ބިލްބާއޯ ބަލިކޮށް ރެއާލް ލީގް ހޯދުމާ ގާތަށް

އެތުލެޓިކް ކުލަބު ބިލްބާއޯގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ލަލީގާގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ރެއާލް މެޑްރިޑް ޖެހިލައިފި އެވެ.
ސްޕެއިންގެ ބެސްކިޔް ކަންޓްރީގެ ސެން މެމްސްގައި ކުޅުނު މެޗުގައި ރެއާލް މޮޅުވީ ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބު ކުރި ޕެނަލްޓީންނެވެ. އެ ޕެނަލްޓީ އަކީ މެޗުގެ ދެ ވަނަ ހާފުގައި ބިލްބާއޯގެ ޑޭނީ ގާސިއާ އެ ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ރެއާލް ގެ މާސެލޯ ވިއޭރާއަށް ޗާޖު ކުރުމުން ދިން ޕެނަލްޓީ އެކެވެ. ކުޅުން ކުރިއަށް ދަނިކޮށް ރެފްރީ ހޯޒޭ ގޮންޒާލޭޒް ކުޅުން މެދުކަނޑަލުމަށް ފަހު ވީއޭއާރުން ބަލަން ނިންމީ މާސެލޯ ޕެނަލްޓީ އޭރިއާގެ ތެރޭގައި އޯށޮވެ އޮތުމުންނެވެ.
މެޗުގެ 73 ވަނަ މިނެޓްގައި ރޯމަސް ޕެނަލްޓީ ފޮނުވާލީ ބިލްބާއޯގެ ކީޕަރު އުނައި ސިމޯން ޑައިވް ކުރި ފަޅިއަށެވެ. އެހެންނަމަވެސް ދަނޑި ކައިރިން ދިއުމުން ސިމޯން އަށް އެ ބޯޅަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.
ރެއާލް މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ޑިފެންޑަރު ރަފޭލް ވަރާން ސްކޮޑުން ބާކީ ކުރުމަށް ފަހު އެވެ. އޭނާގެ ބަދަލުގައި ފުރަތަމަ 11 ގައި ޑިފެންޑަރަކަށް ނުކުތީ ބްރެޒިލްގެ ޒުވާން ޑިފެންޑަރު އެޑާ މިލިޓާއޯ އެވެ. މިލިޓާއޯ ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މެޗުގެ ފަހު ކޮޅުގައި ރެފްރީގެ ނިންމުމަމަކާ މެދު ރާމޯސް ހިތްހަމަނުޖެހުން ފާޅު ކުރުމުން ރާމޯސް އަށް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. އެ ކާޑާ އެކު ރާމޯސް ވަނީ ކުރިއަށް އޮތް ޑިޕޯޓިވޯ އަލަވޭޒްގެ އާ ދެކޮޅަށް ކުޅޭ މެޗަށް ސަސްޕެންޑް ވެފަ އެވެ.
ރެއާލް އެއް ވަނައިގައި އޮތީ، ހަތް ޕޮއިންޓްގެ ލީޑަކާއެކު އެވެ. އެ ޓީމަށް ބާކީ އޮތީ ހަތަރު މެޗެވެ. ރާއްޖޭގަޑިން މިރޭ ދަންވަރު 1:00 ގައި ކުޅޭ މެޗުން މޮޅުވެގެން ބާސާ އަށް ރެއާލް އާ ހަތަރު ޕޮއިންޓާ ކައިރިއަށް ޖެހިލެވޭނެ އެވެ. ބާސާ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ އެއްވަރު ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ