ދުވާފަރު ޕްރައިމަރީ ސްކޫލް ކުދިންނަށް ޚާއްސަ ޗެނަލެއް އުފައްދައިފި

ދުވާފަރުގެ ޕްރައިމަރީ ސްކޫލްގެ ކުދިންނަށް ކިޔަވައިދިނުމަށް އެ ސްކޫލްގެ އަމިއްލަ ޗެނަލެއް އުފައްދައިފި އެވެ.
ދުވާފަރު ސްކޫލުގެ ފޭސްބުކް ޕޭޖުގައި ރޭ ބުނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ސްކޫލުގެ އަމިއްލަ ޗެނަލެއް އުފައްދައި، ޓީވީ މެދުވެރިކޮށް ގެނެސްދޭން ފަށާފައިވާ ކަމަށެވެ. އެހެންވެ، އިއްޔެ އަކީ އެ ސްކޫލުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްލެވުނު ދުވަހެއް ކަމަށް ބުންޏެވެ.
ދުވާފަރު ޕްރައިމަރީ ސްކޫލު ޓެލިކިލާސް އިން، ޓީޗަރަކު ގްރޭޑު 1 އަދި 2 އަށް ކިޔަވައިދެނީ.-- ފޮޓޯ: ދުވާފަރު ޕްރައިމަރީ ސްކޫލު
"ދުވާފަރު ޕްރައިމަރީ ސްކޫލު ޓެލިކިލާސް" ގެ ނަމުގައި ހިންގާ ޗެނަލުން ނަގައިދޭނީ ރަސްމީ ފިލާވަޅުތަކެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ހިންގާ ޓެލިކިލާހުގައި ވެސް ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. އެ މުއްދަތުގައި އެކި ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދީފައި ވެ އެވެ. އޭގެ ތެރެއިން އެކައްޗަކީ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޓެލިކިލާހެވެ.
އެކި ޗެނަލްތައް މެދުވެރިކޮށް، ޓެލިކިލާހުން އަންނަނީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑު ހަތަކާ ހަމައަށް ފިލާވަޅުތައް ނަގައިދެމުންނެވެ.
ދުވާފަރު ޕްރައިމަރީ ސްކޫލުގައި ފައުންޑޭޝަނުން ފަށައިގެން ގްރޭޑް ހަޔަކާ ހަމައަށް ގާތްގަނޑަކަށް 600 އެއްހާ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އެ ސްކޫލު ހުޅުވީ، ޑިސެމްބަރު 26، 2004 ގެ ސުނާމީ ކާރިސާގައި އެއްކޮށް ހަލާކުވި ރ. ކަނދޮޅުދޫން ދުވާފަރަށް މީހުން ބަދަލުކުރި ހިސާބުން 2009 ވަނަ އަހަރުން ފެށިގެންނެވެ.
ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ފަހު އަންނަ މަހުގެ އެކެއްގައި ސްކޫލުތައް ހުޅުވައިލަން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ. ނަމަވެސް ކިޔަވައިދިނުން ކުރިއަށް ގެންދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ ކެޓަގަރީގައި، ކޮވިޑް-19 ގެ ބަލި އޮތް ރަށްތަކުގައި ހުރި ހުރިހާ ސްކޫލެއް ބަންދުވާނެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގައި ހަމައެކަނި ކީ ސްޓޭޖް ހަތަރެއް އަދި ފަހެއް (ގްރޭޑު 9-12) ގެ ގްރޭޑުތަކަށް ކިޔަވައިދޭއިރު، އެ ބަލީގެ އެއްވެސް ބިރުވެރިކަމެއް ނެތް ރަށްރަށުގައި ހުރިހާ ގްރޭޑަކަށް ކިޔަވައިދޭނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ އެ އުސޫލުގެ ދަށުން، މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސްކޫލެއްގައި ގްރޭޑު 1-12 އަށް ކިޔަވައިދޭނެ އެވެ. މާލޭގައި ފުރަތަމަ ކިޔަވައިދޭނީ ގްރޭޑު ނުވައަކުން ފެށިގެން މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ