ވިލިނގިލީ ރައްޔިތުން އަޅުގަނޑަށް ވޯޓްދިނީ ޔާމީންގެ އަޅަކަށް ވާކަށްނޫން: ސައުދު

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައްޔިތުން މަޖިލިސް ގޮނޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށް ވޯޓްދިނީ ރައީސް ޔާމީންގެ އަޅަކަށްވާން ނޫންކަމަށް، ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި ބުރާސްފަތި ދުވަހުރޭ ބޭއްވި "ޖަޒީރާރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސައުދު ހުސައިން ވިދާޅުވީ، ރައްޔިތުން ވޯޓްދިނީ ރައީސް ޔާމީން ވިދާޅުވީމާ ވިދާޅުވާގޮތަށް، ޔާމީންގެ ގާތުގައި އަޅަވެގެން އޮންނަން ނޫން ކަމަށެވެ.
ސައުދު ހުސައިން ވިދާޅުވީ، ވިލިނގިލީ ރައްޔިތުން އޭނާއަށް ވޯޓްދިނީ ރައީސް ޔާމީން ވިދާޅުވެގެން ނޫންކަމަށާއި، ރައްޔިތުން އޭނާއަށް ވޯޓްދިނީ، ރައްޔިތުން ރައީސް މައުމޫނަށް ތާއީދުކުރާތީ އަދި އޭރު ޕީޕީއެމް ސަރުކާރުގައި އޮތުމުން ކަމަށެވެ.
ސައުދު ހުސައިން ވިދާޅުވީ، މަޖިލީހުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެންފަހުން، އޭނާ އިންތިޚާބުކުރި ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާއި އަދި ސަރުކާރު އިންތިޚާބު ކުރުމަށްޓަކައި ރައްޔިތުންގެ ކައިރީގައި ވެރިން ދެއްކެވި ވާހަކަތަކާއި، ރައްޔިތުންނާ ހަމަށް ގެންދިޔަ މެނިފެސްޓޯއަށް ވެގެންދިޔަގޮތް ވަރަށް ގާތުން ފެނިވަޑައިގެންނެވި ކަމަށެވެ. މިސަރުކާރުގެ ތެރޭގައި ވެރިން ކަންކަން ކުރައްވަމުން ގެންދެވިގޮތް އެންމެ ގާތުން ފެނިވަޑައިގެންނެވި އެކަކަށް އޭނާ ވެވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ކުރަމުންދިޔަ ގޯސް ކަންތައްތައް ހުއްޓުވަން ތެދުވެވަޑައިގަތުމާއި، ގޯސް ކަންކަމަށް އާނބަސް ވިދާޅުނުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ޒިންމާއެއްކަމަށް ދެކިވަޑައިގެން މަސައްކަތް ކުރެއްވީމާ އޭނާއަކީ ޚިޔާނާތްތެރިއެއް ކަމަށް ސަރުކާރުން ބުނަންފެށި ކަމަށް މެމްބަރ ސައުދު ހުސައިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ