ނަޝީދު ކަންތައް ކުރެއްވި ގޮތުން ލަދުގަނޭ: މައުމޫން

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަމަލުފުޅުތައް ހުރިގޮތުން ލަދުވެތިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއާއި ބައެއް ކައުންސިލަރުން ސޮއިކުރުމަށް މިއަދު ބޭއްވުނު ބައްދަލުވުމަކަށްފަހު ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ކުއްލިގޮތަކަށް ރައީސް ނަޝީދު އިންޑިޔާގެ ހައިކޮމިޝަނަށް ވަދެ ވަޑައިގަތުމާއި ގުޅިގެން އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ބަދަހިގުޅުމަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަމަށާއި އިންޑިޔާއާއި ރާއްޖޭގެ ގުޅުން ކިލަނބު ކުރުމަށް މަސައްކަތް ކުރުމަކީ އެއްވެސް ދިވެހި ރައްޔިތަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
މައުމޫން ވިދާޅުވީ އިންޑިޔާގެ ހައިކޮމިޝަނުން ނަޝީދަށް ހިމާޔަތް އަރުވާފައި ނުވާ ކަމަށާއި ނަޝީދު އަމިއްލަފުޅަށް ހައިކޮމިޝަނަށް ވަޑައިގަތުމުން ނަޝީދު އެތަނުގައި ހުންނެވީ އިންޑިޔާގެ ސަފީރަށް ނަޝީދު އެތަނުން ފޮނުވާލަން ކެރިވަޑައިނުގަންނަވާތީ އެމީހުންގެ މެހްމާންދާރީގައި ކަމަށެވެ. އަދި ވިދާޅުވީ ޝަރީއަތަށް ވަޑައިނުގެން އެއްވެސް ދިވެހި ރައްޔިތަކުން ތަނެއްގައި ހުންނެވުމަކީ ހިތާމަކުރައްވާ ކަމެއްކަމަށެވެ.
އިންޑިޔާގެ ހާރިޖީވަޒީރު ސަލްމާން ހުރުޝީދު އިންޑިޔާގެ ބައެއް ނޫސްތަކަށް ދެއްވާފައިވާ އިންޓަވިއުތަކާ ހަވާލާދެއްވާ ރައީސް މައުމޫން ވިދާޅުވީ ނަޝީދު އިންޑިޔާގެ ހައިކޮމިޝަނުގެ ހުންނެވި ހުންނެވުން ދިގުމުއްދަތަކަށް ދެމިގެން ނުދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ