ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ސިޔާސީ ވާދަވެރިކަން ނިމުމަކަށް ގެނެސް، ހިޔާލު ތަފާތުވުމުގެ ކުރިއަށް ދާއިރާގެ ތަރައްގީ އިސްކުރުން މުހިންމު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ފޮނުއްވި ހިތާބުގައި ވިދާޅުވީ، އިންތިހާބަށްފަހު ސިޔާސީ ވާދަވެރިކަން ނިމުމަކަށް ގެނެސް ދާއިރާ ތަރަށްގީ ކުރުމުގައި އެންމެހާ ރައްޔިތުން އަތުގުޅާލައި، އިންތިހާބީ ހިޔާލު ތަފާތުވުމުގެ ކުރިއަށް ދާއިރާގެ ތަރައްގީ އިސްކުރަންޖެހޭ ކަމަށެވެ.
އޭގެ އިތުރުން ރަށާއި މުޅި އަތޮޅު ޝާމިލުވާނެހެން ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށް ދިއުމުގެ ވިސްނުން އިސްކުރުމަށް ކައުންސިލްތަކަށް ހޮވޭ ކައުންސިލަރުންނަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންހާބަށް ގައުމު ފަރިވެފައިވާއިރު ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އޭގެ ހަގީގީ ފޮނިމީރުކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފައްކާވެފައިވާ ކަމަށެވެ.
އެގޮތުން މީގެ ކުރިން ދުވަހަކު ވެސް މާލީ ގޮތުން ރަށާއި އަތޮޅުތަކުގެ ފެންވަރަށް ސަރުކާރުގެ މާލީ ބާރުތައް ދޫކޮށްލާފައިނުވާއިރު، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމުގެ މަގުސަދުގައި ގެނައި އިސްލާހާއެކު މާލީ ކަންކަމުގައި ކައުންސިލްތަކަށް އޮތް އިހުތިޔާރުން މަރުކަޒީ ބާރުތަކަށް ބަރޯސާވެފައި އޮތް އޮތުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުން ތައްޔާރުވެ ޒިންމާދާރުކަމާއެކު މަސައްކަތް ކުރުން މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ، މެންބަރުން ވާންވާނީ ލާމަރުކަޒީ އުސޫލުތައް ފުރިހަމަ މާނައިގައި ބަލައިގަންނަ އަދި އެ ނިޒާމަށް ތަސައްވަރު ފުދިފައިވާ އަދި ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވާ ބަޔަކަށް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮންމެ ކައުންސިލެއްގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމި ނިންމުން ވެފައިވަނީ އަތޮޅާއި ރަށުގެ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި ގޮތް ނިންމާ ފެންވަރުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް އޮތް ގޮންޖެހުމުން އަރައިގަތުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އިންތިހާބަށްފަހު ސިޔާސީ ވާދަވެރިކަން ނިމުމަކަށް ގެނެސް ދާއިރާގެ ތަރައްގީ އިސްކުރުން މުހިންމު: އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ