ކޮންމެ ބޭފުޅަކާ ވާދަކުރަންޖެހުނަސް ބިރެއް ނެތް: މައުމޫނު

އަންނަ ރިޔާސީ އިންތިހާބުގައި ކޮންމެ ބޭފުޅަކު ކުރިމަތިލިޔަސް ޕީޕީއެމްއިން އެކަމާ ޖެހިލުން ނުވާނެ ކަމަށާއި، އެ ޕާޓީން އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯލިޝަން ހެދުމަކީ އެއްވެސް ގޮތަކަށް ރިޔާސީ ނިޒާމުގެ ސިފައެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީވެސް ބައެއް ކަހަލަ ކަންކަން ރިޔާސީ ނިޒާމާ ފުށުއަރާ ކަންވެސް ރައީސް މައުމޫނު ފާހަގަ ކުރެއްވިއެވެ.
"ރިޔާސީ ނިޒާމުގައި މި އޮންނަނީ ކޮންމެ ޕާޓީއެއް ވަކިން ވާދަކުރަން. އެމެރިކާގަ ކޯލިޝަން ހެދިވާހަކަ އެއްސެވިންތޯ ދުވަހަކުވެސް. އެއީ ރިޔާސީ ނިޒާމުގެ އެންމެ ފުރިހަމަ މިސާލު އޮތްތަން،" ރައީސް މައުމޫނު ވިދާޅުވިއެވެ. "އަޅުގަނޑުމެން މަޖުބޫރު މިވަނީ ރާއްޖޭގެ ގާނޫނު އަސާސީ ބުނާ އެއްޗަކުން. އެމެރިކާގައި ނޯވޭ ކޮންމެހެން 50 ޕަސެންޓް ވޯޓު ލިބެންޖެހޭނޭކޭ، ހޮވިވަޑައިގަންނަވާ ރައީސަކަށް. އެމެރިކާގަ މި ބުނަނީ އެންމެ މަތީން ވޯޓް ހޯއްދަވާ ބޭފުޅަކު އެއީ ރައީސޭ. އެ ހެޔޮ 45 ޕަސެންޓް ވިޔަސް 40 ޕަސެންޓް ވިޔަސް. އެކަމު ރާއްޖޭގަ 50 ޕަސެންޓޭ ބުނާތީ މިވާގޮތަކީ ފުރަތަމަ ބުރު މިސާލަކަށް، 2008ގަ އަޅުގަނޑަށް ލިބުނު 100 އަކުން 40. ރައީސް އަކަށް ހޮވިވަޑައިގެންނެވި މުހަންމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 100 އަކުން 25. އެހެންވީމަ އެމެރިކާގަ ނަމަ އަޅުގަނޑު ހުރީހީ ހޮވިފައި،"
ރައީސް މައުމޫނު ވިދާޅުވީ ކެބިނެޓުގައި މިނިސްޓަރުން ތިއްބަވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށާއި، ވަކި މީހަކަށް ތާއީދު ކުރަން ނޫން ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓުކަން ގަބޫލު ކުރެއްވުމާއި އެކު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މުހަންމަދު ޖަމީލު އަހުމަދު މަގާމުން ވަކިކުރައްވާ ރައީސް އޮފީހުން ދެއްވި ބަޔާނުގައި ގަބޫލު ނުކުރެވޭ ވާހަކަތަކެއް ހުރި ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
"ކެބިނެޓުގަ ތިއްބެވި ހުރިހާ ބޭފުޅުންނަކީ ސަރުކާރު ހިންގުމަށް އެކި ޕާޓީތަކުން ވަޑައިގެން ތިއްބެވި ބޭފުޅުން، ރައްޔިތުންނަށް ހިދުމަތް ދިނުމަށް. އެއީކީ ވަކި ބޭފުޅަކު ރައީސް ކަމަށް ކުރިމަތިލެއްވީމަ ތާއީދުކުރަން ހެދިފަ އޮތް ކޯލިޝަނެއް ނޫން އެއީ،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ރައްޔިތުންގެ މެދުގައި ޕީޕީއެމްގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ މެމްބަރުން ނޫން އެހެން ޕާޓީތަކުގެ މެމްބަރުންނާއި، ޕާޓީއަކަށް ނުވަދެ ތިބި ގިނަ އަދަދެއްގެ ބަޔަކުވެސް ޕީޕީއެމްއަށް ތާއީދު ކުރައްވާ ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
އަދި ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީން އެ ޕާޓީއަށް 700 އަށްވުރެ ގިނަ މެމްބަރުން ވަދެފައިވާ ކަމަށާއި، އައްޑޫގައި ޕީޕީއެމްއަށް ވަރަށް ތާއީދު ބޮޑުވަމުން އަންނަ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ