2004 ވަނަ އަހަރުގެ ޑިސެމްބަރ 25 ގައި ދިވެހިރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ސުނާމީ ކާރިސާގައި ގެދޮރު ހަލާކުވެ މަގުވެތިވެ، ހާލުގައި ޖެހުނު ގއ. ވިލިގިލީ ރައްޔިތުން ދިރިއުޅެމުން އަންނަނީ އަދި ވެސް ވަގުތީ ހިޔަލުގައެވެ. ސުނާމީއަށް 8 އަހަރު ފާއިތުވެ ދިޔައިރު ވެސް ދާއިމީ ގެދޮރަށް ނުދެވި ވަގުތީ ހިޔާތަކުގައި، ބިކަ ހާލުގައެވެ.
ސުނާމީގެ ސަބަބުން ވިލިގިލިން ހަލާކުވެދިޔަ 70 އެތައް ގެއެއްގެ މަސައްކަތް ފިލިޕީންސްގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށްފަހު ޕްރޮޖެކްޓްގައި ގެތައް އެއްކޮށް ނިންމާލެވޭނެ ވަރަށް ފައިސާ ނެތުމުގެ ސަބަބުން ވަކި މުއްދަތެއް ނެތި ހުއްޓާލާފައި ވުމުން ވަގުތީ ހިޔާތަކުގައި ދަތި ދިރިއުޅުމެއް ވޭތު ކުރަމުން އަންނަ ވިލިގިލީގެ އެތައް އާއިލާ ތަކެއް އަމިއްލަ ވަޒަނަށް ދިއުމަށް ކުރި އުންމީދުތައް ވަނީ ހިޔާލީ ފޮލާއަކަށް ބަދަލުވެފައެވެ.
އެ ޕްރޮޖެކްޓް ހުއްޓާލިއިރު ގިނަ ގެތަކެއް ވަނީ ރާނާ ނިމި ސިމެންތި ޖަހާ ހިޔާވެސް ކޮށްފައެވެ. ވަގުތީ ހިޔާތަކުގައި ބިކަ ހާލުގައި ދިރިއުޅެމުން އަންނަ ރައްޔިތުންގެ ތެރެއިން ކިރިޔާ ވެސް އާއިލާގެ ތެރޭގައި ތަނަވަސް ކަމެއް ހުރި ބަޔަކު ނަމަ އަމިއްލައަށް ގެތައް އިމާރާތްކޮށްގެން ވަނީ އަމިއްލަ ގެތަކަށް ދިރިއުޅުން ބަދަލު ކޮށްފައެވެ.
މިހާރު ވަގުތީ ހިޔާތަކުގައި އުޅެމުން އަންނަ ގިނަ މީހުން ބުނާގޮތުގައި އެމީހުން އެތާ ދިރިއުޅުން ވޭތުކުރަން ޖެހިފައިވަނީ އާއިލާއަށް ލިބޭ އާމްދަނީން ކާންބުއިމަށް ކުރާ ހަރަދުތަކަށްފަހު އިތުރު ހަރަދެއް ކުރެވެން ނޯންނާތީއެވެ. އަދި ސުނާމީގެ ކުރީގައި ރަނގަޅަށް ކިޔަވަމުން އައި ކުދިން ވެސް ވަގުތީ ހިޔާތަކުގައި ދިރިއުޅުން ވޭތުކުރަން ޖެހުމުން ކިޔެވުމާއި ވަނީ މުޅިންހެން ދުރުވެފައެވެ.
ވަގުތީ ހިޔަލެއްގައި ގާތްގަނޑަކަށް 12 ފޫޓް 8 ފޫޓުވަރު ކުޑަ ކޮޓަރިއެއްގައި އަށް ވަރަކަށް މީހުން ދިރިއުޅެއެވެ. ގިނަ މީހުންތަކެއް ކުޑަ ތަންކޮޅެއްގައި އުޅެން ޖެހުމުން ގައިން ގަޔަށް އަރާ ބަލިތައް ފަދަ ތަފާތު އެކި ސިއްހީ މައްސަލަތަކާ ވެސް ވަނީ ކުރިމަތިލާން ޖެހިފައެވެ.
ވަގުތީ ހިޔަލެއްގައި ދިރިއުޅެމުން އަންނަ މީހެއްކަމަށްވާ ސަފިއްޔާ ބުނީ ސުނާމީއަށްފަހު ދަރިންގެ ކިޔެވުމަށް ވަރަށް ބޮޑު ބުރޫއަރާފައި ވާކަމަށާއި، ނިދުމާއި، ކެއުމާއި، ކުދިން ކިޔަވަން އަދި އެހެނިހެން ބޭނުންތަކަށް ވެސް ބޭނުން ކުރަން ޖެހެނީ އެއްތަނެއް ކަމަށެވެ.
"އަޅުގަނޑުމެން މިއުޅެނީ ވަރަށް ދަތިހާލުގަ. ސަރުކާރުގެ މަތީ މީހުން އައީމަވެސް ބުނަން މިއުޅޭ ދަތިހާލު. ގެ އެޅުން ހުއްޓުނީމަ މިހާރު އެއްވެސް އުންމީދެއް ނެތް. އަޅުގަނޑުމެންގެ ހަރަދުގަ ތިންކޮޓަރި ހެދިން. އަޅުގަނޑުމެންނަށް ވެސް އިތުރަށް ނެހެދިފަ އެހުރީ އެވަރަށް ތަނަވަސްކަން ނެތިގެން،" ސުނާމީއަށްފަހު ދިރިއުޅެމުން އަންނަ ދަތިހާލަތު ކިޔާ ދެމުން ސަފިއްޔާ ބުންޏެވެ.
ސަފިއްޔާގެ އާއިލާގައި ދެމަފިރިންގެ އިތުރުން ހަތް ފިރިހެން ކުދިން ތިބެއެވެ. އޭގެ ތެރެއިން އެންމެ ކުޑައަށް ހުރި ކުއްޖާ ވަނީ ސުނަމީ ކާރިސާގައި މަރުވެފައެވެ. އެއީ ވިލިގިލިން ސުނާމީގައި މަރުވި ހަމައެކަނި ކުއްޖާވެސްމެއެވެ. އެކުއްޖާ މަރުވިއިރު އުމުރަކީ އެއްމެ އަހަރެކެވެ.
ސުނާމީއަށް ފަހު ސަފިއްޔާގެ އެންމެ ކުޑަ ކުއްޖާ ދުނިޔެ ދޫކުރި އިރު، އެންމެ ބޮޑަށް ހުންނަ 18 އަހަރުގެ ފިރިހެން ކުއްޖާވަނީ ސުނާމީއަށްފަހު ނަފްސާނީ މައްސަލަތަކާއި ކުރިމަތިވެފައެވެ. ކުޑަ ތަންކޮޅެއްގައި ދިރިއުޅެން ޖެހުމުން ގިނަވަގުތު ކުދިން ހޭދަކުރަނީ ބޭރުގައެވެ. ސަފިއްޔާ އާއިލާ ބަލަހައްޓަމުން ދަނީ ހަމައެކަނި ފިރިމީހާ އެސްޓީއޯ ފިހާރައިގެ ވޮޗަރުކަމުން ލިބޭ ހަތަރު ވަރަކަށް ހާސް ރުފިޔާއިންނެވެ.
ސަފިއްޔާގެ އިތުރުން ވަގުތީ ހިޔަލުގައި ދިރިއުޅެމުން އަންނަ އާއިލާއަކުން މައުލޫމާތު ދެމުން ބުނީ އެ އާއިލާގެ ދަރިން މީހުންނާއި އިދެ ދަރިން ލިބި، މިހާރު އެތާ ތިން އާއިލާ ދިރިއުޅެމުން ދާ ކަމަށެވެ. ޖުމްލަ 27 ހަކަށް މީހުން އެތާ ދިރިއުޅެއެވެ.
"ވާރޭ ވެހިއްޖެއްޔާ ތިބެންޖެހެނީ ތެމިގެން. ފުރާޅުތަކުން ފެންފައިބާ އެވަރަށް. ވިއްސާރަ ރޭރޭ ކުޑަކުދިން ވެސް ތިބެން ޖެހެނީ ނުނިދާ. ގޭތެރެއަށް ވާރޭ ވެހި، ފެންބޮޑުވީމަ ކަރަންޓުގަ ޖެހިދާނެތީ ހުރިހާ ކުދިން ތިބެން ޖެހެނީ އެއްތަނަކަށް ލާފަ،" ވަގުތީ ހިޔަލުގައި ދިރިއުޅެމުން އަންނަ މީހަކު އޭނާގެ ހާލަތު ކިޔާ ދެމުން ބުންޏެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ކައުންސިލަރ މުހަންމަދު ފާރޫގު ވިދާޅުވީ ގެ އެޅުން އަލުން ފެށޭނެ ވަކި ދުވަހެއް ބުނަން ނޭގޭ ކަމަށާއި، މިހާރު ވެސް ވަގުތީހިޔާތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކަށް ވީހާ ވެސް ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
"މަޝްރޫއު ހުއްޓިފަ މިއޮތީ ބަޖެޓުގަ ފައިސާ ނެތުމުން މަސައްކަތް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ސަރުކާރަށް އެންގުމުން. މިހާރުވެސް މިރަށުގަ ސަބް ކޮންޓްރެކްޓަރުންގެ ގޮތުގަ މަސައްކަތް ކުރި ފަރާތްތަކަށް ވެސް ދޭންވާ ފައިސާއެއް ނުލިބޭ. ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ އެކި ފަރާތްތަކަށް ލިބެން ޖެހޭ،" ފާރޫގު ވިދާޅުވިއެވެ.
ސުނާމީގައި ގެދޮރު ވީރާނާވި ވިލިގިލީ ރައްޔިތުންގެ އިތުރަށް ރާއްޖޭގެ ބައެއް ރަށްރަށުގެ ރައްޔިތުން އަދިވެސްތިބީ ވަގުތީހިޔާތަކުގައި މިފަދަ ނިކަމެތި ހާލެއްގައެވެ. އެމީހުންގެ ޝަކުވާއަކީ ސުނާމީ ރިކަވަރީ އަށްޓަކައި ދިވެހިރާއްޖެއަށް މި ވިހާތަނަށް ނުލިބޭވަރުގެ ބޮޑެތި އެހީތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފޯރުވައިދިން އިރުވެސް އޭގެން އެއްވެސް ފައިދާއެއް ވާންޖެހެ ފަރާތްތަކަށް ނުވުމެވެ.
ސުނާމީއަށް 8 އަހަރުވީ އިރުވެސް ހާލުގައި ޖެހުނު ވިލިގިލީ ރައްޔިތުން ވަގުތީ ހިޔާތަކުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ