ސުޕްރީމް ކޯޓުގެ އަމުރަށް ފުރަގަސް ދިނުމަކީ އޮންނަ ކަމެއް ނޫން: ޑީޖޭއޭ

ސުޕްރީމް ކޯޓުގެ އެއްވެސް އަމުރަކަށް ފުރަގަސްދީ އަމަލު ނުކުރުމުގެ ބާރަކީ އޮންނަ ކަމެއް ނޫން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ސުޕްރީމް ކޯޓުން ގޮތެއް ނިންމައިފި ނަމަ، ހުރިހާ ފަރާތްތަކުން އެ ކޯޓުން ނިންމާ ނިންމުމަށް އަމަލު ކުރުން ލާޒިމްވާނެ ކަމަށާއި އެކޯޓުގެ އެއްވެސް އަމުރަކާއި ނިންމާ ނިންމުމަކަށް ތަބާނުވެ، އެ ނިންމުމަށް ފުރަގަސްދީ އަމަލު ނުކުރުމުގެ ބާރަކީ އޮންނަ ކަމެއް ނޫން ކަމަށެވެ.
ގާނޫނުގެ ހުކުމާ ހިލާފުވަމުން ދަނީ ސުޕްރީމް ކޯޓުން ނޫން ކަން ފާހަގަ ކުރައްވާ މާޖިދު ވިދާޅުވީ، ދައުލަތުގެ އެއްވެސް އިދާރާއެއްގެ އިތުރުން އެއް ވެސް މުއައްސަސާއެއް ވެސް އަދި އެއްވެސް ފަރާތަކީ ގާނޫނުގެ ހުކުމަށް ވުރެ މަތީގައި އޮންނަ ތަނެއް ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީ އަށް ގޮންޖަހައި، ބާރު ކަނޑުވާލަނީ ސުޕްރީމް ކޯޓުން ނޫން ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ހުރަސް އަޅާފައި ނުވާ ކަން ފާހަގަ ކުރައްވަމުން މާޖިދު ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިހްތިސާސް ގާނޫނުއަސާސީން ޖޭއެސްސީ އަށް ލިބޭ ކަމަށާއި އެހެން ކަމުން ގާނޫނުގައިވާ ގޮތުގެ މަތިން އެކަން ކުރަން އެ ކޮމިޝަނަށް އެއް ވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން، ޖޭއެސްސީގެ އިހްތިސާސްގެ ތެރެއަށް ވަދެފައި ނުވާ ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.
މީގެ އިތުރުން މާޖިދު ވިދާޅުވީ، ފަނޑިޔާރު ދީދީ ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަކީ ސުޕްރީމް ކޯޓުގެ ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތެއް ކަމަށެވެ.
ފަނޑިޔާރު ދީދީ އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލަތަކެއްގައި ޖޭއެސްސީން މީހާރު ވަނީ އެމަނިކުފާނު ސަސްޕެންޑްކޮށް، ދީދީގެ ސުލޫކީ ފަސް މައްސަލައެއް އާމުކޮށް ހުޅުވާލައިގެން ބަލަން ވެސް ނިންމައިފައެވެ.
ޖޭއެސްސީގެ ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން ދައުލަތުގެ އެންމެހައި ފަރާތްތަކަށް އަމުރުކޮށްފަ އެވެ.
ފަނޑިޔާރު ދީދީ ސަސްޕެންޑްކުރި މައްސަލާގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކީ ޤާނޫނުއަސާސީ އާއި ކަނޑައެޅިގެން ޚިލާފު އަމުރެއް ކަމަށް ނިންމައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް އެއްވެސް އަމަލެއް ނުހިންގުމަށް ރައްޔިތުންގެ މަޖިލިހުން ވެސް އެކޯޓަށް މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ