މަޖިލީހަށް ފާރިސް ހޮވުމަކީ ސަރުކާރު ހިންގަން ލިބޭ ބާރަކަށް ވާނެ: މައުމޫނު

ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކޮށް ރައްޔިތުން މަޖިލީހަށް ފާރިސް މައުމޫނު އިންތިހާބު ވެވަޑައިގެންނެވުމަކީ ސަރުކާރު ހިންގަން ލިބޭނެ ބާރަކަށް ވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ. މައުމޫނުގެ ދަރިކަލުން ފާރިސްގެ ކެމްޕެއިން ޖަގަ ހުޅުވަން ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން އިތުރުވުމަކީ ސަރުކާރު ހިންގަން ވަރަށް މުހިންމު ކަމެއް ކަމަށެވެ. "ދިއްގަރު ދާއިރާގައި ހިމެނޭ ފަސް ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް އެ ބޭފުޅުންގެ މުހްތާދުތައް އޮޅުންފިލުވާ އެ ބޭފުޅުންގެ އުއްމީދުތަކާ އިންތިޒާރުކުރާ ކަންތައް ދެނެގަނެ އެމީހުނަށް ހިދުމަތްކުރުމަކީ އަމާޒުކަމަށް ދަންނަވާ އެ ބޭފުޅުން އެކަން ގަބޫލުކުރައްވަން އެބަ ޖެހޭ،" މައުމޫނު ވިދާޅުވި އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ޕީޕީއެމް ވަނީ ފާހަގަކުރެވޭ ބޮޑެތި އިންތިހާބުތަކެއް ކާމިޔާބުކޮށްފައި ކަމަށާއި އޭގެ ސަބަބަކީ ޕާޓީއަށް އޮތް ތާއީދުކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ފާރިސް ކެމްޕެއިން ޖަލްސާގައި މައުމޫނު ޕީޕީއެމްގެ އިސް މެމްބަރުންނާ އެކު --ހަވީރު ފޮޓޯ: ނިޝާން އަލީ މައުމޫން ވިދާޅުވީ އެއްވެސް އިންތިހާބެއް ފަސޭހަ ނުވާނެ ކަމަށާއި ފާރިސް ހޮވަން ވެސް ވަރަށް ބޮޑު މަސައްކަތެއް ކުރަން ޖެހޭނެ ކަމަށެވެ. "ޑިމޮކްރަސީއަކީ ރައްޔިތުންގެ ލާބަޔަށް، ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދޭ ނިޒާމް. ރައްޔިތުން ބޭނުންވާ ކަންތައް ރައްޔިތުން ބޭނުންވާ ގޮތަށް ހާސިލްކޮށްދެވޭނީ ރައްޔިތުން އިތުބާރުކުރާ، ރައްޔިތުން ތާއީދުކުރާ، ރައްޔިތުންގެ ހިތުގައި ލޯތްބާއި އެއްބާރުލުން އުފެދިފައިވާ މީހަކު އިންތިހާބުކޮށްގެން،" މައުމޫނު ވިދާޅުވި އެވެ. މި ޖަލްސާގައި ފާރިސް ވަނީ ދިއްގަރު ދާއިރާއަށާއި ރާއްޖެއަށް ތައްރައްގީ ގެނައުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އޭނާގެ ކެމްޕެއިނުގައި މަސައްކަތްކުރާ އެންމެނަށް ވެސް ޝުކުރުއަދާކުރެއްވި އެވެ. އެކަމަކު ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ