އިސްލާމިކް ބޭންކުގެ ފައިސާ ކާޑުގެ ސަލާމަތީ ފިޔަވަޅުތައް ގިނަ

ފައިސާ ނަގަން ގޮސް ހަނދާން ނެތިގެން އޭޓީއެމަށް ކޭޝް ކާޑު ޖަހާފައި، ދެވިއްޖެ ނަމަ ދެން ވާނީ ކިހިނެއް ހެއްވެ؟ މިއީ އޭޓީއެމުން ފައިސާ ނަގާ ފަރާތްތަކަށް ބައެއް ފަހަރު ދިމާވާ ގޮތެކެވެ. ނަމަވެސް މި ގޮތަށް އިސްލާމިކް ބޭންކުގެ "ފައިސާ ކާޑު" ދޫވިޔަސް ހާސްވާކަށްނުޖެހެ އެވެ. އެއީ މި ކާޑު ހަދާފައިވަނީ އެފަދަ ކަންތައްތަކުން ވެސް ހިމާޔަތްވާ ގޮތަކަށް، ސަލާމަތީ ގިނަ ފިޔަވަޅުތަކަކާ އެކުގަ އެވެ. "މި ކާޑު ބޭނުންކުރާއިރު ހަދާ ކޮންމެ ޓްރާންސެކްޝަނަކަން ޕިން ޖަހަން ޖެހޭނެ. އެހެންވުމުން ފައިސާ ނަގާފައި ހަނދާންނެތިގެން ދެވުނަސް އެހެން މީހަކަށް އެ ކާޑުން ފައިސާއެއް ނުނެގޭނެ،" އެމްއައިބީގެ ހެޑް އޮފް ކާޑު ސެންޓަރު އަހުމަދު ރިޒާ ވިދާޅުވި އެވެ. ރާއްޖޭގެ ފުރަތަމަ އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިހާރު ވަނީ ކޭޝް ކާޑުގެ ޚިދުމަތާ އެކު، އޭޓީއެމްގެ ޚިދުމަތް ވެސް ފަށާފަ އެވެ. އޭޓީއެމް މެދުވެރިކޮށް ޗެކް ފޮތަށް އެދުމާއި ފައިސާ ޓްރާންސްފާކުރުން ފަދަ ގިނަ ޚިދުމަތްތަކެއް ލިބެން ހުރިއިރު، ކާޑުގެ ސަލާމަތީ ފިޔަވަޅުތައް ވެސް ގިނަ އެވެ. ރިޒާ ވިދާޅުވީ އެ ބޭންކުން ދޫކުރާ ކާޑުގައި އިންނާނީ "ޑީފޯލްޓް ޕިނެއް" ކަމަށާއި، މިފަދަ ޕިނެއް ދޫކުރުމުން ކަސްޓަމަރުން ބޭނުން ވަގުތެއްގައި ޕިން ބަދަލުކޮށްލެވޭނެ ކަމަށެވެ. "ޕިން ބަދަލުކުރުމަށް ފައިސާ ނަގާ އުސޫލުން އޭޓީއެމުން އެކަން ކުރެވޭނެ. އެކަންކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ކުރާކަށް ނުޖެހޭނެ،" ރިޒާ ވިދާޅުވި އެވެ. އެމްއައިބީގެ އޭޓީއެމް ޚިދުމަތް ދިނުމަށް އައިޖީއެމްއެޗް ކައިރީގަ އާއި އެ ބޭންކުގެ ތެރޭގައި އޭޓީއެމް ބަހައްޓާފައި ހުރެ އެވެ. އަދި އިތުރު ތިން އޭޓީއެމް މާލޭގައި ބަހައްޓަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. ރިޒާ ވިދާޅުވީ އެމްއައިބީގެ ފައިސާ ކާޑަކީ ސަލާމަތީ ގޮތުން ކިތަންމެ ވަރުގަދަ ކާޑެއް ކަމަށް ވިޔަސް، ކާޑުގެ ސަލާމަތަކަށްޓަކައި ކަސްޓަމަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. "އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އެކި މީހުންގެ އަތަށް ކާޑުގެ ޕިން ނުދޭން. އަޅުގަނޑުމެން ކިތަންމެ ވަރަކަށް ވެސް ކާޑުގެ އިންޓާނަލް ސެކިއުރިޓީ ވަރުގަދަ ކުރެވިދާނެ. ނަމަވެސް ކަސްޓަމަރުން އެބަޖެހޭ ޕިން ނަމްބަރު މީހުންނަށް ދިނުން ފަދަ ކަންތައް ހުއްޓުވަން،" އޭނާ ވިދާޅުވި އެވެ. ރިޒާ ވިދާޅުވީ އޭޓީއެމްގެ ހިދުމަތް ފުޅާކުރަމުން އަންނަ އިރު، އެ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ކަމަށެވެ. "އަޅުގަނޑުމެން މަސައްކަތްކުރާނީ މި ހިދުމަތަށް މައްސަލައެއް ނުޖެހި ދެވޭނެ ގޮތްތަކަށް ބައްޓަންކުރަން. އެކަންކުރުމުގެ ގޮތުން ސަޕްލަޔަރުންނާ ވެސް މަޝްވަރާކުރަމުން މިދަނީ،" ރިޒާ ވިދާޅުވި އެވެ. ފައިސާ ކާޑަށް އަހަރީ ފީއެއްގެ ގޮތުގައި 50ރ. އެމްއައިބީން ނަގަ އެވެ. ރިޒާ ވިދާޅުވީ ފައިސާ ކާޑުގެ އިތުރުން ފިހާރަތަކަށް ޕީއޯއެސް ޓާމިނަލްގެ ހިދުމަތް ދިނުމަށް ވެސް އެ ބޭންކުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. "މެއި މަހު ހިސާބު މަސައްކަތް ކުރަމުން މި އަންނަނީ ޕީއޯއެސްގެ ހިދުމަތް ފިހާރަތަކަށް ފަށަން. އެ މަސައްކަތް ފެށުމުގެ ގޮތުން ވަރަށް އަވަހަށް ޓެސްޓްކުރުމުގެ މަސައްކަތް ވެސް ފަށާނަން،" ރިޒާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ