ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް ރައީސް މައުމޫން ތާއީދު ކުރައްވައިފި

ރައިސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް މުރާޖައާ ކުރުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިކަން ރާއްޖޭގެ އިގްތިސާދަށް ވެސް ކުރިމަތިވެފައިވާ ކަމަށާއި އެގޮތުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އެތައް ބައެއް އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ނުކުރެވުމުގެ ސަބަބުން އެތައް ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
އެހެންކަމުން މި ހައްސާސް ދަނޑިވަޅުގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ސިޓީގައިވާ ކަންކަން އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި އެގޮތުން ކުރީގެ ރައީސުންނަށް ސަރުކާރުން ދެއްވަމުން އަންނަ އިނާޔަތްތައް މުރާޖަޢާ ކުރެއްވުމަށް ތާއީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް މުރާޖައާ ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ ލިބޭއިރު އެކޮމޮޑޭޝަންގެ ގޮތުގައި 10،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 87،000 ރުފިޔާ ލިބިގެން ދާނެއެވެ.
ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދައުލަތުގެ އިސްވެރިންގެ މުސާރަތައް ވެސް ކުޑަކޮށްފައެވެ.
އެގޮތުން ފިނޭންސުން ވަނީ އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކުރަން ނިންމާފައެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް 30 ޕަސެންޓު އުނިކޮށްފައިވާއިރު 20،000 ރުފިޔާއަށް ވުރެ ދަށުން އަސާސީ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރުމަށް ފިނޭންސުން ވަނީ ނިންމާފައެވެ. އަދި 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓު އުނިކުރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ