވަތުގެ މައްސަލަ ތަކެއް ކަމަށެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅި މައްސަލާގައި އަމިއްލަ ފަރާތްތަކާ މަޝްވަރާ ކުރި ކަމުގައި ބަޔާން ކޮށްފައިވާތީ ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ މަޝްވަރާއެއް ކޮށްފައިވާނަމަ އެކަން ކޮށްފައިވަނީ ވަރަށް ހަނި ދާއިރާއެއްގައި ކަމަށެވެ. އަދި މި އެއްބަސްވުމަށް ރުހުން ހޯދުމުގެ މަރުހަލާތައް ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ އިރު ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކަށް މި އެއްބަސްވުން ދައްކާފައި ނުވާ ކަމަށްވެސް ޖޭޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މިއެއްބަސްވުމަކީ މީގެ ސަބަބުން ރާއްޖޭގެ ކުދި، މެދު، އަދި ބޮޑެތި ވިޔަފާރި ތަކަށް އޭގެ ނޭދެވޭ އަސަރު ސީދާ ކުރާނެ ގޮތަކަށް ފަސްދޮޅަސް އެތައް ދާއިރާ އެއް ހިމަނާފައިވާ އެއްބަސްވުމެއް ކަމަށްވެސް ޖޭޕީގެ ބަޔާނުގައިވެ އެވެ. މިފަދަ އެއްބަސްވުމެއްގެ ދަށުން ކުރާ އިންވެސްޓްމެންޓްތަކަށް ލިބިދޭ ފުރުސަތުތަކާއި ހައްގުތަކާއި ރައްކާތެރިކަމަކީ ދެގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ހުރިހާ މާނައެއްގައިވެސް ހަމަހަމަކަމާއެކު އެެއްމިންގަޑަކުން އަމަލުކުރުން ލާޒިމްކުރާ އެއްބަސްވުމަކަށް ވާންޖެހޭނެ ކަމަށްވެސް މިބަޔާނުގައިވެ އެވެ.
"އެހެންކަމުން މި އެގްރިމެންޓްގެ ސަބަބުން މި ދާއިރާ ތަކުން ވިޔަފާރި ކުރާ ރާއްޖޭގެ ކުދި އަދި މެދުމިނުގެ ވިޔަފާރިތައް ހަލާކުވެގެން ގޮސް، ރާއްޖޭގެ އިގުތިސޯދު ހަމައެކަނި އެންމެ ގައުމެއްގެ ކޮންޓްރޯލްގެ ދަށަށް ހިގައިދާނެތީވެ، އެކަމާ ޖުމްހޫރީ ޕާޓީ އިން ނުހަނު ކަންބޮޑުވަމެވެ. އެހެންކަމުން ރައްޔިތުންނާ ސީދާ ގުޅުން ހުރި ހައްސާސީ މި ކަހަލަ ކަންކަން ސަރުކާރުން ކުރުމުގެ ކުރިން މާފުޅާ ކޮށް ރާއްޖޭގެ ވިޔާފާރިވެރިންނާއި، ސިޔާސީ ޕާޓީ ތަކާއި، މި ނޫންވެސް މުއައްސަސާތަކާއި، އަމިއްލަ ފަރުދުންނާ އެކު މަޝްވަރާ ކުރަން ޖެހޭނެ ކަމަށް މި ޕާޓީން ޤަބޫލުކުރަމެވެ،" ޖެޕީގެ ބަޔާނުގައިވެ އެވެ.
ޖެޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއެއްބަސްވުމަށް އަމަލުކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ތަރުތީބުކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ނުދޭ މިފަދަ އެއްބަސްވުންތަކުގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއި ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ގޮވާލާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސައްހަ ޖަލްސާއަކުން ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ރުހުން ހޯދުމަށްފަހު މެނުވީ މިއެއްބަސްވުމުގައި ސޮއިކުރުމާއި އެއްބަސްވުމާ ގުޅޭގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރުމަށް ޗައިނާ ސަރުކާރަށް އިލްތިމާސް ކުރާ ކަމަށްވެސް މިބަޔާން ނިންމާލަމުން ވަނީ ބުނެފަ އެވެ.
ޗައިނާއާ އެކު ސޮއިކުރާ އެއްބަސްވުމަށް ރައްޔިތުން އަމަލުކުރާކަށް ނުޖެހޭނެ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ