ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިނުވާ ޖަމާއަތަކުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.                         
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން ގެންދަނީ މަލީޝާ ގުރޫޕުން އޮޅުވާލައިގެން ފައިސާ އަތުލާފައިވާ މައްސަލައެކެވެ.
މިއަހަރު ހައްޖަށް ދިއުމަށް މަލީޝާ ގުރޫޕަށް ފައިސާދިން މީހަކު ސީއެންއެމަށް މައުލޫމާތު ދެމުން ބުނީ، އެގުރޫޕަށް 67000 ދިވެހި ރުފިޔާ ދައްކާފައިވާނެ ކަމަށާއި ފައިސާ ދެއްކި އިރު ވެސް އެޖަމާއަތުން ހައްޖަށް ނުގެންދާ ވާހަކަ ބުނެފައި ނުވާ ކަމަށެވެ. 
އޭނާ ބުނީ މިމަހުގެ 14 ވަނަ ދުވަހު ފޮށި ބަލާ ދިއުމަށް އެތަނުން ގުޅާފައިވާ ކަމަށާއި ރަށްދެބައި މަގުގައި ހުންނަ އެޖަމާއަތުގެ އޮފީހަށް ދިޔަ އިރު އެތަން ބަންދުކޮށް ނަންބޯޑު ވެސް ނަގާފައިވާ ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ވެސް އެތަނުގެ މީހަކާއި ދިމާވެ ފައިސާއާއި އެތަނާއި ހަވާލުކޮށްފައިވާ ޕާސްޕޯޓު ވެސް ލިބޭނެ ގޮތް ނުވެފައިވާ ކަމަށް އޭނާ ބުންޏެވެ. 
ފުލުހުން މައުލޫމާތުދޭ ގޮތުގައި 16 ސެޕްޓެމްބަރުން ފެށިގެން މިހާތަނަށް 52 މީހަކުވަނީ އެޖަމާއަތުގެ ޝަކުވާކޮށްފައެވެ. 
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އެތަނުގެ ވެރި ފަރާތް މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށެވެ. 
ރާއްޖެއިން މިއަހަރު ހައްޖަށްދާ 1000 މީހުން ގެންދިއުމަށް ކޯޓާ ދޫކޮށްފައިވަނީ ސިސިލްފަރު ހައްޖު ގުރޫޕާއި ޒައީމާ ހައްޖު ގުރޫޕާއި އަލްފަތަހަ ޖަމާއަތަށާއި ސަފާއާއި އަތަމާ ހައްޖު ގުރޫޕު އަދި ޔޫއެސް ހައްޖު ގޫރޫޕާއި މަނާސިކާއި ޙައިރު ޖަމާއަތަށެވެ. 
ހައްޖަށް މީހުން ނުގެންދާ ޖަމާއަތަކުން ފައިސާ ނެގި މައްސަލަ ފުލުހުން ބަލަމުންދާ އިރު، އިތުރު ކޯޓާ ލިބޭނެ ކަމަށް ދޫކޮށްފައިވާ ކޯޓާއަށް ވުރެ އިތުރަށް ބައެއް ޖަމާއަތްތަކުން ފައިސާ ނެގި މައްސަލަތަކެއް ވެސްވަނީ ފެންމަތިވެފައެވެ.
    
    ހުއްދަ ދީފައި ނުވާ ޖަމާއަތަކުން ފައިސާ ނެގި މައްސަލައެއް ފުލުހުން ބަލަނީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            