ރައީސް ޔާމިންގެ ވެރިކަމަށް އެއް އަހަރު ނުވަނީސް ހުރިހާ ރަށަކަށް 24 ގަޑި އިރު ކަރަންޓުގެ ހިދުމަތް ދޭން ފެށި: މިނިސްޓަރ ތާރިގް

ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އަހަރެއް ނުވަނީސް ހުރިހާ ރަށަކަށް 24 ގަޑި އިރުގެ ކަރަންޓު ގާއިމު ކޮށްދެއްވާފައިވާ ކަމަށާއި، މީގެ ތިން އަހަރު ކުރިއަށް ޖެހިލާއިރު ގިނަ ރަށްރަށުގައި 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ނުލިބޭއިރު ރޭގަނޑުގެ ގިނަ ވަގުތު ބައެއް ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ނުލިބި ރައްޔިތުންނަށް ގިނަ ދަތި ތަކެއް ކުރިމަތި ވަމުން ދިޔަ ކަމަށް މިނިސްޓަރ އޮފް އެންވަރަންމަންޓް ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ތާރިގް މިހެން ވިދާޅުވީ މ.މުލަކުގެ ސާފު ބޯފެނުގެ ނިޒާމު އިފްތިތާޙު ކޮށްދެއްވުމަށްޓަކައި އެރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުންނެވެ.
"ރައީސް ޔާމިންގެ ސަރުކާރާއި ހަވާލުވެވަޑައިގެންނެވިތާ އެއް އަހަރު ނުވަނީސް 24 ގަޑިއިރުގެ ކަރަންތގެ ހިދމަށް އެމަނިކުފާނު ގާއިމް ކޮށްދެއްވި. ރާއްޖޭގެ ހުރިހާ ރަށަކަށް ޤާއިމްކޮށްދެއްވި. ބާ ޖަނަރޭތަރު ހުރި ރަށް ރަށަށް އާއ ޖަނަރޭޓަރު ލާ ދެއްވާ އޭގެ އިތުރަށް އިތުރު ޕަވަރ ހައުސް އަޅައިދެއްވަވާ މި މަސައްކަތް ތައް ފުރިހަމަ ކޮށްދެއްވަމުން ގެންދެވި. ކަރަންޓުގެ ވިއުގަ ރަނގަޅު ކުރަމުން ގެންދެވި،" މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ފާއިތުވި ތިން އަހަރު ތެރޭގައި ފެނާއި ނަރުދަމާގެ ވަރަށް ގިނަ މަސައްކަތް ތަކެއް ރައީސް ޔާމިން ކުރެއްވި ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، "ރާއްޖޭގެ މިހާތަނަށް އެއްވެސް ރައީސަކު ކުރު މުއްދަތެއްގެ ތެރޭގައި  ނުކުރައްވާފައިވާވަރަށް ރައީސުލްޖުމްހޫރިއްޔާގެ ކުރު މުއްދަތުގެ ތެރޭގައި ފެނާއި ނަރުދަމާ ނިޒާމުގެ ކުރެވިގެން ގޮސްފި" ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ތިން އަހަރު ތެރޭގައި މިހާތަނަށް 15 ރަށެއްގެ ފެނުގެ ނިޒާމު ނިންމައި، 18 ރަށެއްގެ ނަރުދަމާގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.  މީގެ އިތުރުން މިހާރުވެސް 21 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ އިރު 12 ރަށެއްގައި ފެނުގެ މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ތާރިގް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި މެނޭޖް ކުރުމުގެ ނިޒާމު އޮތީ ބޮއްސުން ލާފައި ކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު މިހާރު ދަނީ ރައްކާތެރި ގޮތުގައި ކުނި މެނޭޖް ކުރާނެ ނިޒާމުތައް ޤާއިމްކުރަމުން ކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
"ރާއްޖޭގެ އުތުރާއި ދެކުނުގައި މިހާރު މަސައްކަތްތައް ފެއްޓިގެން މިދަނި. މިއަންނަ އަހަރު ފެށެން ވާއިރަށް އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކޮންމެ ރަށެއްގައި ކުނި ކޮށްޓެއް ނުވަތަ އެރަށަށް ބޭނުންވާ 'އައިލެންޑް ވޭސްޓު މެނޭޖްމަންޓް ސެންޓަރ' އެއް ހެދުމަށް އަޅުގަނޑުމެން ޓާގެޓް ކޮށް މަސައްކަތް މި ކުރަނީ" މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ