ވެރިންގެ ސިޔާސީ އަޚުލާގާއި ވަފާތެރިކަމުގެ ބާބު 1

ސިޔާސީ ކަންކަމުގައި ވަފާތެރިކަމާއި އިޚުލާސްތެރިކަމުގެ ސިފަ ދިވެހިންގެ ތެރެއިން ފެންނަނީ ކިހާވަރަކަށްބާވައެވެ. ސިޔާސީ އަޚުލާގަކީ ކޮބައިބާވައެވެ. ތާރީޚުގެ ތެރެއަށް ކުޑައިކޮށް ފީނައިލީމާ ފެންނާން ހުންނަ މަންޒަރުތަކުން ނިކަން ފަސޭހައިން ނިކަން އަވަހަށް މިސުވާލުގެ ޖަވާބު ލިބިދާނެއެވެ.
އަޅުގަޑު މިފަހަރު ފީނާންކަމަށް ގަސްތުކުރަނީ އެހާފުނަކަށް ނޫނެވެ. މާޒީގެ ތެރެއިން ގާތްގަޑަކަށް 67 އަހަރު ކުރިއަށެވެ. ފެންނަނީ އޮޅުދޫކަރައިގެ ވެރިރަށް ކޮޅުނބެވެ. އެތާގެ ހަސްފަތާލުގެ އެނދެއްގައި އޮންނެވީ ދިވެހި ދައުލަތުގެ އެންމެ މަތީވެރިޔާ ސުމުއްވުލްއަމީރު އަލްހާއްޖު އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނެވެ. އުމުރުފުޅުން 78 އަހަރެވެ. ހާލުކޮޅުގެ ވާހަކަ ދެއްކުމެއް ނެތެވެ. ވަރަށް ގޯހެވެ. ދުނިޔޭގައި އޮންނެވިކަމެވެ.
ހަސްފަތާލުން ސަވާރީއެއްގައި ގާތްގަޑަކަށް ދިހަވަރަކަށް މިނިޓުން ދެވޭ ހިސާބުގައި ހުންނަ ފެހިގޭ ބޭރު ފެންޑާގައި އިންނެވީ އަލްއަމީރު މުހައްމަދު އަމީން ދޮށިމޭނާކިލެގެފާނެވެ. މުހައްމަދު އަމީނަކީ ކާކުތޯއެވެ. އެއީ އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު ދެއްވާ އިރުޝާދާ އެއްގޮތަށް ދިވެހި ގައުމު ހިންގެވުމުގެ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދެވި ވެރިޔާއެވެ. ދިވެހި ގައުމުގެ ވެރިކަން ތަބަކަކަށް ލައްވައިފައި އަބްދުލްމަޖީދު ދެއްވީމާ އެމަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދިކޮބައިތޯއެވެ. އަބްދުލްމަޖީދަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޯފުޅެކެވެ.
ފެހިގޭ ބޭރުފެންޑާގައި މުހައްމަދު އަމީނުގެ އަރިހުގައި ތިންހަތަރު ދިވެހި އަންހެންކުދިން ތިއްބެވެ. އެއީ ސަރުކާރުގެ ޚަރަދުގައި ސިލޯނުގައި ކިޔަވަން ތިބޭ ކުދިންކޮޅެކެވެ. އަމީނުގެ ޚާދިމެއްގެ ގޮތުގައި ޒުވާން މާބަނޑޭރި އިބްރާހިމްމަނިކުވެސް ހުއްޓެވެ. ފެހިގެއަކީ އޭރުވެސް އަދި މިހާރުވެސް ފެހިގެއެވެ. ސިލޯނުގައި ހުންނަވާ ދިވެހި ސަފީރުގެ އޮފީހެވެ. އެމްބަސީއެވެ.
މިދެންނެވި ބީދައިން އިއްޒަތުގައި މުހައްމަދު އަމީނު އިންނަވަނިކޮށް ވަރަށް އެހެންކަހަލަ ކަމެއް ލައިގެންފިއެވެ. މުހައްމަދު އަމީނު ކޮޅުނބަށް ވަޑައިގެން ހުންނެވިކަން ކޮންމެވެސް ގޮތަކުން އަބްދުލްމަޖީދަށް އެނގިވަޑައިގެން ހަސްފަތާލުން ކޮންމެވެސް ނޯކަރަކު އިރުއިރުކޮޅާ ފެހިގެއަށް އަންނަން ފަށައިފިއެވެ. އެމީހުން ދަންނަވައެވެ. ކިލެގެފާނު ވިދާޅުވިއެވެ. މުހައްމަދު ކޮއްކޮ ނިކަން އަވަހަށް ވަޑައިގެން ބައްލަވާށެވެ. މިހާރު ފުރާނަޔާއި ހަށިގަޑު ދެތަންނުވެ މިއޮވެވެނީވެސް މުހައްމަދު ކޮއްކޮ ދެކިލާހިތުން ނޫންކަމެއް ނޭގެއެވެ. މިހެން އަންނަ ނޯކަރުންނަށް މުހައްމަދު އަމީނު ޖަވާބުދެއްވައެވެ. ދަންނަވާށެވެ. މިދަނީއެވެ. ކޮޅުނބުގައި ހުއްޓަސް ދިވެހިރާއްޖޭގެ ކަންކަމާ އުޅެންހަދައިގެން ވަގުތު ނުވަނީއެވެ. ދެން ލަހެއް ނުވާނެއެވެ.
ހެނދުނުން ފެށިގެން މެންދުރުފަހާ ހަމަޔަށް ވިހިތިރީސް ނޯކަރުން އައެވެ. އެކަމަކު މިޖަވާބު ދެއްވާފައި މުހައްމަދު އަމީނު ހަމަ އިންނަވަނީއެވެ. ހަސްފަތާލަކަށް ވަޑައިނުގަންނަވައެވެ. ނޯކަރުން އަންނާތީ އެންމެފަހުން ފޫހިރާގެއްގައި އަރިހުގައި ތިބި މީހުންނަށް ވިދާޅުވެއެވެ. އެމީހާ މަރުވާތަން ބަލަން މަށެއް ނުދާނަމެވެ.
މިވަރުން އަދި ނިންމާލައްވަނީއެއް ނޫނެވެ. މާބަނޑޭރި އިބްރާހިމްމަނިކަށް ވިދާޅުވެއެވެ. އެމީހާއަށް ފެނިލަން ކަލޭ ދާށެވެ. ސޯޅަސަތާރަ އަހަރުވެފައި ހުއްޓަސް އަދި ތުނބުޅިމަތިމަސްވެސް ރަގަޅަށް ފެޅީކީ ނޫނިއްޔާއެވެ. ކަލޭ ގޮސްބަލާށެވެ. ކަލޭ ފެނުނީމާ އެމީހާ އުފަލުންގޮސް ބަލިވެސް ރަގަޅުވެދާނެއެވެ. މިހެން ވިދާޅުވެފައި ހިނިފުޅުވެޑުވީމާ އެހުނުމުގައި އެއްކަލަ އަންހެންކުދިންވެސް ފިސާރި ގަޔާވެގެން ބައިވެރިވެއެވެ.
ކޮންމެއަކަސް މިމަޖާކުރުމެއްގައި މުހައްމަދު އަމީނު އިންނަވަނިކޮށް ދެން އައީ ކިލެގެފާނު އަވަހާރަވި ޚަބަރެވެ. އެދުވަހަކީ 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުން އެކާވީސްވަނަ ދުވަހެވެ. ފަސްދާނުލެވުނީ އޭގެ އަނެއްދުވަހުއެވެ. އެތަނަށް މުހައްމަދު އަމީނު ވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ