ޕާޓީ އުވުނު މައްސަލައިގައި ރައީސްގެ ގައުމީ އިއްތިހާދު ޕާޓީން ކޯޓަށް
ސިޔާސީ ޕާޓީތަކުގެ ގާނޫނު ތަސްދީގުވުމާ އެކު 11 ޕާޓީއެއް އުވިފައިވާތީ އެ މައްސަލައިގައި ކޯޓަށް ދިޔުމަށް ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީން ނިންމައިފި އެވެ. އެ ޕާޓީން ނަލަހިޔާ ހޮޓަލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ އެ ޕާޓީ އުވިފައިވާ ކަމަށް އިލެކްޝަނުން ޕާޓީ އަށް އަންގާފައި ނުވާ ކަމަށާއި އަދި ޕާޓީ އުވުނުކަމަށް އިލެކްޝަނުން ބުނެފައި ވެސް ނެތް ކަމަށެވެ. އެހެންކަމުން އިލެކްޝަންސުން ޕާޓީތަކުގެ ގާނޫނު މާނަކުރާ ގޮތް ހުއްޓުވަން ސުޕްރީމް ކޯޓުގެ އަމުރަކަށް މިއަދު އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގާނޫނަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގުތަކާ ހިލާފު ގާނޫނެއް ކަމަށް ކަނޑައަޅައިދިނުމުގެ މައްސަލަ ވެސް ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ. އެ މައްސަލަ ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. "އަލުން އަޅުގަނޑުމެން އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ވަނީ ނިންމާފައި ބިލް ގާނޫނަކަށް ބަދަލުވެފައިވާތީ. މި ޕާޓީ އުވުނުކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް. އަދި މި ޕާޓީގެ މެންބަރުން އަދިވެސް ހަމަ ތިބީ މި ޕާޓީގައި. މި ޕާޓީގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ،" އައްބާސް ވިދާޅުވި އެވެ. އިލެކްޝަންސްގެ ރަސްމީ ވެބްސައިޓުން ދައްކާ ގޮތުން މިހާރު ރާއްޖޭގައި އޮތީ ފަސް ސިޔާސީ ޕާޓީ އެވެ. އެއީ އެމްޑީޕީ އާއި ޑީއާރުޕީ އާއި ޕީޕީއެމް އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އެވެ. އައްބާސް ވިދާޅުވީ އިލެކްޝަންސުން އެ ޕާޓީގެ ނަން ދަފުތަރުން އުނިކުރިއިރު އެ ޕާޓީން ކުރިން ތިބި 3،929 މެންބަރުންގެ އިތުރަށް 7869 ފޯމް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު އިލެކްޝަންސްއިން އެ ޕާޓީ ވެސް ހިމެނޭ ގޮތަށް ދަފްތަރުން ނަން އުނިކުރީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ބައެއް މެންބަރުން ރާވައިގެން ކޮމިޝަނަށް "ބިރުދައްކައިގެން" ކަމަށް ވެސް އައްބާސް ތުހުމަތުކުރެއްވި އެވެ. "ދެތިން މީހެއްގެ އަތްދަށަށް މުޅި ގައުމުގެ ސިޔާސީ ފިކުރު ދިއުމަށް އަޅުގަނޑުމެން މި ޕާޓީން ދުލެއް ނުކުރާނެ. ކުދި ޕާޓީތަކަކީ މުހިންމު ބޮޑަތި ޕާޓީތަކަށް ވުރެ ގައުމަށް މާ މުހިންމު ބައެއް،" އައްބާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ޕާޓީން ބިލްގައި ބުނާ އަދަދަށް މެންބަރުން ހަމަކުރުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށެވެ. އަދި އެ އަދަދަށް މެންބަރުން ހަމަކުރީ ގިނަ ކެމްޕޭންތަކެއް ކޮށް އަދި ހާއްސަ އޮޕަރޭޝަންތަކެއް ހިންގައިގެން ކަމަށެވެ. އަދި ރައީސް ވަހީދުގެ ތާއީދު އޮތްކަން އެކަމުން ވެސް ދައްކައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ