މައުލޫމާތު އާންމުންނަށް ނުދީ ހިފެހެއްޓުމަކީ މުވައްޒަފުންގެ އިޚްތިޔާރުގައި އޮންނަ ކަމެއް ނޫން: ރައީސް ޞާލިހް

ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު އާންމުން ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ އެތަަންތަނުގެ މުވައްޒަފުންގެ އަމިއްލަ އިޚްތިޔާރުގައި އޮންނަ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައެވެ. މި ޚިތާބު ވަނީ އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހުން ދުވަހާއި ގުޅިގެން ނެެރުނު ޚާއްސަ ސަޕްލިމެންޓްގައި ހިމަނާފައެވެ. 
ރައީސް ޞާލިހްގެ ޚިތާބުގައި އެމަނިކުފާނު ވަނީ މައުލޫމާތުތައް ލިބިގަތުމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއް ކަމަށާއި އެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި އެބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިންކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައި، ރައްޔިތުންނަށް ދީފައިވާ ދުސްތޫރީ ބާރު ދަމަހައްޓައި ނެގެހެއްޓޭނީ އެބާރުތައް ރައްޔިތުންނަށް ލިބިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މައުލޫމާތު އާއްމު ރައްޔިތުންނަށް ނުދީ ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މައުލޫމާތު ހާމަކުރަން ފަސްޖެހުމުން ފަސާދައިގެ އަމަލުތަކަށް ޖާގަދެވޭކަމަށް ވިދާޅުވެފައެވެ. އަދި މައުލޫމާތު ހާމަކުރުމުން ނަޒާހަތްތެރިކަން އިތުރުވެގެންދާކަމަށްވެސް ރައީސް ޞާލިހް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ