މިހާރު ޕޯލް: ގިނައީ ދަރިވަރުން ސްކޫލަށް ނުފޮނުވާނެ ކަމަށް ބުނާ މީހުން

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކުގައި ސްކޫލްތައް ބަންދުކުރުމަށް ފަހު މާލޭ ސަރަހައްދުގެ ސްކޫލްތައް މިއަދު ހުޅުވި ނަމަވެސް ގިނަ މީހުން ތިބީ ދަރިވަރުން ސްކޫލަށް ނުފޮނުވާ ގޮތަށް ކަމަށް "މިހާރު ޕޯލް" ގެ ނަތީޖާ އިން ދައްކައިފި އެވެ.
ސްކޫލްތައް ބަންދުކުރިތާ ހަތަރު މަސް ވާން އުޅެނިކޮށް މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި، ހުރިހާ ގްރޭޑްތަކަކަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކިޔަވައިދޭން ވަނީ ފަށައިފަ އެވެ. ނަމަވެސް ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑު އޮތް މާލެ ސަރަހައްދުގައި ސްކޫލްތައް ހުޅުވީ ގްރޭޑް 9 އިން ފެށިގެން މަތީގެ ދަރިވަރުންނަށެވެ.
މިހާރު ޕޯލްގައި 5،773 ކިއުންތެރިން ބައިވެރިވި އިރު، ދަރިވަރުން ސްކޫލަށް ފޮނުވާނެ ކަމަށް ބުނީ 1،047 އެވެ. އެއީ 18 ޕަސެންޓެވެ. ސްކޫލް ހުޅުވަން އަދި މާ އަވަސް ކަމަށާއި އެހެންވެ ސްކޫލަށް ނުފޮނުވާނެ ކަމަށް 3،672 މީހުން ބުނި އިރު އެއީ ޕޯލްގައި ބައިވެރިވި މީހުންގެ 64 ޕަސެންޓެވެ.
ސްކޫލަށް ފޮނުވާނެތޯ ނުވަތަ ނޫންތޯ ނިންމަން ދަތި ކަމަށް 1،054 ކިއުންތެރިން ބުންޏެވެ. މިއީ ސްކޫލަށް ފޮނުވާނެ ކަމަށް ބުނި މީހުން (18 ޕަސެންޓް) އާ ޕަސެންޓޭޖްގެ ގޮތުން އެއްވަރުގެ ނިސްބަތެކެވެ.
ސްކޫލްތައް ހުޅުވުން އަވަސް، ނުފޮނުވާން ކަމަށް ބުނި މީހުންގެ އަދަދާއި ގޮތެއް ނިންމަން ދަތި ކަމަށް ބުނި މީހުންގެ އަދަދު އެއްކޮށްލުމުން އެނގެނީ، މި ހާލަތުގައި ވެސް ދަރިން ސްކޫލަށް ފޮނުވަން ޖެހިލުންވާ މީހުންގެ ނިސްބަތް ވަރަށް މަތި ކަމެވެ.
މި ޕޯލްގައި ކޮންމެ ޑިވައިސްއަކުން ވޯޓު ދެވޭނީ އެއް ފަހަރު އެވެ.
ސްކޫލްތައް މިއަދު ހުޅުވި ނަމަވެސް ކްލާސްތަކުގައި ދަރިވަރުން ތިބޭނީ، އެއްތަނަކަށް ކުދިން ގިނަ ނުވާ ގޮތަށް، ކަނޑައަޅާފައިވާ ވަކި އަދަދަކަށެވެ. މާސްކް އެޅުމާއި އަތް ދޮވުން ފަދަ، ބަލިން ރައްކާތެރި ވުމުގެ ކަންކަން ސްކޫލްގައި މަޖުބޫރުވާނެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ބެލެނިވެރިންގެ ކިބައިން ރޭ އެދިވަޑައިގެންފައިވަނީ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ދަރިވަރުން ސްކޫލަށް ފޮނުވުމަށެވެ. މިނިސްޓަރު ވަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައި، ސްކޫލް މާހައުލުން ދަރިވަރުން ދަސްކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ