ބަނގުރަލާއި އޫރުމަހުގެ މައްސަލަ ބަންޑާރަނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ބާ؟
ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ސުޕްރީމް ކޯޓަށް ސީދާ މައްސަލަތައް ހުށަހެޅުމުގެ ދޮރު ވަނީ ހުޅުވިފަ އެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި އަދި އެނޫން ކޯޓްތަކަށް ވެސް މައްސަލަތައް ހުށަހެޅުމުގައި ހަމަޖެހިފައިވާ އުސޫލުތަކެއް ގާނޫނުތަކުގައި ވަނީ ކަނޑައެޅިފަ އެވެ. ޚާއްޞަ ގޮތެއްގައި ސުޕްރީމް ކޯޓަށް ސީދާ ހުށަހެޅޭނީ ވަކި މައްސަލަތަކެއް ކަމަށް ގާނޫނުގައި ބަޔާންކުރެވިފައިވަނީ، ވަކި ސަބަބުތަކެއް އޮވެގެންނެވެ. އަދި ކޯޓްތަކަކީ ސަރުކާރު ހިންގުމުގައި ދުވަހުން ދުވަހަށް ލިބެން ޖެހޭ ގާނޫނީ ލަފާ ދޭ ތަނެއްގެ ގޮތުގައި ދައްކަން އުޅުމަކީ ގާނޫނީ ނިޒާމު އޮޅުވާލުމެވެ. ސަރުކާރަކީ ގާނޫނުތަކުގައިވާ ކަންތައްތައް ތަންފީޒުކުރަން އަދި ގާނޫނާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައި ތިބި ޚާދިމުންތަކެކެވެ. ބަންޑާރަނާއިބު އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅީ ބަނގުރަލާއި އޫރުމަސް ރާއްޖޭގައި ގެންގުޅުމުގައި އަމަލްކުރާނެ އުސޫލު ސާފުކުރުމުގެ މައްސަލަކަމަށް ވާއިރު، އެއީ ގާނޫނީ ގޮތުން ޚިލާފެއް އުފެދިފައިވާ މައްސަލައެއް ވެސް ނޫނެވެ. ދިވެހިރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަނގުރަލާއި، އޫރުމަހާއި އޫރުމަހުން އުފައްދާތަކެތި ރާއްޖެ އެތެރެކުރެވޭނީ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ އިން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ކަމަށާއި އަދި އެފަދަ ތަކެތި ރާއްޖޭގައި އުފެއްދުމަކީ މުޅިން މަނާ ކަމެއް ކަމަށް އެގާނޫނުގެ (ނ) ގައި ބަޔާންކޮށްފައިވާއިރު، މިފަދަ ތަކެތި ރާއްޖެ އަށް ގެނައުމާއި ގެންގުޅުމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް ޓްރޭޑް އިން އެކަށައަޅާ ގަވާއިދެއްގެ ދަށުން އެތަކެތި ގެންގުޅުމުގެ އުސޫލެއް އެކަށައެޅިދާނެކަމަށް ބަޔާންކޮށްފައިވެ އެވެ. ރާއްޖޭގައި އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެއްޗާއި އަދި ބަނގުރާ ގެންގުޅުމާ ބެހޭ ގޮތުން މިސަރުކާރު ވުޖޫދަށް އައުމަށް ފަހު ގަވާއިދު އިސްލާޙުކުރެވި އެގަވާއިދުގެ ދެވަނަ ނަމްބަރުގައި ތަފްސީލުކޮށް މިފަދަ ތަކެތި ގެންގުޅެވޭނެ ހަމަތަކެއް ކަނޑައަޅާފައިވެ އެވެ. އަދި އެގޮތުގެ މަތިން ރާއްޖޭގައި މިފަދަ ތަކެތި ޓޫރިސްޓް ރިސޯޓްތަކުގެ ބޭނުމަށް ގެންގުޅެވޭނެ ކަމަށް ބަޔާންކުރުމާ އެކު އިތުރު ފަސް ފަރާތަކަށް މިފަދަ ތަކެތި މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން ރާއްޖޭގައި ގެންގުޅުމުގެ ހުއްދަ ދީފައިވާކަމާއި، އަދި މިއުސޫލުގެ މަތިން ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި ފެށުނީއްސުރެ މިއަދާ ހަމައަށް އަމަލްކުރެވެމުން އައިސްފައިވާކަން އެނގެ އެވެ. މިއީ އެއްވެސް ފަރާތަކުން ދެބަސްވެ، ގާނޫނީ ގޮތުން ބޮޑު އޮޅުންތަކެއް އަރާފައިވާ މައްސަލައެއް ނޫނެވެ. އަދި މިއީ ގާނޫނުތަކުގެ ނައްސުން ސާފުކޮށް އެނގެން އޮތް ކަމެއްކަމާއި މިފަދަ ކަންތަކުގައި ޝަރުއީ ކޯޓަކަށް ދާން ޖެހޭ ގާނޫނީ ޖަވާޒެއް ނުވަތަ ސަބަބެއް ނެތްއިރު، މިއީ ސަރުކާރުގެ ގާނޫނީ މަޝްވަރާ ދޭ ތަނަކަށް ޝަރުއީ ކޯޓް ހެދުން ކަމަށް ވެގެންދާ ފަދަ އަމަލެކެވެ. ދިވެހިރާއްޖޭގައި ވެސް ބަންޑާރަނާއިބު ދައުލަތުގެ ފަރާތުން އައްޔަންކުރެވި ސަރުކާރުގެ ވަޒީރެއްގެ ފެންވަރުގައި އެކަށައެޅިފައިވަނީ، ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދިނުމަށްޓަކަ އެވެ. އެހެންކަމުން ގާނޫނުގައި އޮތް ކަމެއް ނުވަތަ ވަކި ކަމެއްގައި ގާނޫނީ ހަމަތައް ސަރުކާރަށް ސާފުނުވާކަމުގައިވާ ނަމަ އެކަމެއް އޮތްގޮތް ސަރުކާރަށް އެންމެ ފުރަތަމަ އޮޅުންފިލުވައިދޭން ޖެހޭ ފަރާތަކީ ބަންޑާރަނާއިބު ކަމަށް ވާއިރު، އެކަން އެގޮތަށް ކުރެއްވުމުގެ ބަދަލުގައި މިފަދަ ކޮންމެ ކަމެއް ކޯޓުތަކާ ޙަވާލުކުރުމުން އެމަނިކުފާނު އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތު ކޯޓްތަކާ ޙަވާލުކުރުން ނޫން ގޮތަކަށް މާނަކުރެވޭކަށް ނޯންނާނެ އެވެ. ބަނގުރަލާއި، އޫރުމަހާއި އޫރުމަހުން އުފައްދާ ތަކެތި ރާއްޖޭގައި ގެންގުޅުމާ ބެހޭ ގޮތުން އެންމެ ފުރަތަމަ އެމަނިކުފާނުގެ ގާނޫނީ ލަފާ ސަރުކާރަށް ބޭނުންވެއްޖެ ނަމަ އެލަފައެއް ނުވަތަ މަޝްވަރާއެއް ސަރުކާރަށް އަރުވަން ޖެހޭއިރު އެކަން މިއަދު ޝަރުއީ ކޯޓާ ޙަވާލުކުރުމަކީ ޒިއްމާ އިން ބަރީއަވުމާއި، ތިމާގެ މަސްއޫލިއްޔަތު އުފުލުމަށް ބިރުފުޅުގަތުން ނޫން ބާވަ އެވެ؟ މިފަދަ ކޮންމެ ކަމަކީ ޝަރުއީ އެންމެ މަތީ ކޯޓަށް ލަފައަށް އެދި ސަރުކާރަށާއި އަމިއްލަ ފަރުދުންނަށް ހުށަހެޅޭ ބާވަތުގެ ކަމެއްގެ ގޮތުގައި ހަމަޖެހިގެން ހިނގައްޖެ ނަމަ، އެކަމުގެ ސަބަބުން ޝަރުއީ އެންމެ މަތީ ކޯޓުގެ ދައުރު މުޅިން ބަދަލުވެ، މިފަދަ މައްސަލަތަކުން ކޯޓް ތޮއްޖެހުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަކަށް ވެސް ވެގެން ހިނގައިދާނެ އެވެ. ކޯޓްތަކާ ބެހޭ ގާނޫނުގައި ކޮންމެ ކޯޓެއްގައި ވެސް ބެލޭނެ މައްސަލަތައް ކަނޑައެޅިފައިވަނީ ބޭނުމެއް ނެތް ގޮތަށް މައްސަލަތައް ހިންގުމުން އެއްކިބާވުމަށާއި، ކޯޓްތަކާ ހަމައަށް ގެންދެވޭ މައްސަލަތަކަކީ ކޯޓްތަކުން ބަލަން ޖެހޭ ފަދަ ކަމެއް ނުވަތަ ދެބަސްވުމެއް އޮތް މަސްއަލައެއްތޯ ބެލުމަށް ފަހު ޝަރީއަތްތައް ހިންގުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުންނެވެ. ވަކިން ޚާއްޞަކޮށް ސުޕްރީމް ކޯޓަކީ އެކޯޓުން ސީދާ ބެލޭނެ މައްސަލަތައް ގާނޫނުގެ ތެރޭގައި ސާފުކޮށް ކަނޑައެޅިފައިވާ ކޯޓެކެވެ. މިގޮތުން ކޯޓްތަކާ ބެހޭ ގާނޫނުގެ ،10 ،11 ،12 13 ވަނަ މާއްދާގައި ސުޕްރީމް ކޯޓުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ތަފްސީލުކޮށްފައިވާއިރު، ދުސްތޫރީ ގޮތުން ޚިޔާލުތަފާތުވުމެއް އޮވެގެން ގައުމު ހުސްކަމެއްގެ ތެރެއަށް ދިއުން ނުވަތަ ދެ މުއައްސަސާއެއްގެ ދެމެދު ގާނޫނު އަސާސީ މާނަކުރުމާ ބެހޭ ގޮތުން ޚިޔާލުތަފާތުވުމެއް އުފެދިގެން ނުވަތަ ގައުމުގެ އާންމު މަސްލަޙަތާ ގުޅޭ ގޮތުން ދުސްތޫރީ މައްސަލައެއް ދިމާވުމުން ނޫން ގޮތަކަށް މިފަދަ ކަމެއްގައި ސުޕްރީމް ކޯޓާ ހަމައަށް ވާސިލްވެވޭނެ ގޮތެއް ނެތްއިރު، ބަނގުރާލާއި އޫރުމަހާއި، އޫރުމަހުން އުފައްދާ ތަކެތި ރާއްޖޭގައި ގެންގުޅުމާ ބެހޭ ގޮތުން ރާއްޖޭގައި ދުސްތޫރީ މައްސަލައެއް އޮތް ކަމެއް އެއްވެސް ބަޔަކަށް އެނގިފައެއް ނުވެ އެވެ. ރައްޔިތުންތަކެއް ވަކި ކަމެއް، މީހުން ދިރިއުޅޭ ތަންތަނުގައި ކުރުން ހުއްޓުވުމަށް ގޮވާލާފައިވަނީ މިކަންތަކާ ގުޅޭ ގޮތުން އަމަލްކުރަން ހަމަޖެހިފައިވާ ގާނޫނާއި ސަރުކާރުން އެކަށައަޅާފައިވާ ގަވާއިދުގައިވާ ގޮތުގެ މަތިން ސަރުކާރަށް އަމަލްކުރުމަށް އިލްތިމާސްކޮށެވެ. ވީއިރު، އެގޮތަށް ގޮވާލުމުން އުފެދުނު ދުސްތޫރީ ހުސްކަމެއް އޮތް ކަމަށް ބަންޑާރަނާއިބު ގަބޫލްކުރައްވާ ނަމަ އެކަމަކާ ގުޅޭ ގޮތުން ވެސް އެމަނިކުފާނު ދެކިވަޑާގަންނަވާ ގޮތެއްގެ ލަފާ ފުރަތަ ސަރުކާރަށް އަރުވަން ޖެހެ އެވެ. އަދި އެލަފައެއް ނެތި ނުވަތަ ދިމާވި ދުސްތޫރީ މަސްއަލަ އަކީ ކޮބައިކަން ސާފުކޮށްނުދެއްވާ މިފަދަ ކޮންމެ ކަމެއް ކޯޓްތަކާ ހަވާލުކުރުމުގެ މާނަ އަކީ ގާނޫނީ ގޮތުން ކަންތައް އޮތްގޮތް ސަރުކާރަށް އޮޅުންފިލުވައިދެއްވުމުގައި އެމަނިކުފާނުގެ މަސްއޫލިއްޔަތެއް އޮތް ކަމަށް ގަބޫލުނުކުރެއްވުންތޯ އެވެ؟ މިފަދައިން ދިމާވާ ކޮންމެ ކަމެއްގައި އަދި ސަރުކާރަށް ރައްޔިތުން ގޮވާލާ ކޮންމެ ކަމެއްގައި ސުޕްރީމް ކޯޓާ ހަމައަށް ދެވޭނެ މަގު ހަމަޖެހިގެންދިއުމަކީ، މާދަމާ ކޮންމެ މީހަކަށް ވެސް ގާނޫނުގައި ސާފުކޮށް އެނގެން އޮންނަ ކަންތައްތަކުގައި ވެސް ކޯޓުތަކަށް ދިއުމުގެ މަގު ހުޅުވުމެވެ. އަދި އަމުދުން ބަންޑާރަނާއިބުގެ މަސްއޫލިއްޔަތު ފުރަތަ އަދާނުކޮށް އެންމެ ފުރަތަމަ ވެސް ޝަރުއީ ކޯޓާ ހަމައަށް ގާނޫނީ މަޝްވަރާ ހޯދުމަށް ވަޑައިގަތުމުގެ ފުރުސަތު ހުޅުވިގެންދިއުމެވެ. މިއަދު ބަންޑާރަނާއިބު ހުށަހަޅުއްވާފައިވާ މައްސަލާގައި އެމަނިކުފާނު ދެއްވި ގާނޫނީ ލަފައެއް ވެސް އަދި އެލަފަޔާ ގުޅިގެން ދިމާވި ގާނޫނީ މައްސަލައެއް ވެސް ފެންނަން ނެތްއިރު، ޝަރުއީ ކޯޓަށް މިފަދަ މައްސަލަތައް އަމާޒުކުރުމަކީ ކޯޓްތަކުގެ އިޚްތިސާސް އޮޅި، މަސައްކަތް ތޮއްޖެހި، ސަރުކާރަށް ބޭނުންވާ ގާނޫނީ ލަފާ ދޭ ތަނަކަށް ކޯޓްތައް ބަދަލުވެގެންެދިއުމެވެ. މިއީ ކޯޓްތަކާ ބެހޭ ގާނޫނާއި، ދުސްތޫރީ ގޮތުން ބަންޑާރަނާއިބު އަދާކުރަން ޖެހޭ ގާނޫނީ މަސްއޫލިއްޔަތަށް ބަލާއިރު ޝަރުއީ އެންމެ މަތީ ކޯޓާ ހަމައަށް ދާން ޖެހޭ އަދި އެކޯޓުން ބަލަން ޖެހޭ ޒާތުގެ ގާނޫނީ މައްސަލައެއް އޮތް ކަމެއް ކަމަށް ބެލެވޭކަށް އޮތް ކަމެއް ނޫނެވެ. އެޑިޓަރުގެ ނޯޓު: ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ކުރީ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރު އަދި މިހާރު ސަރުކާރުގެ ކޮމިޔުނިކޭޝަން މިނިސްޓަރުކަން ކުރެއްވި އަދި ގާނޫނީ ވަކީލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ