މާލޭ ސިޓީގެ އިންޖީނުގެ ތަކުގައި އަލިފާން ރޯކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އިންޖީނުގެ ތަކުގައި އަލިފާން ރޯކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކުރި ކަން ފުލުހުން ކަށަވަރުކޮށް ނުދިން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ވެސް ދީފައެވެ.
މާލޭ ސިޓީގެ އިންޖީނުގެ ތަކުގައި އަލިފާން ރޯކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރެވިފައި ވާއިރު ވަރަށް ފަހުން ވަނީ ގދ.ތިނަދޫ އިންޖީނުގޭގައި ވެސް އަލިފާން ރޯވެ އެއްކޮށް އަނދާ ހުލިވެފައެވެ. ތިނަދޫ އިންޖިނޫގޭގައި ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ތިނަދުއަށް ކަރަންޓްގެ ޚިދުމަތްދޭ ފެނަކައިން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް މާލެ ވިލިގިނލީ އިންޖީނުގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އެފަހަރު ޕެޓްރޯލް ފުޅިއެއްގައި ރޯކޮށްލައިން ވިލިގިނލީ އިންޖީނުގޭގައި ރޯކޮށްލަން އުޅެނިކޮށް އެތަނުގެ މުވައްޒަފުންނަށް ޕެޓްރޯލް ފުޅި ފެނިގެން ވަނީ ނިއްވާލާފައެވެ.
މާލޭ ސަރަހައްދުގެ އިންޖީނުގެތަކުގައި އަލިފާން ރޯކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން މީގެ ކުރިން ބައެއް ފަހަރުތަކުގައި ސިފައިންނާއި ފުލުހުން އިންޖީނުގެތައް ކައިރީ ސަލާމަތީފިޔަވަޅުތައް ވެސް ވަރުގަދަ ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ