ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވައި ޕްރަބޯވޯ ސުޕްރީމް ކޯޓަށް

ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވަން ދެކޮޅު ހައްދަވައި، އިންޑޮނޭޝިޔާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޕްރަބޯވޯ ސުބިއާންޓޯ، މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.
އޭނާ ވިދާޅުވަނީ، ރިޔާސީ އިންތިޚާބުގެ ވޯޓް އޮޅުވާލާފައިވާ ކަމަށެވެ.
އިންޑޮނޭޝިޔާގައި މިދިޔަ އޭޕްރީލްމަހުގެ 17 ވަނަދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ، މިހާރުގެވެސް ރައީސް ޖޮކޯ ވިޑޯޑޯ ނުވަތަ މަޝްހޫރު ނަންފުޅުން ނަމަ ޖޮކޮވީ ކަމަށް، އެގައުމުގެ ޖެނެރަލް އިލެކްޝަން ކޮމިޝަނުން މިދިޔަ އަންގާރަދުވަހު ވަނީ އިޢްލާން ކޮށްފައެވެ.
ޖެނެރަލް އިލެކްޝަން ކޮމިޝަނުން ހާމަކުރި ނަތީޖާއިން ރައީސް ޖޮކޮވީއަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުވެގެން ދިޔައިރު، ރިޔާސީ އިންތިޚާބުގެ ވޯޓުން ރައީސް ޖޮކޮވީއަށް ވޯޓުގެ 55.5 އިންސައްތަ ލިބިވަޑައިގެންނެވި ކަމަށް ހާމަކޮށްފައި ވެއެވެ.
ރައީސާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ އަސްކަރީ ޖެނެރަލް ޕްރަބޯވޯއަށް ލިބިވަޑައިގެންނެވީ 44.5 އިންސައްތަ ކަމަށްވެސް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.
އިންތިޚާބުގެ ނަތީޖާ އިޢްލާން ކުރުމާއެކު، ޕްރަބޯވޯވަނީ ރައީސް ޖޮކޮވީއަށް އިންތިޚާބު ކާމިޔާބުވާ ގޮތަށް ވޯޓްގައި ބޮޑެތި މަކަރުތައް ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
އެކަމާ ގުޅިގެން ޕްރަބޯވޯއަށް ތާއީދުކުރާ އެތައްހާސް ބަޔަކު ވެރިރަށް ޖަކާޓާގެ މަގުތަކަށް ނުކުމެ ދެދުވަސް ވަންދެން ވަރުގަދަ މުޒާހަރާތަކެއް ކޮށްފައި ވެއެވެ.
މުޒާހަރާ ހޫނުވެ ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އަށްމީހުން މަރުވެ، 737 މީހުން ޒަޚަމްވި ކަމަށް، ޖަކާޓާގެ ގަވަރްނަރު އަނީސް ބަސްވެދާން ވިދާޅުވެފައި ވެއެވެ.
ޚަބަރު ލިބޭގޮތުގައި، ވެރިރަށް ޖަކާޓާ މިއަދު އޮތީ ހަމަހިމޭން ކޮށެވެ. އެހެން ނަމަވެސް، ޕްރަބޯވޯގެ ސަޕޯޓަރުން ކޯޓުދޮށަށް އެއްވާނޭ ކަމަށް ބެލެވިފައި ވެއެވެ. ސުޕްރީމް ކޯޓު ހުންނަނީ ރިޔާސީ ގަނޑުވަރާ މާ ދުރުނޫން ހިސާބެއްގައެވެ.
އިންޑޮނޭޝިޔާގެ ޖެނެރަލް އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ވޯޓްގައި މަކަރު ހަދާފައިވާކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ވޯޓުގެ ކަންކަން އޮބްޒާވްކުރި ފަރާތްތަކުންވެސް ބުނެފައިވަނީ، ވޯޓުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް މިނިވަން އަދި އިންސާފުވެރިކޮށް ކަމަށެވެ.
އެކަމަކު، ޕްރަބޯވޯ ސުބިއާންޓޯގެ ރަނިންމޭޓް ސަންޑިއާގާ އޫނޯ ވިދާޅުވީ، މައްސަލަ ކޯޓަށް ހުށަހެޅުއްވީ، އިންތިޚާބުގެ ނަތީޖާއަކީ މިނިވަން އަދި އިންސާފުވެރި ނަތީޖާއެއްކަން ކަށަވަރު ކުރެއްވުމަށް ކަމަށެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް މިރޭ ވެއްދި ނަމަވެސް، ކޯޓުން މައްސަލަ ކުރިއަށް ގެންދާނީ ވޯޓްގައި އޮޅުވާލުންތައް ހިނގާފައިވާ ކަމުގެ ފުރިހަމަ ހެކި ޕްރަބޯވޯގެ ޓީމުން ހުށަހެޅުމުން ކަމަށް މީޑިއާއިން ބުނެއެވެ.
ޕްރަބޯވޯ ސުބިއާންޓޯއަކީ، 2014 ވަނަ އަހަރުވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ބޭފުޅެކެވެ. އެފަހަރު އިންތިޚާބު ކާމިޔާބުކުރެއްވީ މިހާރުގެ ރައީސް ޖޮކޮވީއެވެ.
އެފަހަރުވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވަން ޕްރަބޯވޯ އިންކާރު ކުރެއްވިއެވެ. އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން މައްސަލަ ބަލައިނުގަނެ ބޭރުކޮށްލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ