އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އިސްމާއީލް ހަބީބު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އިސްމާއީލް ހަބީބު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަ ޖެނެރަލް ކަމާއި އެގްޒެކެޓިވް ޑިރެކްޓަރުކަން ވެސް ކުރެއްވި އިސްމާއީލް ހަބީބު އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ފާސްކުރީ، ކުރީގެ މެމްބަރު އޮގަރު އިބްރާހިމް ވަހީދު އޮކްޓޫބަރު 2013 ގައި އިސްތިއުފާ ދެއްވުމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އިސްމާއީލް ހަބީބު އައްޔަން ކުރެއްވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަމަ ޖަލްސާގައި، އެ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ. އިސްމާއީލް ހަބީބުގެ އިތުރުން އިލެކްޝަންސްގެ ކުރީގެ ޑިރެކްޓަ ޖެނެރަލް މުހަންމަދު ތޮލާލާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު މުހަންމަދު ރިޝްވާންގެ ނަން ވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެވެ. އެކަމަކު ރިޝްވާން ވަނީ ރޭ ނަން އަނބުރާ ގެންދަވައިފަ އެވެ. އަދި ކޮމިޝަނަށް އައްޔަން ކުރުމަށް، މިނިވަން މުއައްސަސާ ކޮމިޓީން ފާސްކުރީ އިސްމާއީލް ހަބީބުގެ ނަމެވެ. އެއީ 81 ޕަސެންޓް ހޯއްދަަވައިގެންނެވެ. ސިވިލް ކޯޓުގެ ސީނިއާ ކޯޓް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބު ޖެނުއަރީ 2013 ގައި އިލެކްޝަންސް ކޮމިޝަނުން ވަކިކުރީ އެ ކޮމިޝަންގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އެ ފިޔަވަޅު އިލެކްޝަންސް އިން އެޅީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި އިސްމާއީލް ހަބީބުގެ ވަޒީފާ އިޔާދަކުރުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިލެކްޝަންސްގެ މައްޗަށް އޯގަސްޓް 2013 ގައި ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު އެ މައްސަލަ އިލެކްޝަންސް އިން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި ހައި ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ބާއްވައިފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް އިސްމާއީލް ހަބީބު އައްޔަން ކުރަން ފާސްކުރިއިރު، މިދިޔަ އާދީއްތަދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނާއިބު ރައީސް އަހުމަދު ފަޔާޒްގެ މަގާމު ވަނީ ގެއްލިފަ އެވެ. އެކަމަކު އެ ދެބޭފުޅުންގެ މަގާމު ގެއްލުނު ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ސުޕްރީމް ކޯޓުން އެ ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާ ހިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ވެސް ލަފާ އަރުވާފައިވާތީ އެވެ. ފުއާދާއި ފަޔާޒްގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަދުވަހު ރައީސް އޮފީހުން ވަނީ ހުޅުވާލައިފަ އެވެ. އަދި އެ ފުރުސަތު މިއަދު މެންދުރު 3:00 ގައި ހަމަވާނެ އެވެ. އިލެކްޝަންސް ކޮމިޝަނަށް އިސްމާއީލް ހަބީބު އައްޔަން ކުރުމުން، އެ ކޮމިޝަން ހިނގަމުން ދާނީ ތިން މެމްބަރުންނާ އެކުގަ އެވެ. ފަސް މެމްބަރުން ކޮމިޝަންގައި ތިއްބަވަން ޖެހޭ އިރު ތިން މެމްބަރުންނާ އެކު ކޯރަމް ހަމަވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ