ވާނީ ރައްޔިތުން ދިރިއުޅުމަށް ކުޑަހުވަދޫގައި އިމާރާތް ކުރި ގެތައް ހަވާލުކޮށްފި

ދ. ކުޑަހުވަދޫގައި ދިރިއުޅެމުން އަންނަ އެ އަތޮޅު ވާނީ ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން އިމާރާތް ކޮށްފައިވާ ގެތަކުގެ މަސައްކަތް ނިންމައި އެ ގެތައް އޭގެ ވެރިފަރާތްތަކާ އިއްޔެ ހަވާލުކޮށްފި އެވެ. ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު މިއަދު "ސަން" އަށް ވިދާޅުވީ، އިއްޔެ ކުޑަހުވަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާނީގެ ރައްޔިތުންނަށް ސަރުކާރުން އިމާރާތް ކޮށްދީފައިވާ ގެތައް، 50 އާއިލާއަކަށް ހަވާލުކޮށްފައިވާ ކަމަށެވެ. "މިކަމުގައި ސަރުކާރުން ވީހާވެސް ބޮޑުކޮށް މަސައްކަތްކޮށް ރައްޔިތުންނާ ހަމައަށް ވީހާވެސް ފުރިހަމަ ގޮތެއްގައި ހައްލު ކޮށްދެވޭތޯ މަސައްކަތްކޮށް އިއްޔެ އެކަން ނިމިގެން އެ ދިޔައީ. އަދި އޭގެއިތުރުން ހުރި އެހެނިހެން ކަންތައްތައް އަޅުގަނޑުމެން މިދަނީ ހަމަޖައްސައި ދެމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 10 ވަރަކަށް ދުވަސް ތެރޭ އެފަރާތްތަކަށް އެ ގެތަކަށް ވަދެވޭނެ. އިއްޔެ އަޅުގަނޑުމެން ތަޅުދަނޑިތައް މި ހަވާލު ކުރީ،" ޒިޔާދު ވިދާޅުވި އެވެ. ވާނީ ރައްޔިތުންނަށް ކުޑަހުވަދޫގައި އިމާރާތް ކުރި ގެތައް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަބްދުﷲ ޒިޔާދު ޒިޔާދު ވިދާޅުވީ ގެތައް އިމާރާތް ކޮށްފައިވާތާ ދުވަސްކޮޅެއް ވެފައިވާކަމަށާއި އެހެންނަމަވެސް ކުރަން ހުރި ބައެއް މުހިއްމު މަސައްކަތްތައް ނުނިމިވާތީ ގެތައް ހަވާލު ކުރުން ފަސްވީ ކަމަށެވެ. "މިދިޔަ އަހަރުން ސުރެން މަސައްކަތް ނިމިފައި ވަނީ އިނގޭތޯ އެ ގެތަކުގެ. އެހެންނަމަވެސް މަސައްކަތް މުޅިން ކޮމްޕްލީޓު ނުކުރެވިފައި ވަނީ ނަރުދަމާއާ ފެނުގެ މައްސަލައާ ހެދި. ގެތައް އަޅައި ނިމިފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ. އހެެންނަމަވެސް މި ދެންނެވި ދެ މައްސަލަ ހައްލު ނުކުރެވިގެން ދުވަސްތަކެއް ފާއިތުވެގެން މި ދިޔައީ. އެހެންނަމަވެސް އެކަން މިހާރު އެވަނީ ހައްލު ކުރެވިފައި." ޒިޔާދު ވިދާޅުވި އެވެ. ވާނީ ރައްޔިތުންނަށް އިމާރާތްކޮށްފައިވާ ގެތަކުގެ ތަޅުދަނޑިތައް ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރު ޒިޔާދު އާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު އެވެ. ވާނީ ރައްޔިތުންނަށް ކުޑަހުވަދޫގައި އިމާރާތް ކުރި ގެތައް ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އަބްދުﷲ ޒިޔާދު މި ރަސްމިއްޔާތުގައި އާމިރު ދެއްކެވި ވާހަކަފުޅުގައި ވަނީ ދާއިރާގެ ކަންކަން އަވަސް ކުރުމާއި ތަރައްގީ ގެނައުމުގައި ސަރުކާރުން ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އަތޮޅުގެ ތަރައްގީގެ ކަންކަން ފަހިކޮށް ގެންދިއުމަށް މީދޫ ދާއިރާގެ މެންބަރު އަދި އެމްއެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ދެއްވާ އަހައްމިއްޔަތު ފާހަގަކޮށް ސިޔާމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން ވާނީ ރައްޔިތުންގެ ދާއިމީ ގެތަކުގެ މަސައްކަތަތް ކުރިޔަށް ގެންދިއުމުގައި ހައުސިން މިނިސްޓަރު ދެއްވި އެއްބާރުލެއްވުން ވެސް އާމިރު ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ